ޔޫރަޕް އިއްތިހާދަށް ރާއްޖެއިން އެކްސްޕޯޓުކުރާ ކަނޑުމަހުން ޓެކްސް ނުނެގުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

އެކަންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވަނީ ފޮރިން ސެކްރެޓަރީ އަބްދު ގަފޫރު މުހައްމަދު ބެލްޖިއަމްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ޔޫރަޕް އިއްތިހާދު އާއި ބެލްޖިއަމް ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމުގައެވެ.

އިއްޔެ ހެނދުނު ބޭއްވި ބައްދަލުވުމުގައި ގަފޫރް ވަނީ އީޔޫގެ ޑައިރެކްޓަރޭޓް ޖެނެރަލް ފޯ ޓްރޭޑްގެ ޑައިރެކްޓާ އިން ޗާޖް އީވާ ސިނޮވިއެކްއާއި ބައްދަލުކުރައްވާ ދިވެހިރާއްޖެއާއި ޔޫރަޕް އިއްތިހާދާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކޮށްފައެވެ.

އީޔޫގެ ޑިރެކްޓަރޭޓް ޖެނެރަލް ފޯ އިންޓަނޭޝަނަލް ޕާޓްނާޝިޕްގެ ހެޑް އޮފް ޔުނިޓް މާރިއޯ ރޮންކޮނީއާވެސް އެކު ބޭއްވި އެބައްދަލުވުމުގައި ރާއްޖޭގައި ޔޫރަޕް އިއްތިހާދުން ކުރެވެން ހުރި އިންވެސްޓްމެންޓްތަކާ ބެހޭގޮތުންނާއި ޔޫރަޕް އިއްތިހާދާއި ދިވެހިރާއްޖެ ގުޅިގެން އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒްގެ ޑިރެކްޓާ ޖެނެރަލް ޗާލީނާ ވިޗެވާއާއި ބައްދަލުކުރައްވާ މެރިން ރިސޯސަސްއާއި މަސްވެރިކަމާއި ކަނޑުތައް ރައްކާތެރިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެ ބައްދަލުކުރައްވާ ޔޫރަޕް އިއްތިހާދާއި ގުޅިގެން ރާއްޖޭގެ ވިޔަފާރި، އިގްތިސާދީ ކުރިއެރުން އަދި ފަތުރުވެރިކަން ކުރިއެރުވުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

އަދި ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި އިތުރު ލުއިތަކެއް ހޯދުމުގެ ގޮތުން ރާއްޖެއާއި ޔޫރަޕް އިއްތިހާދާއި ދެމެދު ޕާޓްނާޝިޕް އެންޑް ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއިކުރުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ގަފޫރް ވަނީ ބެލްޖިއަމްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ފޯ ބައިލޭޓަރަލް އެފެއާޒް ޖެރޯން ކޫރމަންއާ ވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖެއާއި ބެލްޖިއަމްގެ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި ދެގައުމު ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވައިފައެވެ.

ފޮރިން ސެކްރެޓަރީގެ މިދަތުރުފުޅަކީ 10 ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖެ އާއި ޔޫރަޕް އިއްތިހާދުގެ އިސް އޮފިޝަލުންގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބެލްޖިއަމްއަށް ކުރައްވާ ދަތުރުފުޅެކެވެ.