އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުކުމް ކުރި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީންގެ އޯޑިއޯތަކެއް ލީކުވިއިރު އެއީ ސައްޚަ އޯޑިއޯތަކެއް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ކްލަބް ހައުސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި މެންބަރު ޝިޔާމް ވިދާޅުވީ، ގާޒީންގެ އޯޑިއޯތައް ލީކުވުމާ ގުޅިގެން އެ ސުވާލުތައް ޖޭއެސްސީގެ ރައީސް ހިސާންއާ ކުރިމަތި ކުރެއްވި ކަމަށެވެ. އެއީ ސައްޚަ އޯޑިއޯތަކެއް ކަމުގައި ހިސާން ވިދާޅުވި ކަމާއި އޯޑިއޯތަކުގައި ދެއްކެވި ވާހަކަ ދޮގު ކުރައްވަން ކެރިވަޑައިނުގެންނެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އޯޑިއޯގައި ދައްކަވާފައި ހުރި ވާހަކަތައް ދޮގު ކުރާކަށް ހިސާނަށް ވެސް ކެރިވަޑައެއްނުގަންނަވާ، އެއީ ސައްޚަ އޯޑިއޯތަކެއް ކަމަށް ދެކެވެނީ،" ޝިޔާމް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް އިއްވި ހުކުމާ ގުޅޭ ގޮތުން ލީކުވެފައިވާ އޯޑިއޯތަކުގައި އެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ދިނުމާއި، ގާޒީ އަހްމަދު ޝަކީލަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން ދިނުމާއި ޔާމީނަށް ކުރާ އަނެއް ދެ ދައުވާގެ ޝަރީއަތް ވެސް ޝަކީލްއާ ހަވާލުކުރުން ޝިޔާމް ފާހަގަ ކުރެއްވިއެވެ.

"2023 ގެ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްއަކީ ރައީސް ޔާމީން، ސިޔާސީ ހުކުމް ކުރާ ފަނޑިޔާރުންނަށް މި ކަން ސާފު ނުވިޔަސް އެ ކަން ހިނގާނީ އެ ގޮތުގެ މަތިން،" ޝިޔާމް ވިދާޅުވިއެވެ.

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

މި މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށް، ހައިލަމް ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ޖޭއެސްސީން އެ ކަމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް ކަނޑައަޅައި ތަޅުމަށް ފޮނުވިއެވެ. ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ހައިލަމް މަގާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ޔާމީންގެ މައްސަލައާ ދެން ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ދަށު ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. މާދަމާ ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ. ޔާމީންގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެމަނިކުފާނުގެ ޝަރީއަތް ހިނގާފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    މިދުނިޔެމަތީގައި ދޮގުހަދައިގެން ވާހަކަ ދައްކާ މީހުނަކީވެސް މަރުވާނެ ބައެއް ! މަރުވީމަ ހެދިދޮގުތަށް އަޅާނީ ޔާމީނުގެ ޖީބައްތަ ؟