ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި އޮތް "ސްޓެޕް ސާވޭ" އަލުން ކުރިޔަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިއަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަމްސީލްވާގޮތަށް ކުރިޔަށް ގެންދަން ފަށާފައިވާ ދިރާސާ ”ސްޓެޕް ސާރވޭ“ މާލެ ސަރަހައްދުގައި ފެށުމަށް ފަހު ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން އެ ސާވޭ ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މި ދިރާސާ އަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ހަދާ ދިރާސާއެކެވެ.

އެޗްޕީއޭއިން ވިދާޅުވީ މި އަހަރު މި ދިރާސާ އެއްކޮށް ނިންމުމުގެ ގޮތުން މިމަހުގެ 10 ވަނަ ދުވަހު މި ދިރާސާ ފަށައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ދިރާސާ ކުރިއަށް ގެންދަން ފުރަތަމަ ނިންމާފާއި ވަނީ މާލެ އާއި ހުޅުމާލޭގައެވެ.

މި ދިރާސާ އަކީ އެޗްޕީއޭ އިން އިސްނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މޯލްޑިވްސް ނެޝެނަލް ޔުނިވާރސިޓީ ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.

މިމަހުގެ 10 ވަނަ ދުވަހު ފަށާ މި ސާވޭ ކުރުމަށް ގުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރާނެ އެވެ. ސާރވޭގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް ތިއްބަވާނީ މޯލްޑިވްސް ނެޝެނަލް ޔުނިވާރސިޓީ އިން މިކަމަށް ދޫކޮށްފައިވާ ފާހެއް އަޅައައިގެންނެވެ.

މި ސާވޭ ކުރިޔަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު