ދިވެހި ރާއްޖޭގެ ބަތަަލުންގެ ދިރިއުޅުމުން ދިވެހި ސިފައިން ހިތްވަރު ލިބިގަންނަން ޖެހޭ ކަމުގައި ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން މުޅިން އަލަށް ތައާރަފްކުރު " ހެސަ ވާދަ " މުބާރާތް ނިމި ވަނަ ވަނަ އަށް އައި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ދިވެހި ކާބަފައިންނަކީ ދިވެހިންނަށް އެތަކެއް ކަމެއް ދޫކުރައްވާފައިވާ ބައެއް ކަމަށެވެ. އަދި ކާބަފައިން މިއަދުގެ ޖީލަށް ޓަކައި އޮހޮރި ދަލާއި އޮހޮރި ލެއިން އަދުގެ ގައުމީ ފައުޖު ކަމަށްވާ ދިވެހި ސިފައިން ހިތްވަރު ލިބިގަންނަން ޖެހޭނެ ކަމުގައެވެ.

"ދިވެހި ސިފައިންނަކީ ހިތްވަރު ގަދަ ކުޅަދާނަ ބައެއް. އަދި އަޅުގަނޑުމެންގެ ކާބައިން އަޅުގަނޑުމެންނަށްޓަކައި ވެދެއްވި މަތިވެރި ގުރުބާނީ އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ. އެ މީހުން އޮހޮރި ދަލާއި އޮހޮރި ލެއިން އަދުގެ ސިފައިން ހިތްވަރު ލިބިގަންނަން ޖެހޭނެ" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ހެސަ ވާދަ ފަދަ ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ ހަރަކާތްތަށް އެކުލެވޭ މުބާރާތެއްގެ ސަބަބުން ކާބަފައިން އުޅުނު ދަތި ހާލު ތަސައްވަރުކޮށްލެވޭ ކަމަށާއި އެ ފަދަ މުބާރާތްތަށް މުސްތަގުބަލުގައި ރާއްޖެ ތެރޭގައިވެސް ބޭއްވުމަށް މިނިސްޓަރ އާދަމް ޝަރީފް ވަނީ ލަފާދެއްވާފައެވެ.

އަދި ދިވެހި ސިފައިންނަކީ ގާބިލް ބައެއް ކަމުގައި ބުނަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ސަރުކާރުގެ ކޮންމެ މުއައްސަސާއަކަށް މައްސަލައެއް ޖެހި އެ މުއައްސަސާ ހުއްޓުމަކަށް އަތުވެއްޖެނަމަ އެ މުއައްސަސާ ކޮޅަށް ޖެހުމުގެ ޤާބިލްކަން ދިވެހި ސިފައިންގެ އެބަހުރި ކަމަށެވެ.