ވާދަވެރި ރޫޙެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުންހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާއި، ދިވެހި ޘަޤާފަތް ރަމްޒުކޮށްދޭގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި އެމްއެންޑީއެފް އިން ކުރިއަށް ގެންދިޔަ " ހެސަ ވާދަ " މުބާރާތުގެ ފަހުރުވެރި އެއްވަނަ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމެންޓް ޔުނިޓް 2 އިން ހޯދައިފިއެވެ.

ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި އެމްއެންޑީއެފްގެ 17 ޔުނިޓަކުން ބައިވެރިވެފައިވާއިރު މި މުބާރާތް ކުރިއަށް ގެންދެވުނީ އާންމުންނަށާއި ސަރުކާރުގެ އޮފިސް އަދި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

ހެސަ ވާދައިގެ އެއްވަނަ މެރިން ޑިޕްލޮއިމެންޓް ޔުނިޓް 2 އިން ހޯދީ އެ ޔުނިޓަށް ޖެހުނު ޓާސްކު 20 މިނެޓް 19 ސުކުންތު 58 މިލި ސުކުންތުން ނިންމައިގެންނެވެ.

މި މުބާރާތުގެ ދެވަނަ ކޯސްޓް ގާޑަށް ލިބިފައިވާއިރު ތިންވަނަ ލިބިފައިވަނީ މެރިން ޑިޕްލޮއިމެންޓް ޔުނިޓް 3 އަށެވެ.

ހެސަ ވާދަ މުބާރާތުގެ އެއްވަނަ ޓީމަށް މެޑަލް އާއި ހަނދާނީ ލިޔުމުގެ އިތުރުން ހެސަ ވާދަ އަށް ހާއްސަ ޓްރޮފީ ހަވާލުކޮށްދެއްވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް އުމަރެވެ.

އެމްއެންޑީއެފް އިންޓަރ ޔުނިޓް ހެސަ ވާދަ 2018 ޗެލެންޖް ނިންމުމުގެ ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހެސަ ވާދަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ފަހު ވާހަކަ ދައްކަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ ހެސަ ވާދަ މުބާރާތަކީ ނޭޝަނަލް ލެވެލްގެ މުބާރާތަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި އެ މުބާރާތުން ދިވެހިންގެ ކާބަފައިން ކޮށް އުޅުނު އެތަކެއް ކަމެއް ފެނިގެން ގޮސްފައިވާއިރު ކާބައިފައިންގެ ދިރިއުޅުމުން ހުރިހާ ދިވެހިން ހިތްވަރު ލިބިގަންނަން ޖެހޭ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

އަދި ދިވެހި ސިފައިންނަކީ އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބެން ޖެހޭ ބައެއް ކަމަށާއި ކޮންމެ ފަދަ މަސައްކަތެއް ކުރަން ޖެހުނަސް އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އެ މަސައްކަތެއް ކުރުމަށް ތައްޔާރަށް ތިބޭ ބަޔަކަށް ދިވެހި ސިފައިން ވާން ޖެހޭނެ ކަމަށްވެސް ޖެނެރަލް ޝިޔާމް ވިދާޅުވިއެވެ.

" ދިވެހި ސިފައިން ވާން ވާނީ ކޮންމެ ފަދަ މަސައްކަތެއް ކުރަން ޖެހުނަސް ތައްޔާރަށް ތިބޭ ބަޔަކަށް. އަދި ދިވެހި ސިފައިން މަސައްކަތުގެ ބާވަތަށް ބަލައިގެން ނުވާނެ. އަދި ހަމަ އެހެންމެ ދިވެހި ސިފައިންނަކީ ހަމައެކަނި އުދުވާނީ ހަމަލާއެއް ކުރިމަތިވާ ވަގުތު އެ ހަމަލާއިން ދިފާއުވުމަށް މަސައްކަތް ކުރާ ބަޔަކަށް ވެގެން ނުވާނެ. ދިވެހި ސިފައިން ވާންވާނީ ގައުމަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބޭ ބަޔަކަށް " ޖެނެރަލް ޝިޔާމް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިންޓަރ ޔުނިޓް ހެސަ ވާދަ 2018 ޗެލެންޖް ނިންމުމުގެ ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަދި ހެސަ ވާދަ މުބާރާތް ކުރިއަށް ގެންދިޔައީ ކާބަފައިންގެ ދިރިއުޅުން ދައްކުވައިދިނުމުގެ އިތުރުން ލީޑަޝިޕް އަދި ސިފައިންގެ ވަކިވަކި ހުނަރުތަށް ދެއްކޭނެފަދަ ގޮތަކަށް ކަމަށްވެސް ޖެނެރަލް ޝިޔާމް ވިދާޅުވިއެވެ.

އަދި ސިފައިން،އޯޑަރަށް ކިޔަމަންވުމަކީ މުހިންމު ކަމެއްކަމުގައި ބުނަމުން ޖެނެރަލް ޝިޔާމް ވަނީ ގައުމީ ބަތަލުންގެ ދިރިއުޅުމުން ހިތްވަރު ލިބިގަތުމަށް ހުރިހާ ސިފައިންނަށް ގޮވާލާފައެވެ.

ހެސަވާދަ މުބާރާތުގެ އެއްވަނަ ޔުނިޓަށް ޓްރޮފީ ހަވާލުކޮށްދިނުމަށް ފަހު ރަސްމިއްޔާތު ޝަރަފުވެރި ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް އުމަރު ވިދާޅުވީ ހެސަ ވާދަ މުބާރާތުން ދިވެހި ކާބައިންގެ ދިރިއުޅުން ރަމްޒުކޮށްދިނުމުގެ އިތުރުން ދިވެހި ސިފައިންގެ ތެރޭގައި އޮންނަ ލީޑަޝިޕް ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ދިވެހި ސިފައިންގެ ތެރޭގައި ލީޑަޝިޕް ވަރުގަދަވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ސިފައިންގެ ހުނަރުތަށް ތަރައްޤީ ކުރުމަށް އެމްއެންޑީއެފްގެ އިސް ފަރާތްތަކުން ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ގައުމީ ހިދުމަތުގައި އަބަދުވެސް ދިވެހި ސިފައިން ދެމި ތިބޭނެ ކަމަށާއި ދިވެހި ސިފައިންނަކީ ގާބިލް ބައެއް ކަމަށްވެސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

" ދިވެހި ސިފައިންނަކީ ވަރަށް ގާބިލް ބައެއް. ގައުމަށް ނުރައްކާ ކުރިމަތިވާ ކޮންމެ ހިދެއްގައި ދިވެހި ސިފައިން އިސްކުރީ ގައުމީ ވާޖިބު. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ 1 ފެބްރުއަރީގައި ގެންނަން އުޅުނު ބަގާވާތް ނާކާމިޔާބު ކުރުމުގައި ދިވެހި ސިފައިން އަދާކުރި ދައުރު. އަދި ބަގާވާތް ގެންނަން އުޅުނު މީހުންނަށް މިހާރު އެދަނީ އެކަމުގެ އަދަބު ލިބެމުން " ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އެމްއެންޑީއެފް އަށް ވަރަށް މުހިންމު އިންތިހާބެއް ކަމަށާއި އެ އިންތިހާބު ދެފުއްފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފްގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭނެ ކަމުގައިވެސް ޑިފެންސް މިިނިސްޓަރ ވިދާޅުވިއެވެ.

އަދި ދިވެހި ރާއްޖޭގައި ސިފައިން ފޯރުކޮށްދޭ ހިދުމަތްތަކަށް ވުރެއް އަގުހުރި ހިދުމަތްތަށް ފޯރުކޮށްދޭ އެހެން ބަޔަކު ނޫޅޭކަން ފާހަގަ ކުރަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ދިވެހި ސިފައިންގެ ނަން ދިވެހި ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ކަމަށެވެ.

އަދި ދިވެހި ސިފައިން ފޯރުކޮށްދޭ ހިދުމަތްތަށް ފުޅާކޮށް ހިއުމަން ކެޕިޓަން އިތުރުކުރުމަށް އަންނަ މަހުގެ ތެރޭގައި ސިފައިންގެ ވަޒީފާއަށް އިތުރު ބަޔަކު ވެއްދުމަށް އިއުލާން ކުރާނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚަލީ

    މިނޫން ކަމެއް،ނޫނީ މިނޫން ކަމަކު ވަނަ ހޯދަންވެއްޖެ ދޯ، ގައުމާ ދިވެހި ރައްޔިތުން ހަލާކުވެ ދާއިރު

  2. ގޯލު

    ނޭޝަނަލް ލެވެލްގެ ކުޅެންވީ ކުޅިވަރު އެނގެނީ މިމީހުނަށްދޯ. ޓެކުހުން ދުވާލަކަށް 7 މިލިއަން ހަރަދުކުރީމަ ހެސަވާދަ ކުޅެފަ ބާސާކަނޑަނީ.