800 އަހަރުގެ ޖަލު ހުކުމަކުން ސަލާމަތް ވާން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށް ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ހުށަހެޅުއްވީ 22 އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހްގެ ނުކުތާތައް ފާހަގަ ކުރެއްވީ މައިގަނޑު ގޮތެއްގައި އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ދަށު ކޯޓާއި ހައި ކޯޓުން ނިންމައި މުޅި ޝަރީއަތް އެ މައްޗަށް ހިންގި ހިންގުމަށެވެ.

ދިފާއީ ވަކީލް އަލީ ޝާހު ވިދާޅުވީ، ޚިޔާނާތުގައި ބައިވެރިވެފައިވާ ކަމަށް ޝަރީއަތުގައި އިއުތިރާފްވެފައިވާ އަދީބުގެ މައްޗަށް އެ ކަމުގައި އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަން ދައުލަތުން ފާހަގަ ކުރައްވާފައިވާއިރު، އެފަދަ ހުކުމަކުން ސަލާމަތް ވާން އަދީބު "ކޮންމެ ފަދަ ކަމެއް ކޮށްދާނެ" ކަމަށެވެ.

ދިފާއީ ވަކީލުން ދެން ފާހަގަ ކުރެއްވި ކަމަކީ އަދީބަކީ ޔާމީންގެ ވަޒީރެއްގެ ގޮތުގައި ހުންނެވިއިރު ބޮޑު ޚިޔާނާތެއް ހިންގައިގެން ހަމަ އެ ވެރިކަމުގައި ދައުވާ އުފުލައިގެން ފިޔަވަޅުތަކެއް އެޅުއްވި ބޭފުޅަކަށް ވާތީ އެ ކަމުގެ ބަދަލު ހިފުމުގެ ރޫޚު އޮވެދާނެ ކަމަށް ބެލެވޭ ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ މި ދަނޑިވަޅުގައި ޔާމީންގެ އެންމެ ބޮޑު އެއް "ދުޝްމަން" ގެ ގޮތުގައި ދިފާއީ ވަކީލުން ވިދާޅުވިއެވެ.

"ފާސިގުންގެ ހެކި ބަސް ބަލައިގަނެގެން ނުވާނެ"

އަދީބާއި ޒިޔަތަކީ "ފާސިގުން" ކަން ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވި ކަން ޔާމީންގެ ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ. އެހެންވިޔަސް ޔާމީންގެ ހުކުމް ދެމެހެއްޓެވީ އެ ހެކިބަސްތަކަށް ބާރުލިބޭ އިތުރު ޝަފައީ އަދި ކިތާބީ ހެކި ހުރެގެން ކަން ހައި ކޯޓުން ފާހަގަ ކުރި ކަމަށާއި އެކަމަކު އެއީ ކޮން ހެކިތަކެއް ކަން ބުނެދެވިފައި ނުވާ ކަމަށް ދިފާއީ ވަކީލު އަލީ ޝާހް ވިދާޅުވިއެވެ.

ޔާމީންގެ އެންގެވުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅު ރަށްރަށް ކުއްޔަށް ދީފައިވާނެ ކަމަށާއި އެއިން ލިބޭ ފައިސާ ޔާމީން އެންގެވި ގޮތަކަށް ބޭފުޅުންނަށް ބެއްސެވި ކަމަށް އަދީބު ވިދާޅުވި ނަމަވެސް އެ ކަމަށް ބާރު ލިބޭނެ އިތުރު ހެއްކެއް ދެއްކިފައި ނުވާ ކަން ދިފާއީ ވަކީލުން ފާޙަގަ ކުރެއްވިއެވެ. މި ގޮތުން އޯޑިއޯ، ވީޑިއޯ، ކޯލް ރިކޯޑިން، ޑިޖިޓަލް ހެކި، ނޫނީ އެފަދަ ވާހަކައެއް ދެކެވެނިކޮށް އަޑު އިވުނު ބޭފުޅަކު ނެތް ކަން ދިފާއީ ވަކީލުން ވިދާޅުވިއެވެ.

"ދަށު ކޯޓުގައި ގާޒީން އަމަލު ކުރީ ގާނޫނާ ޚިލާފަށް"

ޔާމީންގެ ދިފާއީ ވަކީލުންގެ ފަރާތުން ދެން ފާހަގަ ކުރެއްވިއ އެއް ނުކުތާއަކީ އެންމެ ފުރަތަމަ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ސަސްޕެންޑް ކުރުމަށް ފަހު ދެން މައްސަލަ ހަވާލުވެލެއްވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަމަލު ކުރެއްވީ ފަނޑިޔާރުންގެ ގާނޫނަށާއި ކްރިމިނަލް ކޯޓުގެ އުސޫލާ ޚިލާފަށް ކަން ކަމަށެވެ.

މި ގޮތުން މައްސަލަ ބައްލަވާ ގާޒީ އިސްވެ ހުންނަވައިގެން ގާޒީއަށް ފެނިވަޑައިގަންނަވާ ގޮތަކަށް ގާޒީންގެ ބެންޗެއް އެކުލަވާލުމަކީ ކްރިމިނަލް ކޯޓުގައި އެ ކަން ކުރަން އޮންނަ އުސޫލު ނޫން ކަން ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ. އަދި އިސް ގާޒީ ގޮތުގައި ހުންނެވި އަލީ ރަޝީދު ފަނޑިޔާރުންގެ ގާނޫނާ ޚިލާފުވެ މީޑިއާއަކަށް އިންޓަވިއު ދެއްވި ކަން ވެސް ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ.

"ތަހުގީގު ވެސް ހިންގީ ގޯސްކޮށް"

ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވި ގޮތުގައި ތަހުގީގަށް އޭނާ ހާޒިރުކޮށްފައިވަނީ ދޮގު މައުލޫމާތެއް ރަސްމީ އިދާރާއަކަށް ދެއްވި ކަމުގެ ތުހުމަތުގައި ކަމާއި އޭނާ ސުވާލުކޮށް ބަޔާން ނެންގެވީ ވެސް އެ ކަމުގައެވެ. އެހެންވިޔަސް ދައުވާ އުފުލީ މަނީ ލޯންޑަރިންގެ ދައުވާއަށް ކަމަށާއި ދަށު ކޯޓުގެ މުޅި މަރުހަލާ ނިމުނުއިރު ވެސް ޔާމީނަށް ލިބުނު ފައިސާއަކީ ވަކި ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެގެން ހޯދި ފައިސާއެއް ކަން ސާފުކޮށްދެވިފައިނުވާ ކަން ވެސް ދިފާއީ ވަކީލުން ފާހަގަ ކުރައްވައެވެ.

ދަށު ކޯޓުގައި ކަން ހިނގާ ދިޔަ ގޮތް

ދަށު ކޯޓުގައި ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

މި މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށް، ހައިލަމް ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ޖޭއެސްސީން އެ ކަމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް ކަނޑައަޅައި ތަޅުމަށް ފޮނުވިއެވެ. ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ހައިލަމް މަގާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ޔާމީންގެ މައްސަލައާ ދެން ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީނަށް އަމާޒުކޮށް ހިންގާ މައްސަލަތައް

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަންނު

    އަދީބު ފަދައިން ކުއްވެރިވެފަވާ އެހެނިހެން މީހުންވެސް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ..

    10
    8
  2. އުމަރުބެ ބނޑދ

    ޔާމީން ހުކުމުން މިންޖުވާން ކޮންމެ ފަދަ ކަމެއް ވެސް ކޮށްދާނެ އަދީބައްވުރެން ޔާމީން 100 ގުނަ ނުލަފާވާނެ

    5
    25
  3. ދިވެހި ދިދަ

    ޔާމިނު ކައްކާލަބަލަ އޭރުން ބަނޑުފުރޭނީ މިދސަރުކާރުގެ

  4. ބޮކި

    ޔާމީންނަށް ކެރޭނެތަ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާނުވާކަމަށް ކޯޓުގައި ވިދާޅުވެވޭނެތަ ؟

  5. އަބުދު

    ވަކީލުންނަށް ސަލާމް ..... ނަފްސަށް އިހުސާސް ކުޑަކޮއްވެސް ވޭބާ ޔާމީނުގެ އިހުމާލާއި ނާގާބިލުކަން ނެތްނަމަ އަދީބައް 800 އަހަރުގެ ޖަލުހުކުމް އަންނަވަރށް ވައްކަން ނުކުރެވޭނެކަން . އެހެންވީމާ އެވަރުގެ އިހުމާލު މީހެއްގެ ދިފާއުގަ މަސައްކަތ ކުރުމަކީ ގޭގަކުދިން ބަޑައް ނުކައި ތިއްބަސް ކުރަން ވަރައް ލަދުގަންނަން ޖެހޭކަމެއް. އެއި އެކުދިން ބައްޕަދެކެ ލަދުގަންނާނެ ކަމެއް.

  6. މިތުރާ

    ޔާމިން ބޮޑު އިސްޓޭޖު މަތީހުރެ ބުނި ޢަދީބު އަށް %200 އިތުބާރު އޮތްކަމަށް އަހުން ނަކަށް ނޭގޭ! ތިކިޔާ އެއްނުކިޔާ އެއް، އޭރު ޖަމީލު ބޭރުކޮށްލާފަ ބޮރޯ ގޮވައިގެން އުޅުނީ ވަށްކަން ކުރަން އުތަ؟ ވަކީލުން އުޅޭނީ ރުފިޔާ ލިބޭވަރަކުން ކުއްވެރިޔާގެ ކޮޅަށް ބޯޅަ ޖަހަން،

    1
    1