އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މަސައްކަތް ކުރި ދަރުމަވެރިންނަށް ނިކަމެތިކޮށް ހިތި ވާހަކަ އެ ހޮސްޕިޓަލުގެ މެނޭޖްމެންޓުން ދޮގުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ހޮސްޕިޓަލަށް އަމާޒުވެއްޖެއެވެ.

މަތީ ސާނަވީ އިމްތިހާނަށްފަހު ކޮވިޑްގެ ވޭދަނަތައް ފެތުރުން ހުއްޓުވުމަށްޓަކައި، އޭއީއެޗްގެ މުވައްޒަފުންނެކޭ އެއްފަދައިން މަސައްކަތް ކުރަމުންދިޔަ ހުރިހާ ދަރުމަވެރިން ވަނީ އިއްޔެއިން ފެށިގެން ހިދުމަތަށް ނިކުތުން ހުއްޓާލާފައެވެ. އެ ހިދުމަތްތެރިން "ވަގުތު" އާއި ވާހަކަދައްކަމުން ގިނަ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކޮށްފައިވެއެވެ.

އެ ޒުވާނުން ބުނާ ގޮތުގައި މިއަދާއި ހަމައަށް ދަރުމަވެރިންގެ ގޮތުގައި އެ ހޮސްޕިޓަލްގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާތާ މިހާރު އަށް މަސް ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ހުށަހަޅައިގެން ދުވާލެއްގެ މައްޗަށް 12 -14 ގަޑިއިރު އެ ޒުވާނުން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް ދަރުމަވެރިންގެ މަސައްކަތުގެ އަގު ވަޒަން ކުރުމަށްޓަކައި ސަރުކާރުން ދެމުން އަންނަ އެލަވެންސް އެފަރާތްތަކަށް ހަމަޖެހިފައި ނުވާކަމަށްވެއެވެ.

ހޮސްޕިޓަލްގެ މުވައްޒަފުންނެކޭ އެއްފަދައިން ހުރިހާ ދަރުމަވެރިން ހިރާސް ބޮޑު ކެޓަގަރީ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓިކް އިކުއިޕްމެންޓް (ޕީޕީއީ) އަޅައިގެން ކޮވިޑަށް ފައްސިވެފައިވާ މީހުންނަށްވެސް ހިދުމަތް ދެމުން ގެންދިިޔައެވެ. ނަރުހުން ކުރާ މަސައްކަތްތައް ކުރަމުން ދިޔައެވެ. އޮކްސިޖަން ގުޅުމާއި ބަލިމީހުން ޓްރާންސްފާ ކުރުމުގެ މަސައްކަތުގައިވެސް އަމަލީގޮތުން ބައިވެރިވެ އުޅުނުއެވެ. އަދި ސާމްޕަލް ނެނގުމުގެ މަސައްކަތުގައި ވެސް ހަރަކާތްތެރިވިއެވެ.

އެހެންނަމަވެސް ނަރުހުންނަށާއި، ޑޮކްޓަރުންގެ އިތުރުން އެ ހޮސްޕިޓަލްގެ ގިނަ މުވައްޒަފުންނަށް މި އެލެވެންސް ލިބިފައިވާއިރު، ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރި ޚިދުމަތްތެރިންނަށް އެލެވެންސް ލިބިފައި ނުވާކަން އެފަރާތްތަކުން ފާހަގަކުރިއެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ސަރުކާރުގެ ގިނަ އިދާރާތަކެއްގެ ވެހިކަލް ހޮސްޕިޓަލްގެ ބޭނުމަށް ދޫކޮށްފައިވާރިއިވެސް، ދަރުމަވެރިން ގެއަށް ދިއުމާއި އައުމުގެ އިންތިޒާމްތައް ހަމަޖައްސާދޭނެ ކަމަށް ބުނެ އެކަންކަން ވެސް ކޮށްދީފައި ނުވާކަން ދަރުމަވެރިން މާޔޫސްވެ ތިބެ، ކިޔާދިނެވެ.

އަދި ގިނަ ވަގުތު މަސައްކަތް ކުރާއިރު ކެއުމުގެ އިންތިޒާމްތައް ރަނގަޅު ނޫން ކަމަށާއި، ހޮސްޕިޓަލުން ހަމަޖައްސާ ކާއެއްޗެހި ކައިގެން، ހޮޑުލެވުމާއި ބޭރަށްހިނގުން ފަދަ ކަންކަން ދިމާވާ ކަމަށް އެ ހިދުމަތްތެރިން ބުނިއެވެ. އެކަންކަން ހޮސްޕިޓަލްގެ މެނޭޖްމެންޓްގެ ސަމާލުކަމަށް ގެނައި ނަމަވެސް ހައްލެއް ލިބިފައި ނުވާކަމަށް އެފަރާތްތަކުން ބުނެއެވެ.

ގްރޭޑް 12 ނިންމި ގޮތަށް ވަޒީފާއަކަށް ދިއުމުގެ ކުރިން ގައުމަށް ހިދުމަތެއް ކޮށްދިނުމަށްޓަކައި ނިކުތް މި ކުދިންކޮޅާއި މެދު އެ ރަށު ހޮސްޕިޓަލްގެ މެނޭޖްމެންޓްއިންކަން ކުރި ގޮތް އެކުދިންގެ އާއިލާތަކުންނާއި އެރަށު އިސް ގިނަ ބޭފުޅުން ކުއްވެރި ކުރެއެވެ.

އެހެންނަމަވެސް ދަރުމަވެރިންގެ އުދާސްތައް "ވަގުތު" އިން ގެނެސްދިނުމާއި އެކު ހޮސްޕިޓަލުން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރިފައެވެ. އެ ބަޔާނުގައި ވަނީ ދަރުމަވެރިންނާއި ދޭތެރޭ ނިކަމެތިކޮށް ހިތާފައި ނުވާނެ ކަމަށް ބުނެ ދަރުމަވެރިން "ވަގުތު" އަށް ކިޔައިދީފައިވާ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ދަރުމަވެރިންނަށް ދޭން ނިންމާފައިވާ އެލެވެންސްއަކީ ސަރުކާރުން ދޭ އެއްޗެއްކަން ކަމަށާއި، އެލެވެންސް ނުލިބި އެތައް މަހެއް ވުމުގައި ހޮސްޕިޓަލްގެ އިހުމާލެއް ނުވާކަންވެސް ފާހަގަކުރައްވައިފައެވެ.

އެ ނޫސްބަޔާނުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ވަނީ ދަރުމަވެރިން "ކުޑަމީސްކޮށް" ސިފަކުރައްވާފައެވެ. އަދި ދަރުމަވެރިންނަކީ އުޖޫރައަށް މަސައްކަތް ކުރާ ބައެއް ނޫން ކަމަށް ބުނެ، އެ ހިދުމަތްތެރިންނަށް ނުސީދާ ގޮތެއްގަައި ފާޑުވިދާޅުވެފައެވެ.

މި ވާހަކަތައް ކުއްވެރިކޮށް، އެ ހޮސްޕިޓަލްގެ މެނޭޖްމެންޓްގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކު ވަނީ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދަރުމަވެރިންގެ ބުރަ މަސައްކަތް އެންމެ ކައިރިން ފެނުނު އެކަކަށް އޭނާ ވާނެއެވެ. އެކުދިންގެ ކަންބޮޑުވުން ހުދު އޭނާއާއި ހިއްސާކުރެއްވި ކަމަށްވެސް ވެއެވެ. އެހެންނަމަވެސް މިހާރު އެ ހޮސްޕިޓަލްގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ ކުދިންނަށް އިހުމާލުވެފައިވާ ކަމަށް އޭނާ ދެކެއެވެ.

"މެނޭޖްމެންޓްގެ އިސްވެރިންނަށްވެސް އެކުދިންގެ ކަންބޮޑުވުންތައް އިވިފައި ވަނީ. އެކަމަކު އެކުދިންކޮޅުގެ ހާލުވެސް އެމީހުން ބަލާނުލާ. ދެން އެކުދިން ކުރި މަސައްކަތަށް ހޮސްޕިޓަލްއިން ޝުކުރުވެސް އަދާކުރެއްވީވެސް "ވަގުތު" ގައި ހަބަރެއް ޖެހުމުން،" އޭނާ ވިދާޅުވިއެވެ.

ދަރުމަވެރިންގެ މުހިންމު ކަމަށް އިޝާރާތްކުރައްވާ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ދާދިފަހުން ދެއްކެވި ވާހަކަފުޅުތައް ފާހަގަކުރައްވަމުން "ވަގުތު" އަށް މަޢުލޫމާތު ދިން އޮފިޝަލް އިތުރަށް ވިދާޅުވީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ބަޔަކަށް ދަރުމަވެރިން ވީނަަމަވެސް ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެފަރާތްތަކުގެ އަގު ވަޒަންކުރާ ކަމަށެވެ.

މިގޮތުން ސިއްޙީ ޚިދުމަތްދޭ އިދާރާތަކުންވެސް ދަރުމަވެރިންނަށް އެލެވެންސް ލިބޭކަން ކަށަވަރުކޮށްދީ އެކަމުގައި ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ދަރުމަވެރިންނަށް އެއްބާރުލުމާއި އެހީތެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަށް މަސް ވެގެން ދިޔައިރު އެ ހޮސްޕިޓަލްގައި މަސައްކަތް ކުރި ދަރުމަވެރިންނަށް އެލަވެންސް ނުލިބުމުގައި ހޮސްޕިޓަލްގެ އިހުމާލެއް ނުވާ ކަމަށް އޭއީއެޗް އިން ވިދާޅުވި ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ދަރުމަވެރިންގެ ފޯމުތައް ބަނޑޭރި ޕޯޓަލްއަށް މާރިޗު މަހުން ފެށިގެން އެންޓާ ނުކުރެވި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އޮފިޝަލެއްވެސް ވަނީ އެކަން "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ މާރިޗް މަހާއި ހަމައަށް ދަރުމަވެރިންގެ އެލެވެންސް ފޯމްތައް އަޅާފައި ވަނީ ނިމި ދިޔަ ޖުލައި މަހުގައި ކަމަށެވެ. އަދި އެލަވެންސް ލިބުމުގައި ލަސްތަކެއްވެގެން ދިޔައީ ހޮސްޕިޓަލްގެ ސަބަބުން ކަމަށެވެ.

ހޮސްޕިޓަލްގައި މަސައްކަތް ކުރާ އެހެން ފަރާތެއްވެސް ވަނީ އޭއީއެޗްގެ ބަޔާން ކުއްވެރިކޮށް، ދަރުމަވެރިންގެ އަގު އެ ހޮސްޕިޓަލްގެ މެނޭޖްމެންޓުން ވަޒަން ކޮށްފައި ނުވާ ކަމަށް ބުނެފައެވެ. އަދި ދަރުމަވެރިން "ވަގުތު" އާއި ހިއްސާކޮށްފައިވާ ވާހަކަތައް ހޮސްޕިޓަލުން ދޮގުކޮށްފައި ވީނަމަވެސް އެއީ ހަގީގީ ވާހަކަތަކެއްކަން އޭނާވެސް ފާހަގަކުރިއެވެ.

"ދަރުމަވެރިން ނިކަމެތިކޮށް ނުލާ ކަމަށް ބުނެ ހޮސްޕިޓަލްގެ މެނޭޖްމެންޓުން ބަޔާނެއް ނެރެން ލަދު ގަންނަން ޖެހޭނެ. އެކުދިންނަކީ އަޅުންނެއް ނޫން. އެކަމަކު ހޮސްޕިޓަލުން އެ ސިފަކުރަނީ އެފަދައިން. އެކުދިން އަގުވަޒަން ނުކުރި. މީ ދެރަވަރުކަންކަން. އެ ވާހަކަތައް ދޮގުކޮށް ބަޔާނެއް ނެރުނީ ދަރުމަވެރިން ހޯދުމަށް އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި މިވާހަކަތައް ފެންމަތިވުމުން ދަރުމަވެރިން ނުލިބިދާނެތީ ބިރުން،" އޭނާ ކިޔާދިނެވެ.

އޭއީއެޗްގެ ބަޔާނުގައި، ދަރުމަވެރިންގެ ހަބަރު "ވަގުތު" ގައި ޖެހުމުގެ ކުރިން ހޮސްޕިޓަލްގެ މެނޭޖްމެންޓްގެ ބަހެއް ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައި ވީނަމަވެސް އެކަމާއި ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ހޮސްޕިޓަލުގެ އިސް ފަރާތްތަކަށް ގުޅޭތޯ ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ ހޮސްޕިޓަލްގެ ބަހެއް ލިބިފައެއް ނުވެއެވެ.

އޭއީއެޗްގެ އޮފިޝަލަކު ފަހުން ވަނީ ދަރުމަވެރިންގެ ކަނބޮޑުވުންތައް ހައްލު ކުރަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދަރުމަވެރިންނަށް އެ ހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށް ބުނާ ވާހަކަތައް އޮފިޝަލް ދޮގުކުރައްވާފައެއް ނުވެއެވެ.

ދަރުމަވެރިންގެ އެލެވެންސް އެފަރާތްތަކަށް ހޯދާދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ހޮސްޕިޓަލްގެ ފަރާތުން ކޮށްފައި ވީނަމަވެސް އެމަސައްކަތް ކުރާ ބޯޑު އަލުން އެކުލަވާލަން ޖެހިފައިވާވުމުން އެކަމުގައި ލަސްތަކެއް ދިމާވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"އެލެވެންސް ފޯމުތައް ފައިނަލް ކުރަން އޮވޭ ބޯޑެއް. އެ ބޯޑު މިހާރު ނެތް. ބޯޑެއް އެކުލަވާލަން ޖެހޭނީ. އެކަން ނުކުރެވި ދާތީ ކުދިންނަށް އެލަވެންސް ނުލިބި ލަސްތަކެއް ދިމާވަނީ،" އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް މިހާރު ހިންގަމުން އަންނަނީ "ވަކި ބޮޑީއެއްގެ" ގޮތުގައި ކަމަށެވެ. އަދި ހޮސްޕިޓަލުން ދަރުމަވެރިންނާއި މެދު އިހުމާލުވެފައިވާ ކަމަށް ފާހަގަކުރެވޭނަމަ އެކަން ތަހުގީގުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު، އެލަވަންސްއެއް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މެއި މަހުގެ ކުރީ ކޮޅުގައެވެ.

އެ ފައިސާ ދޫކުރަނީ ފައިސާ ލިބޭ ފަރާތްތައް ތިން ކެޓަގަރީއަށް ބަހާލައިގެންނެވެ. ހިރާސް ބޮޑު ކެޓަގަރީ އެލެވެންސްގެ ގޮތުގައި 500 ރުފިޔާ ދޭއިރު މެދުފަންތީގެ ހިރާސްގެ ކެޓަގަރީގެ މަސައްކަތްތެރިންނަށް 250 ރުފިޔާ އަދި ދަށް ފަންތީގެ ހިރާސް ކެޓެގަރީގައި މަސައްކަތް ކުރާ ފަރާތްތަކަށް 200 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީން ޖުލައި މަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެމަހުގެ ނިޔަލަށް 12،400 މީހަކަށް ފްރޮންޓްލައިން އެލަވެންސް ވަނީ ދޫކޮށްފައެވެ. އެއީ ޖުމްލަ 166 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮއްއް

    ޑޮކްޓަރުން ބަރާބަރަށް ވަޒީފާއަށް ނިކުމޭ، ނަމަވެސް އެއްކަމެއްވެސް ހައްލުނުކުރެވޭ. ޢަބަދުވެސް މާދަމާ، އަަންނަހަފްތާގައި ކޮށްމެވެަްކަމެއް ކުރަން ބުނަނީ.
    ކޮޮޅެއްގައި ނުޖެހި ޓެސްޓްހަދާލަ ހަދާލާ ތިބެންޖެހެނީ.
    ކީއްތަވާނީ ކަމުދާ ޑޮކކްޓަރުންކޮޅެއް ގެނައއްޔާ.

  2. މޮހޫ

    އަށްޑޫިޮސްޕިޓަލްމިހާރު ހިންގަންތިބި އިސްވެރިން ނަކީ ހޮސްޕިޓލް ހިންގަން އުޅޭބައެއްނޫން އަދިބަޔަކަށް ކަމެއް ވިޔަދޭންއުޅޭބައެއްވެސްނޫން

  3. ބަކުރުބެ

    ހަމަ ތެދެއް އޭއީއެޗް މެނޭޖްމެންޓް އިސްތިއުފާ.