ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ށ. މާއުނގޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއާއެކު ގިނަ މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މާއުނގޫދޫގައި މިއަދު މެންދުރު ބޭއްވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ބަލައިގަންނަ ކަމަށާއި، މަޝްރޫއުތައް ހިންގުމުގައި ކައުންސިލްގެ ފަރާތުން ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް އެ ރަށު ކައުންސިލުން ދެއްވާނެކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

މާއުނގޫދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތާއި، ފެނަަކަ އިންޖީނުގެ އޮފީސް އިމާރާތްކުރުމާއި، ބަނދަރުގެ މައްސަލައާއި، ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ނުފެށި ލަސްވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

އަދި، މާއުނގޫދޫ ގިރާސަރަޙައްދު ހިމާޔަތްްކުރުމާއި، ޒަމާނީ މިސްކިތެއް ބޭނުންވާކަމަށާއި އަދި މޫދަށް އެރޭ ސަރަޙައްދަކާއި، ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫއުތައް ހާއްސަ ސަމާލުކަމެއްދީގެން އަމަލީ މަސައްކަތް ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އަދި، ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.