މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓަށް ދެ ހެކިވެރިންގެ ދޮގު ހެކި ބަސް ދީގެން އައްޑޫގެ ބިމެއް ހޯދި ކަމަށް ކަނޑައަޅައި، އެބިން ސުޕްރިމް ކޯޓުން އަތުލައިފިއެވެ.

އައްޑޫސިޓީ ހިތަދޫގައި ދޫކޮށްފައިވާ ކަމަށް ބުނާ މި ބަންޑާރަގޭގެ މައްސަލަ ފެންމަތިވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެބިމުގެ ރަޖިސްޓްރީ ބާތިލް ކުރަން އައްޑޫ ކައުންސިލްގެ ފަރާތުން އެސިޓީގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވިއެވެ. ނަމަވެސް އެ ބިމުގެ ރަޖިސްޓްރޭޝަން ބާތިލް ނުކުރެވޭނެ ކަމަށް ދަށު ކޯޓުން ހުކުމް ކުރިއެވެ.

ދަށު ކޯޓުގެ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ބުރަވީ އައްޑޫ ކައުންސިލްގެ ހުށަހެޅުމަށެވެ. އެ ކައުންސިލުން އެދުނު ގޮތަށް އެ ބިމުގެ ރަޖިސްޓްރޭޝަން ބާތިލްކޮށްފައިވެއެވެ.

އައްޑޫ ކައުންސިލުން ފާހަގަކުރާ ގޮތުގައި މި ބިން ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ އެއްވެސް ލިޔެކިޔުމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކު ނެތެވެ. އެހެންނަމަވެސް އެ ބިން ދޫކޮށްފައިވާ ކަމުގެ ވަގުތީ ލިޔުމެއް ދައުވާ ރައްދުވާ ފަރާތުން ހުށަހަޅާފައިވެއެވެ.

ހައިކޯޓުން ދަށުކޯޓުގެ ހުކުމް ބާތިލް ކުރުމާއި އެކު ބުމުގެ ވެރިޔާ ކަމަށް ބުނާ ފަރާތުން އެ މައްސަލަ ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

ޝަރުއީ މަރުހަލާގެ އެންމެ މަތީ ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑީޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން، ފަނޑިޔާރު ހުސްނުއްސޫދުއެވެ.

އަޒްމިރާލްދާގެ ރައުޔުއަށް މަހާޒު އަދި ސޫދު ތާއީދު ކުރައްވާފައި ވާއިރު، އެކަމަނާގެ ރައުޔުގައި ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދު ކުރައްވާފައެވެ. އަދި އެ ބިން ހޯދުމަށް އެއްވެސް އިރެއްގައި ދައުވާ ރައްދުވާ ފަރާތުން އެދިފައި ނުވާކަމަށް އިއުތިރާފް ވެފައިވާކަން ފާހަގަކުރައްވާ، ސުޕްރިމް ކޯޓުން ވަނީ އޭނާ އެ ބިމުގެ ރަޖިސްޓްރޭޝަން ހެއްދީ ދެ ހެކިވެރިއެއްގެ ދޮގު ހެކި ބަސްދީގެން ބިމުގެ ގާނޫނާއި ހިލާފަށް ކަމަށް ވިދާޅުވެ ހުކުމްކޮށްފައެވެ.

"ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ ޚިލާފަށް، ދެ މީހަކު މެދުވެރިކޮށް ޙަޤީޤަތާ ޚިލާފު ބަޔާންތަކެއް މިނިސްޓްރީ އޮފް ޙައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓަށް ދިނުމަށްފަހު، ހޯދާފައިވާ ބިމެއްކަން އެނގޭ" ސުޕްރިމް ކޯޓުގެ ހުކުމުގައިވެއެވެ.

މިހާރު އެބިން ވަނީ އައްޑޫ ސިޓީ ކައުންސިލަށް ނަގައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ތިޔަ ގޮތައް ހިޔާ ފުލެޓްވެސް އަތުލެވެން ވާނެ! ރަށްރަށުގެ މީހުން އެމީހުންގެ ފަޅުރަށެއްވަރުގެ ގޯތި އޮވެ ދޮގުމައުލޫމާތު ދީގެން ފުލެޓް ހޯދާފައިތިބި މީހުން ގެ އަތުން ފުލެޓް އަތުލަންވީ!

  2. އާދަމުގެދަރި

    ވަގުންނާއި ލުޓޭރުން ގިނަ ގައުމެއްގައި ތިޔައީ އާންމުކަމެއް. އެކަކު އަނެކަށް ވަގަށް ގޮވާފައި އެންމެންވެސް ކުރަނީ ވައްކަން. ދޮގުހެދި ދެނީ ބިރެއް ނެތި.

  3. އިބްރާހިމް

    ތިޔަގްތަށް ނަގަންވީ ވަރަށް ގިނަ ބިން އެބަހުރި.
    ބަލާބަލަ އެދުވަސްވަރު ދޫކޮށްފަ ހުރި ބިންތަކުގަ ގެ އަޅައިގެން އުޅެނީ އެ ދުވަސްވަރު ކޮށްފައިވާ އިއުލާންއާ އެއްގޮތަށް އުމުރު ހަމަވާ، މީހުންނާ ކައިވެނި ކޮށް ދަރިން ތިބި މީހުންތޯ.