ގާާނޫނީ ވަކީލުން ވާންޖެހޭނީ، ސިޔާސީ ނުވަތަ މާލީ ނުވަތަ އެނޫންވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކު މަސައްކަތްކުރާ ބަޔަކަށް ކަމަށް ވަކީލުންގެ ބެލެނިވެރި ފަރާތް، ބާ ކައުންސިލުން އެކުލަވާލި ގާނޫނީ ވަކީލުންގެ ސުލުކީ ގަވާއިދުގައި ބުނެފިއެވެ.

ބާ ކައުންސިލުން އާއްމުކޮށްފައިވާ ސުލޫކީ ގަވާއިދުގެ މައިގަނޑު ބޭނުމަކީ އަދުލު އިންސާފު ގާއިމުކޮށްދިނުމުގައި އާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ގާނޫނީ ވަކީލުންނަކީ، މިނިވަންކަމާއި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ބައެއް ކަމުގައި ހެދުމަށް ބާރުއެޅުމަށާއި، ވަކީލުން ދޭ ހިދުމަތަކީ އިންސާފުވެރިކަމާއި ހަމަހަމަކަމުގެ މައްޗަށް ބިނާވެގެންވާ ހިދުމަތެއް ކަމުގައި ކަށަވަރުކޮށް، ހިދުމަތް ހޯދާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކޮށްދީ، ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ބާރުއެޅުން ކަމަށް ބުނެފައިވެއެވެ.

ވަކީލުންގެ ސުލޫކީ ހަމަތައް ބަހާލާފައިވަނީ ހަތް ކަމެއްގެ މައްޗަށެވެ. އެ ކަންތައްތަކަކީ މިނިވަންކަމާއެކު މަސައްކަތް ކުރުމާއި، މަސްލަހަތު ފުށުއަރާ ކަންތައްތަކުން ތަނާޒަލްވުމާއި، މުވައްކިލަށް އިހްލާސްތެރިވުމާއި މުވައްކިލުގެ މަސްލަހތުގައި މަސައްކަތްކުރުން އަދި މަަސައްކަތުގެ އަގު ކަނޑައެޅުމުގައި މުވައްކިލުންގެ މެދުގައި އިންސާފުވެރިވުމެވެ. މި ހަތްކަމުގެ ތަފްސީލު ވަނީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައެވެ.

ގާނޫނީ ވަކީލުންތަކެއް ފަނޑިޔާރުކަމަށް ހުވާ ކުރައްވަނީ

މިނިވަންކަމާއެކު މަސައްކަތްކުރުން

  • ކޮންމެ ގާނޫނީ ވަކީލަކު ވެސް އެ މީހެއްގެ މުވައްކިލަށް ލަފާ ދިނުމުގައްޔާއި މުވައްކިލު ތަމްސީލުކުރުމުގައި މަސައްކަތްކުރަންވާނީ، މިނިވަންކަމާއެކު، އެހެން ފަރާތެއްގެ އިރުޝާދަކަށް ނުވަތަ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއްނެތި، ތައައްސުބުން އެއްކިބާވެ ހުރެއެވެ.
  • ގާނޫނީ ފަންނުގެ އަސާސްތަކާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ހަމަތައް ނެގެހެއްޓުމަށް ގާނޫނީ ވަކީލަށް އޮންނަ ޒިންމާއާ ހިލާފުވާ ގޮތަކަށް އެއްވެސް ވަކީލަކު އަމަލުކޮށްގެން ނުވާނެއެވެ. މުވައްކިލުގެ މަސްލަތުގައި އަމަލުކުރާ
    ހާލަތުގައި ވެސް މިކަން އޮންނާނީ މިހެންނެވެ.
  • ވަކީލަކު އޭނާގެ މުވައްކިލަށް ފޯރުކޮށްދޭ ހިދުމަތުގެ އަގު އަދާކުރަނީ ތިންވަނަ ފަރާތަކުން ކަމުގައި ވިޔަސް، ނުވަތަ ވަކީލެއްގެ މުވައްކިލަކީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ހަމަޖެހިފައިވާ މުވައްކިލެއް ކަމުގައި ވިޔަސް، އެ ތިންވަނަ ފަރާތަކުން އެދޭ ގޮތަކަށް މުވައްކިލާމެދު އަމަލުކޮށްގެން ނުވާނެއެވެ. އަދި މުވައްކިލަށް ލަފާދިނުމުގައްޔާއި މުވައްކިލު ތަމްސީލުކުރުމުގައި އޭނާ މަސައްކަތްކުރަންވާނީ މިނިވަންކަމާއެކު، އެހެން ފަރާތެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއް ނެތިއެވެ.

ގާނޫނީ ވަކީލާއި ބެހޭ ގޮތުން ވަކީލުންގެ ހަމަތަކުގައި ބުނެފައިވަނީ ވަކީލަކު ގާނޫނީ ފޯރުކޮށްދިނުމުގައި، މީހެއްގެ ގައުމަށް، ނުވަތަ ދީނަށް ، ނުވަތަ ނަސްލަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ މީހެއްގެ މާލީ ފުދުންތެރިކަމަށް، ނުވަތަ މީހެއްގެ ކިބައިގައި ހުރި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ މީހަކު ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މީހެއް ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ނުވަތަ މީހެއް ސިޔާސީގޮތުން ގަބޫލުކުރާ ގަބޫލުކުރުމަކަށް ބަލައިގެން ތަފާތުކޮށްގެން ނުވާނެ ކަމަށެވެ. ވަކީލު މުވައްކިލަކަށް ހިދުމަތް ފޯރުކޮށްދޭންވާނީ، ގާނޫނީ ވަކީލާއި މުވައްކިލާ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ވުމަށް ފަހުގައެވެ.

އަދި އެފަދަ އެއްބަސްވުމެއް ވުމަށް ފަހުގައި މެނުވީ، ވަކީލު ފޯރުކޮށްދޭ ހިދުމަތަކާ ގުޅޭގޮތުން އެއްވެސް ކަމެއް ކޮށްދޭނެކަމުގެ ޔަގީންކަން، ގާނޫނީ ވަކީލަކު ދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކޯޓުތަކުގައި މުވައްކިލުން ތަމްސީލުކުރުމާއި ގުޅޭ ގޮތުން ގަވާއިދުގައި ބުނެފައިވަނީ މުވައްކިލުން ތަމްސީލުކުރަންވާނީ، އެ މައްސަލައިގައި މުވައްކިލުގެ މަސްލަތަށް އެންމެ ރަނގަޅު ގޮތަކަށެވެ. އެހެންނަމަވެސް ކޯޓުތަކުގައި މުވައްކިލުން ތަމްސީލުކުރާއިރު، މުވައްކިލަށް އޮންނަ ޒިންމާގެ އިތުރުން، އަދުލު އިންސާފު ގާއިމުކުރުމަށް ޓަކައި ކޯޓަށް ދޭންޖެހޭ އެއްބާރުލުންދީ އެހީތެރިވުމުގެ ޒިންމާ ގާނޫނީ ވަކީލުން އަދާކުރަންވާނެ ކަމަށްވެސް ގަވައިދުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޮޑި

    ތިޔަ ވިދާޅުވާގޮތައް ކަންކަން ހިނގާނަމަ ރަނގަޅު، ސިޔާސީ ނުފޫޒް ނުވަތަ ވަޒީފާގެ ބިރުދެއްކުން ހުރިހާތަނެއްގައިވެސް އޮތީ

  2. ކޮވިޑް

    ފޮޓޯ ފެނުނީމަވެސް އިންގޭ ތިހެން ބުނެފާނެކަން. ނުފޫޒް މިހާރު މި ޤައުމުގެ ރައްޔަތުން ނަށް ވަރަށް ރަންގަޅަށް އެބަ އެންގޭ ބާކަނުންސިލް . ވަރަށް ވެދުން

  3. ހުސޭނުބޭ

    ގާާނޫނީ ވަކީލުން ވާންޖެހޭނީ، ސިޔާސީ ނުވަތަ މާލީ ނުވަތަ އެނޫންވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކު މަސައްކަތްކުރާ ބަޔަކަށް ކަމަށް ވަކީލުންގެ ބެލެނިވެރި ފަރާތް، ބާ ކައުންސިލުން އެކުލަވާލި ގާނޫނީ ވަކީލުންގެ ސުލުކީ ގަވާއިދުގައި ބުނެފިއެވެ...............
    ހުޅަގުފަރާތުން އިރުއެރިޔަސް ތިކަމެއް ނުވާނެ.
    ރާއްޖޭގެ ވަކީލުން ތިބެންޖެހޭނީ ފައިސާކޮޅަކަށް ކޮންމެ ފަދަ ދޮގެއްވެސް ހަދަން ތައްޔާރުވެގެން