ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް އަމިއްލަ ކުންފުނިތަކާ މަޝްވަރާކޮށްގެން އަގަށް ބަދަލު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޯކައިދޫ އަށް ވަޑައިގެން އެ ރަށުގެ މަސްވެރިންނާއި ދަނޑުވެރިންނާއެކު ބޭއްވި ބައްދަލު ބައްދަލުކުރެއްވުމުގައެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ތާޒާކަންމަތީ މާކެޓްކުރުމުގެ ދަތިކަންކަމަށެވެ. އެދަތިކަން ޙައްލުކުރުމާއި ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް އެގްރޯނެޓް އެހީތެރިކަން ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މަހަށް ހަމަ އަގު ނުލިބުމާއި މަސްކިރުމުގައި ހުރި ދަތިތަކާއި ބޭނުންވާ ވަރަށް އައިސް ނުލިބުންފަދަ ޝަކުވާތައް ކަމަށެވެ.

އެކަންކަން ޙައްލުކުރުމަށްޓަކައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ރާއްޖޭގައި މަސް ޕްރޮސަސްކޮށް ވެލިއު އެޑްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން މިފްކޯއިން މަސްބޭރުކުރުމަށް ކުރަންޖެހުނު ޚަރަދުތައް ކުޑަކޮށް މިފްކޯގެ އަމިއްލަ އުޅަނދެއްގައި މަސްބޭރުކުރަން ފަށާފައި ވުމާއި މަސް ސްޓޯކުރެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށް މަސްގަތުމާއި ޕޮރޮސަސް ކުރުމުގެ ޤާބިލުކަން އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަހަށް ރަނގަޅު އަގެއް ހޯދައި ދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން މަސްގަންނަ ޕްރައިވެޓް ފަރާތްތަކާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށާއި މަސްވެރިކަން ފުޅާކޮށް ތަރައްގީ ކުރުމަށް ކުރެވޭ މި ހުރިހާ މަސައްކަތްތަކާއެކު މަހުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ މަސްވެރިންނާއި ދަނޑުވެރިން ވަނީ އެފަރާތްތަކަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އެގޮތުން އެރަށުގެ މަސްވެރިންނަށް އައިސް ޕްލާންޓެއް އެރަށުގައި ގާއިމުކުރުމަށް މަސްވެރިން އެދުނެވެ. ރައީސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މިފްކޯއަށް ގެންނަ ބަދަލުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު މި ދެ ސިނާއަތަށްވެސް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ދަނޑުވެރިންނާއި މަސްވެރިންގެ ބައްދަލުކުރެއްވުމަށް ފަހު ރައީސް ވަނީ އެރަށުގެ ބަނދަރުގެ މަސައްކަތްކުރިޔަށްދާގޮތް ބައްލަވާލައްވައި ފެނަކައިގެ އައު އިންޖީނުގެ ބައްލަވާލައްވައިފައެވެ. ފޯކައިދޫގެ އައު އިންޖީނުގޭގެ މަޝްރޫއަކީ މިހާރުގެ އިންޖީނުގެ ސްކޫލާއި ޢާންމުންގެ ގެތަކާއި ކައިރީގައި ހުރިތަނެއްކަމުގައިވާތީ ކުރިމަތިވާ ދަތިތަކަށް ޙައްލުހޯދުމާއި ކަރަންޓްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫއެކެވެ. ފޯކައިދޫގެ ބަނދަރަކީ 1200 ފޫޓް 250 ފޫޓުގެ ބޮޑުމިނުގައި ތަރައްޤީކުރެވޭ ބަނދަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    އަދިވެސް ތިވާހަކަ ނުދައްކަން ދޯ؟ ބަލަ 2018 އިން ފެށިގެން މަސްވެރިންނަށް ތިވާހަކަ އަޑު އިވޭ މިހާރު މީ 2021 އަދިވެސް ތި ބުނަނީ ކުންފުނިތަކާ ވާހަކަ ދައްކާނަމޭ ؟ މާނައަކީ މި ތިން އަހަރު މަސްވެރިންނަށް ފައިދާ ވާކަމެއްގާ އެއްވެސް ވަރަކަށް ކުންފުނިތަކާ ވާހަކަ ނުދައްކަމޭ ދެއްތޯ؟ ޝުކުރިއްޔާ........... ވީ ވައުދު ނުފުއްދި އަދިވެސް ވައުދުވާތީ.

  2. އަލީ

    ކުރާނަން، ހަދާނަން.... މީ މަނިކުފާނުގެ ބުރަދަނެއް ނެއް އަތްމަތީ ބަސްތަކެއް!! ވާ އެއްޗެއް ހަރާން!!

  3. އިބްރާހިމް

    ދެއަހަރު ފަހުންތޯ ވާހަކަ ދައްކާނީ؟

  4. Anonymous

    އިބުރާހީމަކީ ގަމާރެއްވީމާ ހީކޮއްފާނެ ފޯކައިދުން އެކަނި ވޯޓު ލިބުނަސް ވެރިކަމައް އާދެވިދާނެކަމައް

  5. އަބްދޫ

    ވިދާޅުވެ ދައްވާ ހަމައަގަކީ ކިހާވަރެއް؟ މިފްކޮއަށް މަސްގަންނަ އިރު އެގަންނަ މަސް ވިއްކޭނީ ކިހާ ވަރެއްގެ އަގަކަށް ކަމެއް މިފްކޮއަކަށް ނެގެ. މަސް ފިނިކޮށްފަ ބަހައްތައިގެން ބެލެހެއްޓުމަށް ހަރަދުވާނެ ވަރެއްވެސް ނޭގެ.އެ މަސްތައްބަލަހައްތަން ބައިތިއްބާމީހުންގެ މުސާރައަށް ހަރަދުވާނެ ވަރުވެސް ނޭގެ. ތައިލެންޑަށް ވިއްކާ މަސް ބަރުކުރާ ބޯޓް ފްރައިޓަށް ހަރަދުވާނެ ވަރުވެސް ނޭގެ. ތައިލެންޑަށް ގޮސް މަސްބަރުކުރާ ޓްރެކަށް ހަރަދުވާވަރުވެސް ނޭގެ. ތައިލެންޑުން މަސްގަންނަމީހުން ޓަނަކަށް ދޭނީ ކިހާވަރެއްކަމެއްވެސް ނޭގެ. ވީމާ މަސް ބަނައިގެންއައުމުން މަސްގަންނައިރު ހަމަ އަގު ދޭނެ ގޮތަެއް ބުނެބަލަ. މިހާރުވެސް ދެނީ މިދެންނެވި ހުރިހާ ހަރަދަކަށް ބަލާފަ ދެވެން އޮންނަ ހަމައަގު .. ހަމައަގު އެގެއިރު ހަމައަގު ނުދޭން ތިޔައުލެނީ ކީއްވެ؟