ދިވެހި ދަރިވަރުންނަށް އިސްލާމް މާއްދާ ކިޔަވައިދޭން ބޭނުން ކުރާ ބައެއް ފޮތްތަކުގައި ކީރިތި ޤުރްއާންގެ ބައެއް ސޫރަތްތައް ނުބައިކޮށް އޮތް މައްސަލަ ރަނގަޅަށް ތަހުގީގުކޮށް "އިންޓާނަލް އޮޑިޓެއް" ތައްޔާރު ކުރަން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ގޮވާލައިފިއެވެ.

އެންމެ ފުރަތަމަ ގްރޭޑް އެކެއްގެ އިސްލާމް ފޮތުގައި މިފަދަ މައްސަލައެއް އޮތް ކަން އެ ގްރޭޑްގެ ދަރިވަރަކު ފާހަގަކޮށްގެން ފެންމަތިވެގެން ދިޔައެވެ. އޭގެ ފަހުން އިދިކޮޅު ކޯލިޝަންގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިތުރު ގްރޭޑްތަކުގެ ފޮތްތަކުން މިފަދަ ބައެއް މައްސަލަތައް ފާހަގަކުރައްވައި ޓްވީޓް ކުރައްވައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީމްއާއި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގެން ފާހަގަ ކުރެވުނު މިފަދަ ބައެއް މައްސަަލަތަކުގެ މައްޗަށް ޕްރެޒެންޓޭޝަންއެއް ހުށަހެޅުއްވިއެވެ. އޭގައިވާ ގޮތުން، ގްރޭޑް 1 ގެ އިތުރުން، ގްރޭޑް 2، ގްރޭޑް 10، އަދި ގްރޭޑް 12 ގެ ފޮތުގައި ވެސް މައްސަލަތަކެއް ފާހަގަ ކުރެވިފައިވެއެވެ.

އިސްލާމީ އިލްމުގެ ތަޖުރިބާކާރު ޝަހީމް ވިދާޅުވީ، މިއީ އާދައިގެ ގޮތަކަށް ނަގަން ވާނެ މައްސަލައެއް ނޫން ކަމަށާއި އަދިވެސް އިތުރު ގްރޭޑްތަކުގެ ފޮތްތައް ދިރާސާ ކުރުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން އިސްވެގެން ކުރަމުން ގެންދާނެ ކަމަށެވެ.

"ހުރިހާ ބެލެނިވެރިން ވެސް ގްރުއާނާއި އިސްލާމް ފޮތްތައް ރަނގަޅަށް ބެލުމަށް ގޮވާލަން. ހުރިހާ މުދައްރިސުން ވެސް ބަލައިލުން މުހިއްމު. އާޔަތާއި އާޔަތުގެ ތަރުޖަމާ ވެސް ދިމާވޭޔޯ ބަލަން އެދެން." ޝަހީމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ، މި ކަމުގައި ފާހަގަ ވެފައި އޮތީ މި ސަރުކާރު ހިންގަމުންދާ ގޮތުގެ ނިޒާމުގެ ވަރަށް ބޮޑު ފެއިލާއެއް ކަމަށެވެ.

"މި ސިސްޓަމްގެ ފެއިލާއެއް، އިންޓާނަލް އޮޑިޓެއް މީގައި ހަދަން ޖެހޭ، މިއީ ރައްޔިތުން ޓެސްޓް ކުރަން ކުރާ ކަމެއް ކަމަށް ވެސް ބެލެވޭ، މި ކަމުގައި ފަރުދީ ލެވެލްގައި ވެސް ބަލަން ޖެހޭ ބެލުންތައް ބަލަން ގޮވާލަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމް މާއްދާގެ ފޮތްތައް ތައްޔާރު ކުރަމުން ގެންދާ ގޮތް ވެސް ކޮންމެ ވެސް ވަރަކަށް ކިޔައި ދެއްވައިފައެވެ. އެގޮތުން ފޮތުގައި ކުށެއް އޮތްތޯ ބެލުމުގެ މަސައްކަތަށް ދިގު މަރުހަލާއެއް އޮންނަ ކަން ފާހަގަ ކުރެއްވިއެވެ.

"ފޮތްތައް ތައްޔާރު ކުރާ ފަރާތްތަކުން ވެސް އެކި ފަހަރު މަތިން ޕްރޫފް ރީޑް ކުރާނެ، ދެން އެ ޕެނަލްއަކަށް ފޮނުވާނެ، އެ ޕެނަލްއިން ވެސް ޕްރޫފް ރީޑް ކޮށްފައި އިސްލާމިކް މިނިސްޓްރީއަށް ފޮނުވާނެ، އެ މިނިސްޓްރީއަށް ފާހަގަވި ކުށްތައް އަނެއްކާ ވެސް ޕެނަލްއަށް ފޮނުވާނެ،" އޭނާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ފާހަގަ ކުރެއްވި ގޮތުގައި، މައްސަލަ ދިމާވީ ފޮތްތައް ބަލާ ފާސްކުރަން އޮންނަ ކޮމިޓީން އޭގައި ރަނގަޅަށް ނުބެލުމުންނެވެ. މައްސަލަ ހުރި ފޮތްތައް ދަރިވަރުންގެ އަތުން ނެގުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުބައިގެ ނުބައި

    ރާއްޖެއަށް މިވަނީ ތަޢުލީމުގެ ވަބާއެއް އައިސްފައި. ތަޢުލީމު ދިނުމުގެ ނަމުގައި ފައިސާ އަތުލާފައި ހެސްކިޔާފައި ޑިގްރީ ބަހަނީ. އެއްވެސް ކޮލިޓީއެއް ޑިގްރީތައް ބެހުމުގެ ނަތީޖާ ފެންނަމުން މިދަނީ. ދައުލަތުގެ އޮފީހަކުންވިޔަސް އަމިއްލަ އޮފީހަކުންވިޔަސް އިނގިރޭސި ބަހުންވިޔަސް ދިވެހިބަހުންވިޔަސް އެއްޗެއް ލިޔެފިއްޔާ އެ އެއްޗެއް އޮންނާނީ ރޯނުބައިކޮށް. ކޮންމެ މީހަކު ކޮންމެ އެއްޗެއް ލިޔެފައި ބުނަން އުޅޭ އެއްޗެއް އެނގޭ ނޫންހޭ ކިޔާފައި ވަރިހަމަކޮށްލަނީ. ދުނިޔޭގައި ފޮތް ހަދަނީ ވަކި އުސޫލަކުން ވަކިގޮތަކަށް ބަލައިގެން. ކުރިން ރާއްޖޭގައި ފޮތް ހެދީ އެގޮތަށް. ފަހުން އެސްޓިމޭޓަށް ފޮތްތައް ދޫކޮށްލީމާ އެކަކު އަނެކަކާ ވާދަކޮށްގެން ހެޔޮއަގުގައި ނަގައިގެން ފެންވަރެއް ނެތް ދެއުޅިއެއްނުވާ ދުނިޔޭގައި ލެއްވިހައިކަމަކަށް އަތްބާނައިގެން ދުވާ ބައިގަނޑެއް މާމޮޅު ބަޔަކަށް ހެދިގެން ފޮތްތައް މިހަދަނީ. ޤުރްއާން ފޮތް އެކަންޏެއް ނޫން، ކޮންމެ ފޮތެއް ރަނގަޅަށް ބަލާލިޔަސް އޮންނާނީ ތިފެންވަރުގައި.