ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އެއްބަސްވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު އަލީ ނަޒީރު ދޮގު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްނުވީ ޖުމްހޫރީ ޕާޓީ އެކަނި ކަމަށެވެ.

"ޕާޓީތަކުން އެދުނު ގޮތްތައް އަޅުގަނޑުމެން މެނިފެސްޓޯއަށް އެއްބަސްވިން. ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުން، އަދާލަތު ޕާޓީއާއި އެމްއާރުއެމް އިން ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްވެފައި." ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ދެއްކެވި އެ ވާހަކައާ ގުޅިގެން "ވަގުތު" އިން ކުރި ސުވާލެއްގެ ޖަވާބުގައި އަލީ ނަޒީރު ވިދާޅުވީ އަދާލަތު ޕާޓީން ބަރުލަމާނީ ނިޒާމެއް ގެނައުމަށާއި ނިޒާމު ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެސް އެއްބަސްވެފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެއްބަސްވި ކަންކަން އޮންނާނެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކޯލިޝަންގެ މެނިފެސްޓޯގައި، އޭގައި ނޯންނާނެ ނިޒާމާ ގުޅުން ހުރި އެއްވެސް ވާހަކައެއް،" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވާ ނަޒީރު ވިދާޅުވިއެވެ.

އަދާލަތު ޕާޓީއާއި އެމްއާރުއެމް އިން އޭރަކު އެފަދަ ވާހަކައެއް ދައްކާފައެއް ނެތެވެ. ފުރަތަމަ އެމްޑީޕީން ނެރުނު މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވައުދު އޮތް ނަމަވެސް ކޯލިޝަންގެ މެނިފެސްޓޯގައި އެ ބައިތައް އުނިކޮށްފައިވެއެވެ.

އޭރު ވަކިވަކި ޕާޓީތަކުން ފުރަތަމަ މެނިފެސްޓޯއެއް ނެރުނެވެ. ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން ނެރުނު މެނިފެސްޓޯގައި ވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަތަކެއް ނެތެވެ.

އެހެންވިޔަސް އެ ކަމަކީ ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގެ އެއް އަމާޒެވެ. 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ނަޝީދާއި އެމްޑީޕީން ތާއީދު ކުރީ ވެސް ބަރުލަމާނީ ނިޒާމަކަށެވެ.

މިހާރު ނަޝީދުގެ އިރުޝާދުގެ ދަށުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި ދަނީ ހިނގަމުންނެވެ. މިހާތަނަށް އެ ޕެޓިޝަންގައި 50،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ ކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

އެމްޑީޕީގައި ވެސް މިހާރު ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން ވަކި މަދެއް ނޫނެވެ. ރައީސް ސޯލިހްގެ ފެކްޝަންގެ ބޭފުޅުން ވެސް ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރައްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވިދާޅުވެފައިވަނީ ވަކި ވެރިކަމުގެ ނިޒާމަކަށް އެމްޑީޕީގެ ގުނަވަނަކުން ފާސްކޮށްގެން އެންޑޯޒް ކޮށްފައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ނަޝީދަކީ ލާދީނީ ދޮގުވެރިއެއް. ޝޭޚް އިމްރާން ފަދަ ދީނީ ހަމަޖެހޭ މީހުން މިގައުމަށް ބޭނުމީ

    2
    2
  2. މަނީމަނީސޯ

    ކިތަންމެ ވަރަކައްތެޅުނަކަސް ﷲދެއްވި މީހަކައްނޫނީ ވެރިކަމެއް ނުލިބޭލެ ނަޝީދުގެ ވެރިކަމުގަވެސް ކަރެޕާޗަން އިންތިހާ އެއީ ނިޒާމުގެ މައްސަލައެއްނޫން

  3. ދިރާސާ

    ނިޒާމްގޯހީތޯ އެނިޒާމަށް ޢަމަލުކުރައްވަން ތިއްބަވާފަރާތްތަކުންޢަމަލުކުރައްވާގޮތް ގޯހީތޯ
    އިސްލާމީނިޒާމަށްުރެ