ޖުމްހޫރީ ޕާޓީން ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕާ ގުޅޭ ގޮތުން އަސާސެއް ނެތް ވާހަކަތަކެއް ފަތުރާފައިވަނީ ލީޑާޝިޕްގެ ބަދަހިކަން ފެނި އެ ރޫޅާލަން ބޭނުންވެގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާޣެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ވަގަށް" ގޮވި ފަހުން ބަހުގެ ހަމަލާތަކެއް ދެ ފަރާތުގެ މެދުގައި ދަނީ ބަދަލު ކުރެވެމުންނެވެ.

މި ގޮތުން ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހްމަދު ވަނީ އޭނާއާ ޕީޕީއެމްގެ ތިން ބޭފުޅަކު ބައްދަލު ކުރައްވައި ގާސިމްގެ ތާއީދު ލިބިވަޑައިގެން ވެރިކަމަށް ކުރިމަތިލައްވަން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ކްލަބް ހައުސް މެދުވެރިކޮށް މިއަދު ކުރިއަށް ގެންދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ތިން ބޭފުޅެއްގެ ނަން ވިދާޅުނުވެ ލަސް ކުރައްވަނީ ވެސް އެއީ ހަގީގަތެއް އަދި އަސާސެއް ނެތް ވާހަކަތަކަކަށް ކަމަށް ވާތީ ކަމަށެވެ.

"އެ ނަންތައް ހާމަ ކުރެއްވިނަމަ މާ ރަނގަޅު ވިސް ކަންނޭނގެ. އަސާސެއް ނެތް އަސްލެއް ނެތް ވާހަކަތަކެއް ދެއްކީ، އަޅުގަނޑުމެން ފަނޑިޔާރުންގެ ވާހަކަ ދެއްކީމަ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޖޭޕީގެ މިހާރު އޮތް ލީޑާޝިޕަކީ ބޭރުން ވަދެގެން އައިސް އުޅޭ "ބާޣީން" ތަކެއް ކަމަށް ވެސް އެ ބޭފުޅުން ސިފަ ކުރަމުން ގެންދާ ކަމަށާއި އެ ވާހަކަތަކަކީ ޖޭޕީގެ ލީޑަރު ގާސިމް ހިތްހަމަޖައްސުވައިދޭން ދެއްކި ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.