ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ފައިސާ ހުރިކަން ސާބިތުކޮށްދޭން އޭގެ ހެކިތައް ހުށަހަޅަން ފުރުސަތެއް ދެއްވަން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ހުށަހެޅުއްވީ 22 އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށެވެ. އަދި އިސްތިއުނާފް ޝަރީއަތް ނިމެންދެން ޔާމީނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދޭން އެދިވަޑައިގަތެވެ. އެ ކަމުގައި ގޮތެއް ނިންމާނީ ދެ ދުވަސް ފަހުން ބޭއްވޭ ޝަރީއަތުގެ އަޑުއެހުމުގައި ކަމަށް ކަނޑައެޅުއްވިއެވެ.

ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާ އިސްތިއުނާފީ ނުކުތާތައް ތަފްސީލްކޮށްދެއްވަމުން އެމަނިކުފާނުގެ ދިފާއީ ވަކީލުން ފާހަގަ ކުރެއްވި އެއް ކަމަކީ ގާނޫނުތަކުގައި އޮންނަ އުސޫލުގައިވާ ގޮތުން ނަމަ، ސިޔާސީ ލީޑަރެއްތެ އެކައުންޓަށް 50،000 އަށް ވުރެ ގިނަ ފައިސާ ޖަމާ ކުރެވެނީ ވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ލިބިގެން ކަމަށެވެ.

ދިފާއީ ވަކީލުން ވިދާޅުވީ އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުންނަ ކަމަށާއި އަދިވެސް އެބަ ހުރި ކަމަށެވެ. މި ފައިސާތަކުގެ ތެރޭގައި ޕީޕީއެމްގެ ހަރަކާތްތަކާއި ކެމްޕޭން ހަރަކާތްތައް ހިންގަން އެކި ފަރާތްތަކުން ހަދިޔާކޮށްދޭ ފައިސާ ވެސް ހިމެނޭ ކަމަށް ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ. އަދީބު ޖަމާކޮށްދެއްވި ފައިސާއަކީ މިގޮތުގެ މަތިން ޔާމީންގެ ފައިސާ ޖަމާކޮށްދެއްވަން އެދިވަޑައިގަތުމުން ޖަމާކޮށްދެއްވި ފައިސާ ކަމުގައި ވަކީލުން ވިދާޅުވެއެވެ.

"އަދީބު އަތުގައި ހުރި ފައިސާއެއް ޔާމީން ބޭނުންވާތީވެ އެ ފައިސާއެއް ދިނުމަށް އެދުނީ. އެދުނީމަ އަދީބު ވިދާޅުވީ އެއް މިލިއަން ޑޮލަރު އެބަ ހުއްޓޭ އެ ފައިސާ ޖަމާ ކޮށްދިން. އެސްއޯއެފް އަކީ ވިޔަފާރި ކުރަމުންދާ ކުންފުންޏަކަށް ވާތީވެ އެއީ ކުށެއްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމެއް ނޭނގޭ،" ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވިއެވެ.

ޔާމީންގެ ވަކީލް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ޔާމީނަށް އެކި ފަރާތްތަކުން ދެއްވި ކެމްޕޭން ފައިސާ އަދީބު އަތުގައި ހުންނާނެ ކަމުގެ ހެކި ދަށު ކޯޓަށް ހުށަނޭޅުނީ އެފުރުސަތު ލިބިވަޑައިނުގަތުމުންނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ އިސްތިއުނާފް ކުރައްވާ ފަރާތުން އާ ހެކިތަކެއްގެ ގޮތުގައި ހަތަރު ސަފްހާއެއްގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ވެސް ހެކިތަކެއްގެ މައްޗަށް އޮތް ސިޓީއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއިން އެއްވެސް ހެއްކެއް ޝަރީއަތަށް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ ޝަރީއަތުގެ އިސްތިއުނާފް މައްސަލަ ފަށާފައި މި ވަނީ ދަށު ކޯޓުގައި އެމަނިކުފާނަށް ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އަޑު ހިމެނޭ އޯޑިއޯތަކެއް ލީކުވެ އޭގައި ޝަރީއަތަށް ނުފޫޒު ފޯރުވި ވާހަތަކެއް ހިމެނިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނިކޮށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ދަށު ކޯޓުގައި ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

މި މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށް، ހައިލަމް ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ޖޭއެސްސީން އެ ކަމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް ކަނޑައަޅައި ތަޅުމަށް ފޮނުވިއެވެ. ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ހައިލަމް މަގާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ޔާމީންގެ މައްސަލައާ ދެން ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީންގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރަނީ އެމަނިކުފާނުގެ ޝަރީއަތް ހިނގާފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ.

ޔާމީން މިހާރު ހުންނެވީ ގޭބަންދުގައެވެ. އެއީ މާފުށީ ޖަލުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދާތީ "ހައި ރިސްކް" ނުވަތަ ހިރާސް ބޮޑު ބޭފުޅުންނަށް ދިން ލުއިތަކުގެ ތެރެއިން ޔާމީނަށް ދެއްވާފައިވާ ލުޔެކެވެ. އެހެންވިޔަސް މިދިޔަ ހުކުރު ދުވަހުގެ ހަވީރު ޔާމީންގެ ސަޕޯޓަރުން އޭނާ އުޅުއްވާ ގެކޮޅު ކައިރިއަށް ޖަމާވުމުން ގެކޮޅުގެ ކުޑަދޮރުން ސަޕޯޓަރުންނަށް ހަނާ އަޅުއްވައި ސަޕޯޓަރަކު ދިން ގައުމީ ދިދައާއި ޕާޓީގެ ދިދަ ވިހުރުވާލެއްވިއެވެ. އެއީ ގޭބަންދުގެ އިޤްރާރާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައިވެއެވެ.