ނިމިގެން ދިޔަ އޮގަސްޓު މަހު މީރާއަށް 1.27 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެއިދާރާއިން ބުނެފިއެވެ.

މީރާއިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 25.4 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. އަދި މިއަހަރުގެ އޮގަސްޓު މަހުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ވެސް 3.0 އިންސައްތަ ދަށް އަދަދެއް ކަމަށެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ އޮގަސްޓުގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ. އެގޮތުން، 2020 ވަނަ އަހަރު ވިޔަފާރިތަކަށް ލިބިފައިވާ އާމްދަނީ ދަށްވެފައިވުމުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް މީރާއިން ބުނެއެވެ.

އޭގެ އިތުރުން، 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ އޮގަސްޓު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށާއި އެފީ އޮގަސްޓު 2021 ގައި ލިބިފައި ނުވާ ކަމަށް މީރާއިން ވަނީ ފާހަގަ ކޮށްފައެވެ.

މީރާއިން ބުނީ، މިއަހަރުގެ އޮގަސްޓު މަހުގައި ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 53.8 އިންސައްތަ ނުވަތަ 685.41 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ. އެއީ 24.0 އިންސައްތަ ނުވަތަ 305.27 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 75.62 މިލިއަން ރުފިޔާ (5.9 އިންސައްތަ)، ވޯކް ޕަރމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ (3.2އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 33.81 މިލިއަން ރުފިޔާ (2.7 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 133.42 މިލިއަން ރުފިޔާ (10.5 އިންސައްތަ) ހިމެނެއެވެ.

އޮގަސްޓު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 36.92 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    މިދިޔަ މަހު މީރާއިން 1.27 ބިލިއަން ރުފިޔާ އަތުލައިގެންފި ، މިހެން ލިޔެބަލަ

  2. ކޮސްބބެއްޔާ

    މީރައްޔިތުމީހާ އަތުން ގަދަކަމުންނަގާޖިޒީ އިސްލާމީގައުމެއްގައި ރީތިކޮއްލަން ޖީއެސްޓީއޭކިޔަކަސް މިރުފިޔާނަގައިގެން ވެރިން މަޖާކުރުން ދެން ރައްޔިތުން ހައްދާލަންވެގެން މިކިޔަނީ މުސްކުޅިންނައް ރުފިޔާދޭވާހަކަ މީރައްޔިތުންގެ ޓެކްސްޕޭ އިންކުރާހޭދަޔެއް މިޔައްކިޔާނީ ވެންމަސްވެނައް