ރާއްޖެއަށް ނިރުބަވެރިންގެ ނުރައްކާ އޮތްއިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރާތީ ކަންބޮޑުވާކަމަށް ވެރިކަންކުރާ އެމްޑީޕީއިން ބުނެފިއެވެ.

އެޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބޮމެއް ގޮއްވާލާނެކަމަށް ބުނެ މާލޭގެ ނޫރު މިސްކިތުގެ ތަނބެއްގައި އިންޒާރެއް ލިޔެފައި އޮތް މައްސަލައަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.

އެބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ މިއަދު ފެންމަތިވި މި މައްސަލައިން ފާހަގަވެގެންދަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރާއި އެކަމުގެ ނުރައްކާ ރައްޔިތުންނާއި ގައުމަށް އޮތް މިންވަރެވެ.

"މޭ މަހުގެ 6 ވަނަ ދުވަހު ބޮން ގޮއްވާލައި ޓެރަރިސްޓް ޙަމަލާއެއް ދިނުމަށްފަހު، މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ އެފަދަ ޓެރަރިސްޓް ޙަމަލާއެއްގެ އިންޒާރު ދިނުމަށް ބޭނުންކޮށްފައި ވަނީ މާލޭގެ ނޫރު މިސްކިތެވެ. މިގޮތުން ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ އިންޒާރުގައި ބުނެފައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނޭ ކަމަށާއި ދިވެހި ޤައުމު ސުންނާފަތި ކޮށްލާނޭ ކަމަށެވެ." ބަޔާނުގައި ބުނެފައިވެއެވެ.

މިސްކިތަކީ ޙުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު، މިސްކިތުގެ ޙުރުމަތް ކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ، ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާ ނިރުބަވެރިން ކަމުގައި ޤަބޫލުކުރަންް ޖެހޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

"މިކަމުން ވެސް އިތުރަށް ހާމަވެގެން ދަނީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ޤައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރެވެ." ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ތަޙްޤީޤް ރިޕޯރޓްގައި، ބައެއް މިސްކިތްތަކުގައި، އޭގެ ތެރޭގައި ނޫރު މިސްކިތް ހިމެނޭގޮތަށް ހަރުކަށި ފިކުރުގެ ބައެއް ލީޑަރުން އެމީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅިގެން އެ އެމީހުންގެ ފިކުރު ކުރިއަރުވައި އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާއިރު، ހަމަ އެ މިސްކިތުގައިި އެފަދަ ނިރުބަވެރި އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ޚިދުމަތްތަކުން އެއަށް ފަހު ވެސް ސާވެލެންސްކޮށް އެކަންތައް ރަނގަޅަށް ނުބެލިވާކަމަށް ތުޙުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމުގައި ދެކޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެން ކަމުން މި މިންވަރުގެ ނިރުބަވެރިކަމުގެ ނުރައްކާ އޮތްއިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅެއް އޮތް ކަމަށް ނުދެކެވިވާކަމީ އެޕާޓީން ކަންބޮޑުވާކަމެއް ކަމަށާއި އެފަދަ ހަމަލާތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމަގައި އިތުރަށް ސަމާލުވެވަޑައިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ސަލާމަތީ ހިދުމަތްތަކަށާއި ސަރުކާރަށް އެޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުމީހުން

    ޒަމާނެއްގައި ކުއްލި ނުރައްކާ އިޢުލާން ކޮށަގެން ރައްޔިތުންގެ ހައްގު ގެއްލެނިއްޔޯ ކިޔައިގެން ބައިގަނޑެއް ދުވި.. އަނެއްކާ އެއީ ވެސް މިމީހުން ބާ؟

    24
  2. އިބްރާހިމް

    މަސްތުވެގެން ޖަނަވާރުން އުޅޭގޮތަށް މަގުތަކާއި މިސްކިތްތަކުގައި އުޅޭ 500 އަށްވުރެ ގިނަމީހުން ތިބިއިރު މުޖުތަމައު ހަލަބޮލިކޮށްލަން މިފަދަ ލިއުމެއް ތަނެއްގައި ތަތްކޮށްލުމަކީ ކާފިއު އިއުލާން ކުރަންޖެހޭ ކަމެއްނޫނެވެ.

  3. sahaara

    ހައް!

  4. މަޖާނަގާ ގެރި ސަރު ކާރޔ

    ޜައްޔިތުންނައް ހުރި ނުރައްކަލަކީ ލާދީނީ ތިޔޮރިސްޓުންގެ ބަލާވެެރިކަން

    11
  5. އަބުދު

    ގައުމަކައް އޮންނާނެ އެންމެ ބޮޑު ބިރުވެރި ކަމަކީ އެތަނެއްގަ ނޯންނަ ބޭރުގެ ދީންތއް އެތަނެއްގަ ތައާރފު ކުރަން އުޅުން . އެއްމެ ބޮޑެތި ގިނަ ލޭ އޮހޮރުވުންތައް ދެކެފައޮތީ ފަލަސްތީނުގަ އެއީ ނަސާރާއިން އެތަނައް ދީނުގެ ނަމުގަ ވަންނަން ކުރި މަސައްކަތް.