މިދިޔަ އޮގަސްޓު މަހު ރާއްޖޭއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމުން އާއްމުކޮށްފައިވާ މިދިޔަ މަހުގެ އިމްޕޯޓް/އެކްސްޕޯޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް ގައި ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 63 އިންސައްތަ ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރު އޮގަސްޓް މަހު އެތެރެކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، ޗައިނާ އަދި ޔޫއޭއީ އެވެ. އިންޑިއާ އިން 492 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީ އިން 447 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ކުރީ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 182 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ އޮގަސްޓް 102 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދުވަނީ 283 މިލިއަން ރުފިޔާއަށް އަށް މަތިވެފައެވެ.