މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެތެރޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި އޮސްޓްރޭލިޔަން ޓްރާންސެކްޝަން ރިޕޯޓްސް އެންޑް އެނާލިސިސް ސެންޓާ (އޮސްޓްރެކް) އާ ދެމެދު މައުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުން ރަސްމީގޮތުން ސްރީލަންކާގެ ކޮލަމްބޯގައި ހުންނަވާ ރާއްޖޭގެ ސަފީރު އުމަރު އަބްދުއް ރައްޒާކްއަށް ވަނީ މި މަހުގެ ތިން ވަނަ ދުވަހު އަރުއްވައިފައެވެ.

އޮސްޓްރޭލިޔާ ހައިކޮމިޝަނުން ވިދާޅުވީ އެއްބަސްވުމުގެ ދަށުން ދެ ގައުމު ދެމެދުގައި މަނީ ލޯންޑަރިން އަދި ނިރުބަވެރި އަމަލުތަކަށް ކުރާ ހަރަދުތަކުގެ މައުލޫމާތުތައް ދެ ގައުމު ދެމެދު ބަދަލު ކުރެވިގެންދާނެ ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން އޮސްޓްރެކްއާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި ދެމެދު އޮންނަ ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ހައިކޮމިޝަނުން މައުލޫމާތު ދެއްވިއެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މަނީ ލޯންޑަރިން ކަމަށް ބަލަނީ ހަތަރު ހާލަތެއްގެ މައްޗަށް ބިނާކޮށެވެ. ޓެރަރިޒަމް ފައިނޭންސް ކަމަށް އެ ގާނޫނުގައި ބުނެފައިވަނީ ނިރުބަވެރިން ނުވަތަ ނިރުބަވެރި ހަރަކާތެއް ހިންގުމަށްޓަކައި އެއްވެސް މިންވަރަކަށް ނުވަތަ މުޅި އަދަދު އެކުގައި ބޭނުންކުރުމުގެ ގަސްދުގައި، ނުވަތަ އެފަދައިން ބޭނުންކުރާނެކަން އެނގިހުރެ، ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، އެއްވެސް ވަސީލަތެއް މެދުވެރިކޮށް، ގަސްދުގައި ފައިސާ ފޯރުކޮށްދިނުން ނުވަތަ ފައިސާ ހޯދުން ނުވަތަ އެއިން ކަމެއް ކުރަން އުޅުމަށެވެ.

ވަކި ނިރުބަވެރި ހަރަކާތަކާ ގުޅުމެއް ނެތްކަމުގައި ވީނަމަވެސް، ނުވަތަ ވަކި ނިރުބަވެރި ހިންގުމަށް އެ ފައިސާ ބޭނުންކުރެވުނު ކަމުގައި ނުވިނަމަވެސް ނިރުބަވެރިކަމަށް ހަރަދު ކުރި ކަމަށް ބެލެވޭނެއެވެ.