ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަކީ ޑިމޮކްރަސީއަށްޓަކައި ގުރުބާންވެ ވަޑައިގެންފައި ހުންނެވި ބޭފުޅެއް ކަމަށާއި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އޭނާ އިންތިހާބުކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މަހްލޫފަށް ވާދަކުރެއްވޭނެ ކަމަށް، އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ އެ މަޖިލިހަކީ މިދިޔަ ހަފުތާގައި ގައުމީ މަޖިލިހުގެ މެމްބަރުންގެ ވޯޓުން އިންތިހާބު ކުރި މަޖިލިހެކެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިހުން އެގޮތަށް ނިންމީ ވަކި ތުހުމަތުތަކުން ބަރީއަ ވެގެންވާ މީހުންނަށް ނޫނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ގައުމީ މަޖިލީހުން ނިންމުމުން، މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރެއްވުމަށް މަހްލޫފުގެ ޝަރުތު ހަމަނުވާ ކަމަށް އެ މަޖިލީހުގެ އިންތިހާބީ ޝަކުވާ ބަލާ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. އެ މައްސަލަ މަހްލޫފް ވަނީ އިސްތިއުނާފް ކުރައްވައިފައެވެ.

މަހްލޫފަށް ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލުމަށް ފަހު، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވީ ނަމަވެސް އަދި ދައުވާ ކުރާކަށް ކޯޓަކަށް ނުފޮނުވައެވެ. އެ މައްސަލައާ ގުޅިގެން މަހްލޫފް ސަސްޕެންޝަންގައި ހުންނަވާތާ މިހާރު ތިން މަހެއްހާ ދުވަސްވެއްޖެއެވެ.

ޖާބިރު "ވަގުތު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް ސަސްޕެންޑްކޮށްފައިވާ މަހްލޫފަކީ އޭނާ ވަރަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށެވެ. މަހްލޫފަކީ ޑިމޮކްރަޓިކް ހަޔާތުގައި ނަމޫނާ ދައްކަވާފައިވާ ބޭފުޅެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ޑިމޮކްރަސީ ހިފެހެއްޓުމަށްޓަކައި ނަމޫނާ ބޭފުޅެއް އަހުމަދު މަހްލޫފަކީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އޭނާގެ ދާއިރާގެ ރައްޔިތުން މަހްލޫފަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާ އިންވެސްޓް ކުރަމުން އަންނަ ވ. އަތޮޅާއި އއ. އަތޮޅުގެ ރައްޔިތުންނާއި މާލެ އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް މަހްލޫފް ބަލައިގަތުމަށް ޖާބިރު އެދިވަޑައިގެންނެވިއެވެ.

"ވަރަށް ގާބިލް މިނިސްޓަރެއް އެއީ. އަނެއްކާ ޑިމޮކްރަސީ އަށްޓަކައި ގުރުބާންވެފައި ހުންނެވި ބޭފުޅެއް މަހްލޫފަކީ. އެހެންވީމަ މަހްލޫފަށް މަރުހަބާ ދަންނަވަން." ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ޑީއާރުޕީގެ ލީޑަރު ކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ މަހްލޫފް ސަސްޕެންޝަންގައި ހުންނަވާ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން ވަޒީރުކަމުން ސަސްޕެންޑް ކޮށްފައިވާ މަހްލޫފު ކުރިން ވިދާޅުވެފައި ވަނީ ގައުމީ މަޖިލީހުގެ ދާއިރާތަކުގެ އިންތިހާބަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ނިންމުމުން ގަބޫލު ކުރައްވަނީ އެއީ އެ ޕާޓީން ކަނޑައަޅާފައިވާ އުސޫލާ ތައާރަޒުވާ ނިންމުމެއް ކަމަށެވެ. އެކަން ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް މަހްލޫފުއެވެ. އެ ކޮމިޝަނުން ވެސް ޝަކުވާ ނިންމީ އޭނާއާ އެއްކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ގޮތެއް ފޮތެއްނެތި އުޅުން އެއީޓ ތިކިޔަާ ޑިމޮކްރެސީ

    11
    1
  2. Anonymous

    ޑިމޮކްރެސީއައް އެންމެބޮޑައް ގުރުބާން ވާބޭފުޅަކީ ޖާބިރު

  3. އަހަންމަދު

    ޖާބިރޫ ދިވެހިން ބޭނުންވަނީ ޑިމޮކްރަސީއެއް ނޫން! ބޭނުމީ އިސްލާމީ ޝަރީޢަތް މިގައުމުގައި ފުރިހައަށް ހިންގުން! ބޭނުންވަނީ ބަގުރާނުބޯ ޑްރަގުނުނަގާ ﷲއަށް ބިރުވެތިވާ ވެރިން!

  4. އަ ދީބު

    އެއީ ތެދެއް! ލޮލީ އެބުނީ