މިވަގުތު ބްރޯޑްކަސްޓިން ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގަވާއިދާއި ހިލާފަށް ރީބްރޯޑްކާސްޓް ކުރާ މައްސަލަ ހައްލުކުރުން ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިސޯޓްތަކުން ގަވާއިދައި ޚިލާފަށް ބްރޯޑްކާސްޓްކާސްޓް ކުރަމުންދާ މައްސަލަ ހައްލުކުރަން ރިސޯޓްތަކާއި އެކުގައި މަސައްކަތް ކުރުމުގައި ދަތިތައް ހުރިކަން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ. ބްރޯޑްކާސްޓިން ކޮމިޝަނާއި ފަތުރުވެރިކަމުގެ ވުޒާރާ ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ދިޔައީ އެ ދަތިތަކުގެ ތަފްސީލް އޮޅުން ފިލުވުމާއި ފަތުރުވެރިކަމުގެ ވުޒާރާ އަށް ދިމާވާ ދަތިތަކުގެ މައުލޫމާތު އޮޅުން ފިލުވުމެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ، ބްރޯޑްކާސްޓަރުންގެ މައްސަލަތައް ވަރަށް ބޮޑަށް ދިގުލައިގެންދާ ކަމަށާއި، އެ މައްސަލަ ހައްލުކުރަން ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ފަތުރުވެރިންނަށް މައުލޫމާތު ލިބެން ޖެހޭކަން ގަބޫލުކުރާ އިރު ރީބްރޯޑްކާސްޓްކުރުން މޮނިޓަރކުރުމުގައި ވަރަށް ބޮޑު ދަތިތައް ހުރި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ ބައެއް މައްސަލަތައް ހައްލު ނުކުރެވި ދިގުލައިގެންދާ ކަމަށާއި ރީބްރޯޑްކާސްޓްކުރުމާއި މެދު ހުށަހެޅި މައްސަލަ އެއް ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވީ އިރުވެސް ކުރިއަށް ނުގެންދެވި އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ މައްސަލަތައް ދިގުލައިގެން އެބަދޭ. 800 ދުވަހަށް ވުރެ ގިނަ ދުވަސްވީ މައްސަލަ އެއް އެބައޮތް ޓޭބަލްގައި. އަޅުގަނޑުމެން އާ ކޮމިޝަނުން ވަަރަށް ބޮޑަށް ބަލަން މައްސަލަތައް ދިގުލައިގެން ނުގޮސް އަވަހަށް ނިމޭތޯ." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބްރޯޑްކާސްޓްކުރާ ގޮތް ބެލެހެއްޓުމަށް އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށާއި، އެ މަސައްކަތް ކުރުމަށް ކައުންސިލްތަކާއި އެކު މަޝްވަރާކުރަމުންދާކަމަށް މަރީ ވިދާޅުވިއެވެ. އަދި ލައިސަންސް ނެތި ރީބްރޯޑްކާސްޓް ކުރާ މައްސަލައިގައި ފަތުރުވެރިކަމުގެ ވުޒާރާ އާއި މެދުގައި އާއި ލައިސަންސް ނެތި ބޭރުގެ ޗެނަލްތައް ރާއްޖޭގައި ދައްކަމުން ދިއުމުން ދައުލަތަށް ލިބެން ޖެހޭ ފީ ނުލިބިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެފަދަ މައްސަލަތައް ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި މަޝްވަރާކުރި ނަމަވެސް އެންމެ އެކަށީގެންވާ ނަތީޖާ އަކާއި ހަމައަށް ނުދެވޭ ކަން މަރީ ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑަށް އެނގޭ މިނިސްޓަރަކަށް ހުރިހާ ބައްދަލުވުމެއްގައި ނުއިންނެވޭނެކަން. އެހެންނަމަވެސް ސީނިއާ ބޭފުޅެއްގެ އެއްވެސް ކޮމިޓްމެންޓެއް އަޅުގަނޑުމެންނަކަށް ނުލިބޭ. އަޅުގަނޑުމެން ބޭނުމެއް ނުވޭ ޓެކްނިކަލް ލެވެލްގައި އެ މަޝްވަރާ ކުރާކަށް. ސީނިއާ ބޭފުޅެއް އިންނެވިއްޔާ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ހައްލެއް ލިބޭނީ. ވަރަށް ގިނަ ބްރޯޑްކާސްޓަރުން އޮންބޯޑްކޮށްފައި އަޅުގަނޑުމެން އޭތި ކެންސަލްކޮށްލަން ޖެހުނީ." އޭނާ ވިދާޅުވިއެވެ.

ބްރޯޑްކޮމް އާއި ޓޫރިޒަމް މިނިސްޓްރީ ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަރީ ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލީސް

އެކޮމިޓީީގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން އެދުނު ބައްދަލުވުންތައް ވުޒާރާގެ ފަރާތުން ހަމަޖައްސާދެއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އަށް ޚާއްސަ ފޯކަލްޕޮއިންޓެއް ވެސް ކަނޑައަޅާފައިވާނެ ކަމަށާއި ރިސޯޓްތަކުން މައުލޫމާތު ހޯދާނެ ގޮތާއި މެދު މަޝްވަރާކޮށްފައިވާ ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ. މީގެ އިތުރުން ސަރކިއުލާ އެއް މެދުވެރިކޮށް ރިސޯޓްތަކާއި ގުޅޭނެ ގޮތް ހަމަޖައްސައި ރިސޯޓްތަކުގެ ނަމްބަރުތައް އެކުލެވޭ ލިސްޓެއް ބްރޯޑްކާސްޓިން ކޮމިޝަނާއި ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވސް ރީބްރޯޑްކާސްޓް ކުރުމާއި މެދު އޮޅުންފިލުވަން ޖެހޭ ކަންކަން އޮޅުން ފިލުވަން ގުޅުމުން ރިސޯޓްތަކުން އިޖާބަ ނުދޭކަމުގެ ޝަކުވާ ބްރޯޑްކާސްޓީން ކޮމިޝަނުން އެ ވުޒާރާ އާއި ހިއްސާކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތުގައި ގޮންޖެހުންތަކާއި ކުރިމަތިވާ ހިސާބަކީ އެއީ ކަމަށް މައުސޫމް ފާހަގަކުރެއްވިއެވެ.

" ފަތުރުވެރިކަމުގެ ގާނޫނުގައި ޓޫރިޒަމް އާއި ބެހޭ ތަފާސް ހިސާބުތަކާއި ބެހޭ މާއްދާގައި ބުނަނީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބޭނުންވާ މައުލޫމާތު ދޭންވާނެއޭ. އަޅުގަނޑުމެން ބޭނުންވާ ސްޓެޓިސްޓިކްސް މައުލޫމާތު ލިބޭ. އެހެން ހުރިހާ މައުލޫމާތެއް ލިބެނީ އެ ބޭފުޅުން ދިނިއްޔާ. އަޅުގަނޑުމެންގެ ޓީމުން ދަނީ އެ ބޭފުޅުންނާއި ބައްދަލުވަމުން." މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނާއި ބައްދަލުކުރުމުގެ ކުރިން ބްރޯޑްކާސްޓަރުންނާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބްރޯޑްކާސްޓިން ކޮމިޝަނަށް ދެންނެވިނަމަވެސް އެ ބައްދަލުވުން ހަމަޖައްސާދެވިފައި ނުވާކަމަށް ޑރ. މައުސޫމް ފާހަގަކުރެއްވިއެވެ. ރީބްރޯޑްކާސްޓްކުރުމުގެ މައްސަލަ ހުށަހެޅި މީހުންނާއި ބައްދަލު ނުކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނާއި ބައްދަލު ނުކުރެވޭނެ ކަން ބްރޯޑްކާސްޓިން ކޮމިޝަނަށް ދަންނަވާފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށް އޮތް ހައްލަކީ އެފަދަ މައުލޫމާތު ލިބެންވާނެ ކަމަށް ގާނޫނުގެ ދަށުން ހަމަޖެހިގެން ދިއުންކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ސެޓްލިންކް، ބަޑީސް އިން ރަށްރަށުގަ ރީބްރޯޑްކާސްޓްކުރުން ބނުހުއްޓުވެނީ ކީއްވެތޯ

  2. ދިގުލީ

    އިންޓަނެޓް މެދުވެރިކޮށް ރިސޯޓްތަކުގައި ޓީވީ ބެލުމަކީ ރީބްރޯޑްކާސްޓް ކުރުމެއް ނޫން.... މޮޔަ ނުގޮވާ--- އެހެންވިއްޔާ ޔޫޓިއުބު ވެސް ހުއްޓުވަން ވީނުން