އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ކޮމިޝަނަރުގެ މަގާމަށް ހ. ގުރުވަ އަހުމަދު އާއިދު ރަޝީދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މަގާމަށް އާހިދު އައްޔަންކުރެއްވީ މިއަދު މެންދުރު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހަތަރު ނަމެއް ފޮނުއްވިއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށް ނަންތައް ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވީ އާހިދުގެ ނަން އެކަންޏެވެ. މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓުގައި އާހިދުގެ ނަން ފާސްވީ 49 މެންބަރުންގެ ވޯޓުންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ވުޖޫދު ކުރި މައުލޫމާތު ލިބި ގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ކޮމިޝަނަރުގެ މަގާމު ހުސްވެގެން ދިޔައީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

"ރާއްޖެ ޓީވީ" ގެ ސީއީއޯގެ މަގާމު ވެސް ފުރުއްވި ފިޔާޒް އެ މަގާމުން އިސްތިއުފާ ދެއްވީ "އަދަދު" ނަމުގައި ނޫހެއް އުފައްދައި އެ ނޫހުގެ މަސައްކަތް ކުރެއްވުމަށެވެ. ފިޔާޒަކީ މި އާ ނޫހުގެ ސީއީއޯއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވި އާހިދަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަނަންސް މެނޭޖަރުގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ.