ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޑޮމެސްޓިކް ޕާސްޕޯޓް ކެންސަލް ކޮށްދޭން އެދި ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓާއި ހައި ކޯޓަށް ހުށަހެޅިއިރު އެއީ މާ ކުރިން ވެސް ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަން އެނގެން އޮތް ކަމަށް ހައި ކޯޓުން ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނަލް ކޯޓަށް ވައްދާފައި އޮއްވައި، އެ ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދު ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދީފައެވެ. އެ ހުއްދަ އާއެކު އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ފެބްރުއަރީ މަހުއެވެ. އަލީ ވަހީދު ރާއްޖެ ދޫކޮށް ދިޔަތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ އަލީ ވަހީދުގެ ޕާސްޕޯޓް ކެންސަލް ކުރަން ދައުލަތުން އެދުނީ މާ ކުރިން ވެސް ކެންސަލްކޮށްފައި އޮތް ޕާސްޕޯޓަކަށް ވާތީ އެ އަމުރު ނެރުމުގެ ބޭނުމެއް ނެތް ކަމުގައެވެ. އަދި އެހެން ޕާސްޕޯޓެއް ކެންސަލް ކުރަން ބޭނުންވާނަމަ ދައުލަތަށް ޖެހޭނީ އެ ގޮތުގެ މަތިން ހުށަހަޅަން ކަމަށް މި ދެ ފަނޑިޔާރުން ފާޙަގަ ކުރައްވައެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރުއާއި، ފަނޑިޔާރު އަބްދުﷲ ހަމީދުއާއި، ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އަލީ ވަހީދުގެ ޕާސްޕޯސްޓް ކެންސަލް ކުރެވެން ނެތް ކަމުގައި ކަނޑައެޅުއްވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި އެ ކަމަށް ތާއީދު ކުރައްވައިގެންނެވެ. އެ ދެ ފަނޑިޔާރުންގެ ރައުޔުގައިވާ ގޮތުން އެހެން ޕާސްޕޯޓެއް ހިފަހައްޓަން ބޭނުންނަމަ ދައުލަތަށް ޖެހޭނީ އެ ކަމެއް ހުށަހަޅަން ކަމަށެވެ.

ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައި ވިދާޅުވެފައިވަނީ، ދައުލަތުން ހުށަހެޅި ލިޔުމުގައި މާ ކުރިން ވެސް ކެންސަލް ކޮށްފައިވާ އަލީ ވަހީދުގެ ޑޮމެސްޓިކް ޕާސްޕޯޓުގެ ނަންބަރު އޮތް ނަމަވެސް އޭގައި އަލީ ވަހީދުގެ ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް އެދިފައި އޮތުމުން އަލީ ވަހީދަށް ރާއްޖެއިން ދޫކުރެވިފައިވާ އެހެން ޕާސްޕޯޓެއް އޮތްނަމަ އެ ޕާސްޕޯޓެއް ހިފަހައްޓަން ހައި ކޯޓުން އަމުރެއް ނެރެވިދާނެ ކަމުގައެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ކަމުގެ ހުއްދަ ދިނުމުންނެވެ. ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަލީއަށް ކޯޓުން ދިނީ އޭނާގެ ބަދަލުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.

ޖާމިނުވެފައިވާ އެއްބަސްވުން ހަމަވި ފަހުން ދެން ކޯޓުން އެ މައްސަލަ ގެންދަން ނިންމެވީ އޮންލައިންކޮށް އަލީ ވަހީދު ޝަރީއަތުގައި ބައިވެރިކުރާ ގޮތަށެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް މައްސަލަ ގެންދިޔައީއެވެ. ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް 12 ދުވަުގެ ހުކުމް ކުރީ އެ ޝަރީއަތަށް ހާޒިރުވާން އަންގާފައިވަނިކޮށް އެ ގޮތަށް އަމަލު ނުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައެވެ.

މި ހުކުމް ވެސް އޭނާގެ މައްޗަށް އިއްވާފައިވަނިކޮށް، އިނގިރޭސިވިލާތުގައި އިނގިރޭސި ފުލުހުން ގޮސް ވަނީ އަލީ ވަހީދު ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ދިވެހި ނޫސްވެރިންނާ ބައްދަލު ކުރައްވަން ދައުވަތެއް ދެއްވައި ޓްވީޓެއް ކުރައްވާފައިވަނިކޮށެވެ. އޭނާ ހައްޔަރު ކުރީ ޕްރެސް ބާއްވަން އުޅުނު ތަނުގައި ހުންނަވަނިކޮށެވެ.

މިހެން ވިޔަސް، މިއަދު އަލީ ވަހީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ފާޑުވިދާޅުވެ ޓްވީޓެއް ވެސް ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި ވެސް އޭނާ މިއަދު ޓްވީޓެއް ކުރެއްވިއެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ އިތުރު ދައުވާއެއް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯލިހްއައުޓް

    ދައުލަތުގެ މަކަރުވެރި ދެބޯގެރިދުއްވުން އެބަ ފެނޭނު!

    11
  2. އަހުމަދު

    މީގެން މިއެނގެނީ ދައުލަތް ފޭލްވެފަ އޮތްވަރު، ގާބިލްނޫންމީހުން ތަންތަނުގެ ވެރިންނަލީމަ ވާގޮތް މިފެންނަނީ.

    10