އިދިކޮޅު ސިޔާސީ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މެސެޖަކާއި އެކު މި ހަފްތާގެ "ހަވާސް" ޕްރޮގްރާމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ބައިވެރިވަޑައިގަންނަވަން ނިންމަވައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ސިޔާސީ ޝަޚްސިއްޔަތުންނާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި "ވަގުތު" އިން ކުރަމުންދާ ސުވާލުތަކަށް ވެސް ޕްރޮގްރާމްގެ ބައިވެރިން ޖަވާބު ދެއްވާނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އާންމުންނަށް ވެސް މެހެމާނާއާ ސުވާލުކުރަން ފުރަސަތު ލިބޭނެއެވެ.

ނައިފަރު ދާއިރާގެ މެމްބަރާއި އެކު ކުރިއަށް ގެންދެވޭ މި ޕްރޮގްރާމް އޮންނާނީ މާދަމާ ހެނދުނު 9:30 ގައެވެ.

ގާގަނޑަކަށް އަށް އަހަރު ވަންދެން ޓޫރިސްޓް ރިސޯޓެއްގައި ޑައިވިން އިންސްޓަރަކްޓަރަކަށް އުޅުއްވުމަށް ފަހު ޝިޔާމް ކިޔަވައި ވިދާޅުވުމަށް ބޭރަށް ވަޑަައިގަތެވެ. މެނޭޖްމެންޓް ދާއިރާއިންނާއި، ޑިޕްލޮމެސީ ދާއިރާއިން އުނގެނިވަޑައިގެން އައުމަށްފަހު ސިޔާސީ މަޝްރަހަށް އޭނާ ނިކުންނެވީ ރައީސް ޔާމީންގެ ދައުވަތަކަށެވެ. އެމަނިކުފާނު އެދިލެއްވުމުން އަމިއްލަ ގޮތުން ނައިފަރު ދާއިރާގެ މެމްބަރު ކަމަށް ވާދަކުރައްވައި އަށާރަ ވަނަ މަޖިލީހުގެ ގޮޑިއެއް ކަށަވަރު ކުރެއްވިއެވެ. އެ ދާއިރާ ރައްޔިތުންގެ ބޮޑު ތާއީދަކާއި އެކު ދެވަނަ ދައުރަކަށްވެސް ޝިޔާމް އިންތިހާބުވިއެވެ. ދެވަނަ ދައުރަށް އިންތިޚާބުވީ ޔާމީން ލީޑް ކުރައްވާ ޕީޕީއެމްގައެވެ.

ހިނގަމުންދާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ޝިޔާމް ފާހަގަކުރެވެނީ އިދިކޮޅުގެ މައި އަޑުގެ ގޮތުގައެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓޯ އޮންނަ އެ މަޖިލީހުގައި އޭނާ ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް އައުމާއި އެކު ބޭއްވުނު ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ލީޑަރަކަށް ޝިޔާމް ހޮވިވަޑައިގަތެވެ. އެއަށްފަހު އެމްއެމްޕީއާރުސީގެ ހިޔާާތުގެ މައްސަލައާއި ގުޅިގެން ރައީސް ޔާމިންގެ މައްޗަށް އިއްވުނު 5 އަހަރުގެ ޖަލު ހުކުމާއި އެކު އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލުުގައި އިދިކޮޅުން ބޭއްވި ގިނަ ހަރަކާތްތަކުގެ ކުރީ ސަފުގައި އޭނާ އުޅުއްވިއެވެ.

"ހަވާސް" ގެ މެހެމާނުންގެ ލިސްޓު

  1. އަލީ އާޒިމް (އެމްޑީޕީ ޕީޖީ ލީޑަރު، މެދު ހެންވޭރު މެންބަރު)
  2. ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ޕީޕީއެމްގެ އެޑްވައިޒަރު، ކުރީގެ އިސްލާމިކް މިނިސްޓަރު)
  3. އަލީ ހުސައިން (ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު)
  4. އުމަރު ނަސީރު (ޑީއެންއޭގެ މުއައްސިސް، ކުރީގެ ހޯމް މިނިސްޓަރު)
  5. އަހްމަދު މަހްލޫފް (ޔޫތު މިނިސްޓަރު، އެމްޑީޕީގެ މެންބަރު)
  6. އަހްމަދު އާމިރު (އެމްޑީއޭގެ ނައިބު، ކުޑަހުވަދޫ މެންބަރު)
  7. ޝިދާތާ ޝަރީފް (އެމްއެންޕީގެ މެންބަރު، ކުރީގެ ޖެންޑާ މިނިސްޓަރު)