ދ. އަތޮޅު ވޮއްމުލި އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 9:05 ހާއިރުއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ދ. ކުޑަހުވަދޫ ފަޔަރ އެންޑް ރެސްކިއު ސާވިސް ޕޯސްޓް ގެ ސިފައިން މިހާރު ދަނީ މި ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ އެ ރިސޯޓްގެ އޯވަރ ވޯޓަރ ސްޕާގައެވެ. އެމްއެންޑީއެފުން ވިދާޅުވާގޮތުގައި ރޯވި އަލިފާންގަނޑު ވަނީ ހެނދުނު 10:00 ގައި ކޮންޓްރޯލް ކުރެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އެހެން ނަމަވެސް ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނު އިރު އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.