ހއ. އިހަވަންދޫ ބަނދަރުގެ އެއްގަމުތޮށި ލުމަށް ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލާނެ ކަމަށެވެ. އަދި 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލާ، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން މަގުބައްތިއާއި ނެރު ބައްތި ހަރުކޮށް، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި 59.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.