ޏ. ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ އިރު ވެސް އެ ސިޓީގައި ކޮވިޑް-19 ގެ ޓެސްޓް ކުރެވޭ އިންތިޒާމުތައް ހަމަޖެހިފައި ނުވާތީ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައި މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ.

އޭނާ ފޮނުއްވި ސިޓީގައި ވަނީ ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހުމުގެ ސަބަބުން ގިނަ ގުނަ ދަތިތަކާ އުނދަގޫތައް ފުވައްމުލައް ސިޓީގެ ރައްޔިތުން ގެންދަނީ ތަހަންމަލް ކުރަމުންދާ ކަމަށެވެ. އަދި ޕީސީއާރު ޓެސްޓް ފުވައްމުލައް ސިޓީގައި ހެދޭނެ އިންތިޒާމު މިހާތަނަށް އައި އިރު ވެސް ހަމަޖެހިފައި ނެތުމުގެ ސަބަބުން ދަތުރުފަތުރު ކުރަން ޖެހި އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އޭގައިވެއެވެ.

ފުވައްމުލައް ސިޓީއަކީ ވެސް ދައުލަތުން "ސިޓީ" އެއްގެ ލަގަބު ދީފައިވާ ރަށެއް ކަން ފާހަގަ ކުރައްވައި، އާދަމް ޝަރީފްގެ ސިޓީގައި ވަނީ ފުވައްމުލައް ސިޓީގެ ރައްޔިތުން ޕީސީއާރު ޓެސްޓް ހަދަން ސާމްޕަލް ނެގުމަށް ފަހު އެ ސާމްޕަލް ފޮނުވަން ޖެހެނީ އެހެން ސިޓީއަަކަށް ކަމަށާއި އެ ސިޓީއަކުން ޓެސްޓްގެ ނަތީޖާ ލިބެން ދެން ތިން ހަތަރު ދުވަހު މަޑުކުރަން ޖެހޭ ކަމަށެވެ.

އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އާދަމް ޝަރީފް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިގެން ފުވައްމުލައް ސިޓީގައި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު މިހާ ދުވަސްވީއިރު ހަމަޖެހިފައި ނުވަނީ ކީއްވެ ކަމާއި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު ފުވައްމުލަކުގައި ހަމަޖެހޭނެ ތާރީޚް ސާފުކޮށްދެއްވުމަށެވެ.

ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގް (އިއްސެ) މީގެ ކުރިން "ވަގުތު" އަށް ވިދާޅުވީ ދާއީމީ ގޮތެއްގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމަކީ ރައްޔިތުންގެ ތެރޭގައި އޮތް ކަންބޮޑުވުމެއް ކަމަށެވެ. ކުއްލި ހާލަތުގައި ރަށުން ބޭރަށް ދާން ޖެހުމުންވެސް ރަށުން ޓެސްޓުތައް ހެދޭނެ ގޮތް ނެތުމުގެ ކަންބޮޑުވުން މާބޮޑު ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުފައްކިރު

    މަޖިލީހުގަ ފުވައްމުލައް ތަމްސީލު ކުރައްވާ ތިން މެމްބަރުން ވެސް މިކަމުގަ ސަމާލުވެ ލައްވާ އެއްބާރު ލުން ދެއްވުމަށް އިލްތިމާސް ކުރަން.