ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހިންގާ ތަހުގީގަށް އެމަނިކުފާނުގެ އަރިހަށް ބަޔާން ނަގަން އަންނަ ޖެހޭ ސަބަބެއް ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މޭއި ހަވަނަ ދުވަހު އެމަނިކުފާނު އަވަހާރަ ކޮށްލަން ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދުގެ ބަޔާނެއް މުހިއްމުވާތީ އެ ބަޔާން ނެންގެވުމަށް އިނގިރޭސިވިލާތަށް ވަފުދެއް ފޮނުވަން މަޝްވަރާ ވަނީ ކޮށްފައެވެ. އެހެން ނަމަވެސް އެކަމާއި މެދު ގޮތެއް ނުނިންމާ ކަމަށް ރަސްމީ އިދާރާތަކުން ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ވަކި ގޮތެއް ނުނިންމި ނަމަވެސް ނަޝީދު ވަނީ ބަޔާން ދެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ ބަޔާނެއް ނަގަން ބަޔަކު އިނގިރޭސިވިލާތަށް އަންނަން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އެމަނިކުފާނުގެ މައްޗަށް އުފުލާ ދައުވާއެއް ނޫން ކަމަށް ވާތީ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެނަސް މޯލްޑިވްސް ޕޮލިސް ސަރިވިސް އިން އިނގިރޭސިވިލާތުގެ އިދާރާތަކާއި މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ބަޔާނެެއް ހޯދަން ތަހުގީގީ އިދާރާތަކުން އެދުމުން އެމަނިކުފާނު ވަނީ މީގެ ކުރީން ޓްވީޓެއް ކުރައްވާ ރައްދެއް ވެސް ދެއްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

އެމަނިކުފާނުގެ ބަހަކަށްވެސް އަދި ބަޔާނަކަށްވެސް ފުލުހުންނަށް ދެވޭނީ ލިބިފައިވާ ޒަހަމްތައް ކަމަށް އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. ނަމަވެސް "ހިތާއި މޭ ހިބައިން ލިޔެދިނުމުންވެސް" އިންސާފް ނުލިބުނު ކަމަށް އެމަނިކުފާނު ވަނީ ހަރުބަހަކުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ އިދާރާއަށް ފާޑުވިދާޅުވެފައެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީ މަގުގައި ހުރި އެމަނިކުފާނުގެ ކާރުކޮޅަށް ވަޑައިގަންނަވަން ހިންގަވަނިކޮށް ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައީޑީއެއް ހަރުކޮށްގެން ގޮއްވާލި މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

މި މައްސަލައިގައި ދައުވާ އުފަލަން ޕީޖީ އޮފީހުން ނިންމީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަދަނޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ނުޖެހޭ ދައުލަތުގެ ފައިސާ ބޭކާރުކޮށްގެން ނަޝީދުގެ ބަޔާން ހޯދަން ދާކަށް.

    10
  2. ޖިބޭ

    ތަހުގީގު ކުރިއަށް ދާލެއް މަޑުކަމުން އުޅެނީ ކަލެއެއް ނޫންތަ؟ ބަޔާން ނަގަން ކަލޭ އައީކީއެއްނޫން. ދެން ބަޔާން ނުނެގީމަ ހަކުރު ގިނަވޭ... ތަޅާނެ ކުދިންކޮޅެއް ހޯދަން ގޮވާފާނެ..

  3. ނަގުލަން ދާށި

    ތިވަރުން ތި މައްސަލަ ބަލާނެ ކަމެއް ނެތް ދައލަތުން ބޮޑު ޙަރަދު ކޮށްފަ ފައިލް ކޮއްލާ

  4. ކޮރަލް

    ޒިންމާ ތަކުން އެއްކިބާ ވެ ފިލާ ހުންނަން ޖެހޭ ސަބަބެއް ނެތެވެ. އެމްޑީޕީ ގެ ރައީސް ކަން އުމުރު ދުވަހަށް ކުރަން ޖެހޭ ސަބަބެއް ވެސް ނެތެވެ.

  5. އުސްމާނުބެ

    މަށަކައް ނުވިސްނޭ ، ރާއްޖެ ނައިސް މަގާމުގެ މުސާރަ ނަގައިގެން ހުނަންޖެހޭ ސަބަބެއް........