ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޒް މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީން (ޖޭޕީ) ވަކިވެވަޑައިގެންނެވީ ސިއްރުން ކުރަން އުޅުނު ކަން ނުވީމަ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ ދެ ބޭފުޅުން ޖޭޕީން ވަކިވެވަޑައިގެންނެވީ ޕާޓީ ތެރޭގައި ތިއްބަވައިގެން ކުރައްވަން އުޅުއްވި ކަމެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަތުމުން ކަމަށެވެ.

އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އިލްހާމް ނުދެއްވައެވެ.

އެކަމަކު އިލްހާމް ވިދާޅުވީ ދެ ބޭފުޅުން ވެސް މިކަން ހާސިލް ކުރެއްވުމަށް ޕާޓީ ތެރެއިން މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން ޖޭޕީގެ އެތެރެއިން ބޭބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި ދެއްކި ވާހަކައަކާއި، ރެކޯޑިންއެއް އޮތިއްޔާ އެ ގާސިމްގެ ސަމާލު ކަމަށް އައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވި ގޮތުގައި ރިޔާޒް އާއި ނާޒިމަށް އެކަން ކާމިޔާބު ނުވީ ގާސިމް އެކަމަށް ފާރަވެރިވެ ވަޑައިގެން ހުންނެވީމައެވެ.

މިކަމުގެ އިތުރު ތަފްސީލެއް ނުދެއްވައި އިލްހާމް ވިދާޅުވީ ދެ ބޭފުޅުން ކުރައްވަން އުޅުއްވީ "ވަރަށް ހަޑި" ކަމެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީ ދޫކުރައްވައި، ނާޒިމާއި ރިޔާޒް މިހާރު މަސައްކަތް ކުރައްވަނީ މިހާރު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދެވުމުގައެވެ.

ނާޒިމް ވިދާޅުވެފައި ވަނީ ފާއިތުވީ ދެ އަހަރު ޖޭޕީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއްގައި ނޫޅެ "ނިދާފައި" ކަމަށެވެ. އަދި ޖޭޕީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ޕާޓީއެއްކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ އެ ވާހަކަތަކަށް މިއަދު ރައްދު ދެއްވަމުން އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަރަކާތްތައް މަޑުޖެހިފައި އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށާއި އެކަން ޕާޓީގެ މެންބަރުންނާ ހިއްސާކޮށްފައި ވެސް ވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ

    ނާޒިމާއި ރިޔާޒް ވަކިވީ ސިއްރުން ކުރަން އުޅުނު ކަންކަން ނުވީމަ: އިލްހާމް

    1 މިނެޓް ކުރިން ( ސެޕްޓެމްބަރު 12, 2021 )

    ރީތިބަހުން ކުރުކޮށް ފޮނިކޮށް މީނާއަކީ ޖާސޫސެކޭތަ މިކިޔަނީ ؟

    India Out # India Out # India Out #

    رئيس يامين عبد القيوم ވަގުން ވަގްތައް މިނިވަންކުރޭ #

    9
    1