ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރަން ޖެހޭ ތިން ދާއިރާއެއްގެ މެންބަރުންގެ މަގާމަށް އައްޔަން ކުރަން ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން އެލްޖީއޭގައި ޖެންޑާ އިކުއަލިޓީ ދާއިރާގެ ތަޖުރިބާ ހުންނެވި އަންހެން މެންބަރަކާއި، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ތަޖުރިބާ ހުންނެވި ބޭފުޅަކާއި، މަދަނީ ޖަމިއްޔާއެއްގެ މެންބަރަކު އައްޔަން ކުރަން ޖެހެއެވެ.

މި މެންބަރުން އައްޔަން ކުރުމަށް ގާނޫނުގައި އޮތް އިޖުރާއަތަކީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތައް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެވޭ ތިން ބޭފުޅަކު އައްޔަން ކުރުމެވެ.

މި ތިން މަގާމަށް އައްޔަން ކުރަން ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް މަޖިލީހަށް ފަސް ނަމެއް ފޮނުވިއިރު އެ ނަން ދިރާސާ ކުރުމަށް ފަހު ލާމަރުކަޒީ ކޮމިޓީން ތަޅުމަށް ފޮނުވީ ވެސް ތިން ނަމެކެވެ. މިއަދު ތަޅުމުގައި ނެގި ވޯޓުން ފާސްކުރީ އެ ތިން ނަމެވެ.

މި ގޮތުން އެލްޖީއޭގެ ބޯޑުގައި އިންނަވަން ޖެހޭ ޖެންޑާ އިކުއަލިޓީގެ ދާއިރާގެ މެންބަރުގެ މަގާމަށް އަޒްހާ ޒަމީރު، މ. ލިލީޒް އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 43 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެލްޖީއޭގެ ބޯޑުގައި އިންނަވަން ޖެހޭ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ މެންބަރު މަގާމަށް ފާތިމަތު ނިއުމާ، ގ. ހީމާލީގެ އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 43 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މަދަނީ ޖަމިއްޔާތަކުގެ ތަޖުރިބާކާރު މެންބަރުގެ ގޮތުގައި ފާތިމަތު ޒީނާ އަލީ، ހ. ރައިޒިން ސަން އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 42 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެލްޖީއޭގައި މި ތިން މެންބަރުންގެ އިތުރުން ތިއްބަވާނީ ހޯމް މިނިސްޓަރާއި، ރައީސް ކަނޑައަޅުއްވާ ސީއީއޯގެ މަގާމަށް ބޭފުޅަކާއި، ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ބޭފުޅަކާއި، ސިޓީ ކައުންސިލްގެ މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސަކާއި، ރަށު ކައުންސިލްގެ މެންބަރެކެވެ.