ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއްމުކުރި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބަރަހަނާ ވީޑިއޯ އާއްމުކުރި މައްސަލައިގައި ރޭ 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އާއްމު ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރޭ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ހައްޔަރު ކުރުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އެމާއްދާ ބުނާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއްމު ކުރުމަކީ އެއެޕްލިކޭޝަން ބުނާ ގޮތުން ވެސް މަނާ ކަމެކެވެ. އެހެންކަމުން ބަރަހަނާ ވީޑިއޯ އާއްމު ކުރުމާއިއެކު ދިވެހި މީހާގެ އެކައުންޓް ވެސް ވަނީ ބޭން ކޮށްފައެވެ.

ޓިކްޓޮކްގައި ވަރަށް ގިނަ ދިވެހިން އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ވީޑިއޯތައް އާއްމު ކުރެއެވެ. އެފަދަ ވީޑިއޯތައް އާއްމުކުރާ މީހުންނަށް ގިނަ ބަޔަކު ފާޑުވެސް ކިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުން

    ވަގުތައް އެނގޭ ދޯ އިރުއިރުކޮޅާ ޓިކްޓޮކްގަ އުޅޭ އައުރަ ނިވާ ނުކުރާ މީހުންގެ ވާހަކަ ލިޔާއޮރު ތީހަމަ މިކަހަލަ ކަންކަމަށް ދެވޭ ހިތްވަރެއްކަން.