މަޝްހޫރި މުވާސަލާތީ ކުންފުނި ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރަށް މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް ކާމިޔާބުކުރި އައިޝަތު އަޒަލް ޒާހިރު އަދި ތިން ވަނަ ހޯދި މަރިޔަމް މައީޝާ ހަމަޖައްސައިފިއެވެ.

ދިރާގުން ނިންމާފައިވަނީ މޯލްޑިވިއަން އައިޑޮލްގެ މިއަހަރުގެ ސީޒަންގެ ގަދަ ތިނެއްގައި ހިމެނުނު އާޓިސްޓުންނަށް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަން ދިނުމަށެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ މިއަހަރުގެ ސީޒަންގެ ދެވަނައަށް ދިޔަ އާމިނަތު ސައިނާ މުޙައްމަދު ރަޝީދު މިވަގުތު ރާއްޖޭގައި ނެތުމުން ބްރޭންޑް އެމްބެސެޑަރުކަމުގެ ލިޔުމުގައި އަދި ސޮއި ނުކުރާ ކަމަށް ދިރާގުން ވިދާޅުވިއެވެ.

ދިރާގުގެ އައު ބްރޭންޑް އެމްބެސެޑަރުންނަށް އަޒަލް އާއި މައީޝާ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރިއިރު، އެ ފަންނާނުންނަށް އިތުރު ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ވިދާޅުވެއެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން 1، ސީޒަން 2، އަދި ސީޒަން 3 ގެ ޓައިޓަލް ސްޕޮންސާ، "ދިރާގު" ގެ އެމްބެސެޑަރުންގެ ތެރޭގައި މަޝްހޫރު ފަންނާނު ޝަލަބީ އިބްރާހިމްވެސް ހިމެނެއެވެ.

ދިރާގުގެ ބްރޭންޑް އެމްބެސެޑަރުންނަށް މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް ކާމިޔާބުކުރި އައިޝަތު އަޒަލް ޒާހިރު އަދި ތިން ވަނަ ހޯދި މަރިޔަމް މައީޝާ ހަމަޖެއްސިއިރު، ޒުވާނުންނާ ގުޅުންހުރި ގިނަ ކަންތައްތަކެއްގައި ދިރާގުން ހަރަކާތެރިވާ މަންޒަރު ފެނިގެންދާކަން ފާހަގަ ކޮށްލެވެއެވެ.