އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް ޝަރަފުވެރިކަމާ އެކު ޑރ.އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުމުން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ފާޑުވިދާޅުވުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަމާޒުކުރައްވައިފިއެވެ.

ފައިރޫޝް ރިޓަޔާ ކުރި ގޮތް ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ތަޅުމަށް ވަނީ ހުށަހަޅުއްވައިފައެވެ.

241 ކޮމިޓީގެ ރިޕޯޓްގެ ބަހުސްގައި ހަސަން ލަތީފް ވިދާޅުވީ ފައިރޫޝް އެ ގޮތަށް ރިޓަޔާ ކުރެއްވީ އެއްވެސް މައްސަލައެއް ފާހަގަ ކުރައްވާފައި ނުވާތީވެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިޔަސް އެއީ ކުށް ހީފުޅެއް ކަމަށެވެ.

ހަސަން ލަތީފް ދެން އިޝާރާތް ކުރެއްވީ ވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައި ދުވަހު ފައިރޫޝްގެ އަމަލުތައް ހުންނެވި ގޮތުގެ މައްޗަށެވެ.

241 ކޮމިޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހެޅުއްވީ ވެސް ރައްޔިތުންގެ މަޖިލީޙުގެ ރައީސްގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ ނަޝީދެވެ. އެއީ ފައިރޫޝް ރިޓަޔާ ކުރައްވަން ޖެހޭނީ އަމަލު ކުރާ ތާރީޚު އައިސްފައި ނެތަސް ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނުގެ ދަށުން ކަމުގައި އެމަނިކުފާނު ދެކެވަޑައިގެންނެވެ.

ހަސަން ވިދާޅުވީ ގާނޫނީ ސަރުކާރެއް ހިނގަމުން ދަނިކޮށް އަދި ގާނޫނީ ގޮތުން އައްޔަން ކުރެވިފައިވާ ކޮމިޝަނާ އޮފް ޕޮލިސްއެއް ވެސް ހުންނަވަނިކޮށް "ތިމަންނަ ފުލުސް އޮފީހާ ހަވާލުވެއްޖައިން" ކަމަށް ފައިރޫޝް އެ ދުވަހު އިއުލާން ކުރެއްވި ހިސާބުން ފެށިގެން އޭނާ ހުންނެވީ ގާނޫނާ ޚިލާފުވެވަޑައިގެން ކަމަށެވެ.

"އެމްޑީޕީ ތަމްސީލް ކުރާ ސަރުކާރެއްގެ ވަޒީރު ކަމުގައި ހުންނަވައިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިންމެވި އެ ނިންމެވުމަކީ އެމްޑީޕީގެ އެއްވެސް އާންމު މެންބަރަކު ބަލައިގަންނާނެ ކަމެއް ނޫން،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ސިފަ ކުރެއްވި ގޮތުގައި، ހޯމް މިނިސްޓަރު އިމްރާންގެ އެ އަމަލުފުޅަކީ ޝަރަފުވެރިކަން ހައްގުވާ ފުލުސް އޮފިސަރުންނަށް ވެސް ކުރެއްވި "ފުރައްސާރަ" އެކެވެ. ހަސަން ވިދާޅުވީ، ޝަރަފުވެރި ފުލުހުންނާއި އެއް ހަމައެއްގައި ފައިރޫޝް ގުނުމަކީ އޭނާއަށް ހައްގުވާން ޖެހޭ ވަރު ނޫން ކަމަށެވެ.

ހަސަން ވަނީ ނުސީދާ ގޮތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވެސް ބަހުގެ ހަމަލާއެއް ފޮނުއްވައިފައެވެ. އޭނާ ވިދާޅުވީ "އެމްޑީޕީގެ އެންމެ އިސް ފަރާތް، ރައީސުލްޖުމްހޫރިއްޔާގެ ވަޒީރަކު އެ ގޮތަށް ނިންމެވީމަ އެއީ ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް ރުހިވަޑައިގަންނަވާނެ ކަމެއް ނޫން،" ކަމަށެވެ.

އިމްރާނަކީ ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު އަދި އަދާލަތު ޕާޓީގެ ރައީސްއެވެ. އަދި ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވި ދުވަހު އިދިކޮޅު ފަރާތްތަކުގެ މުޒާހަރާގައި އެންމެ އިސްކޮށް ހުންނެވީ ވެސް އިމްރާނެވެ. އޭރު އަދާލަތު ޕާޓީއަކީ ވެސް އެމްޑީޕީއާ އެންމެ ވާދަވެރި އެއް ޕާޓީއެވެ.

ފައިރޫޝްއަށް އެމްޑީޕީގެ ބައެއް ބޭފުޅުން، ޚާއްސަކޮށް ނަޝީދުގެ އަރިސް ބޭފުޅުން ފާޑުވިދާޅުވާއިރު އޭނާއަށް ފުލުހުންގެ ވަޒީފާ އަލުން އަނބުރާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރި ފަހުން، އޭނާއަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ވެސް ހަވާލު ކުރެއްވީ ރައީސް ސޯލިހްއެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. އެއީ އޭނާ އަށް ވަޒީފާ ދޭން ދައުލަތުން އެއްބަސްވުމުންނެވެ. މި ހުކުމާ އެކީ ފައިރޫޝް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުމެވަޑައިގަންނަވަން ފެއްޓެވީ ޑިސެމްބަރު 2018 ގައެވެ. އަދި ޖެނުއަރީ 2019 ގައި އޭނާ އެސިސްޓެންޓް ކޮމިޝާނަރުގެ މަގާމަށް އައްޔަން ކުރިއެވެ.

ފައިރޫޝް ވަޒީފާއިން ވަކިކުރެވިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމަކުންނެވެ. 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސަރުކާރާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަތައް ދައްކާފައިވާތީ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    4 ކަށިމަތި މާލެ ބެއިފުޅާ

  2. ބެއްޔާ

    ޙަސަން ލަތފު ހާދަ ހަސަދަވެރިއޭދޯ. އަދަބު ދޭންޖެހޭނީ އެއްފަހަރު. ދާއިމަށްކާ ބޭހެއްގޮތަށް އެކަން ނުކުރެވޭނެ. ނަޝީދު އިސްތިއުފާދިނީ އަމިއްލައަށް.

  3. ގާއްޑެ

    ގާނޫނެުހަދާމަޖްލިހުން ޤާނޫނުތަކައް ހުރުމަތްތެރިކޮއް ހިތާބަލަ
    ކަލޭމެންތިޔަފާސްކުރި ގާނޫނައް އަމަލުކުރަންފެށުމުގެކުރިން ވަ
    ކިވީމާ ދެންތިހެދިގާނޫނުގެ ތެރެއައް ނުފެއްތަޭނެކަން ބޮލެއްހުރި
    މީހެއްވިއްޔާ ގަބޫލުކުރާނެ ގާނޫނުއޮޅަންތަ ތިޔައުޅެނީ

  4. ޢިޔާބު

    މޑޕ ސަރުކާރު އިސްތިއުފާ ދިނުމުުން އެވަރު ފުއްދާލައިގެން ނިމުނީ ކަމަށް ބެލުމުގެ ހިތި ނަތީޖާ މިއަދު މިފެންނަނީ