ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ދާއިރު ކައުންސިލްތަކުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލުހް އެދިވަޑައިގަންނަވައިފިއެވެ.

ރައީސް މިގޮތަށް އެދިވަޑައިގެންނެވީ ރ. މަޑުއްވަރީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައެވެ.

އެ ރަށުގައިިި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަރުކާރުން ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު ސަރުކާރާއި ގުޅިގެން ކައުންސިލުތަކުން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވައިފައެެވެ.

މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ހިއްސާކުރައްވާފައެވެ. އެގޮތުން، ރަށުގެ ބިންފުރިފައިވުމާއިއެކު ދިމާވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ރަށުގެ އުތުރު ފަރާތުގެ ބަނދަރު މަރާމާތުކުރުމާއި، ދެކުނުފަރާތު ބަނދަރުގެ ބޭރު ތޮށި ބޭނުންކުރެވޭނެ ގޮތް ހެދުމާއި، ކަރަންޓުގެ ހިދުމަތް ފުޅާކުރުމާއި، އައިސް ޕްލާންޓް ބޭނުންކުރުމުގައި ދިމާވެދާނެ މައްސަލައިގެ އިތުރުން، ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި، މަޑުއްވަރީ އިޙްތިޞާސްގެ ތެރެއަށް އުފުލަންދޫ އިތުރުކުރުމާ، ރ. އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ނެތުމުން ދިމާވާ ދަތިތައް ހިމެނެއެވެ.

އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހިއްސާކޮށްފައި ވަނީ ރަށުގައި މޫދަށް އެރޭނެ ސަރަޙައްދެއް ނެތުމުން ދިމާވާ ދަތިތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.އްވާފައެވެ.