މަގުތައް ހަދަން ސަރުކާރުން އުފައްދާފައިވާ، އާރްޑީސީ ކުންފުނީގެ އޮފީހުން ވައްކަންކުރުން ގިނަވާތީވެ އެ އޮފީހުގެ ފައިސާ ބެލެހެއްޓޭނެ ނިޒާމާއި ސެކިއުރިޓީ ނިޒާމު ވަރުގަދަކުރަން ލަފާދޭން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީން މިއަދު ނިންމައިފިއެވެ.

އާރްޑީސީގެ އޮފީސް، ތިން ފަހަރެއްގެ މަތިން ވަނީ ފަޅާލާފައެވެ. އެންމެ ފަހުން ފަޅާލީ އޮގަސްޓު މަހުއެވެ. އޭގެ ކުރިން އޭޕްރީލް މަހު ދެ ފަހަރެއްގެ މަތިން ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގިއެވެ.

ވައްކަންތައް އިތުރުވާ މައްސަލަ ދިރާސާކުރަން އެސްއޯއީ ކޮމިޓީން ވަނީ މިއަދު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މައްސަލަ ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)އެވެ. ކޮމިޓީިން އޮތީ އެ ވައްކަމުގެ މައުލޫމާތުތައް ފުލުހުންގެ އިދާރާއިންނާއި އާރްޑީސީން ހޯދާފައެވެ.

އެކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ބެލެހެއްޓުމަށް ކޮމިޓީއަށް ތިން ހުށަހެޅުމެއް ލިބުނެވެ.

ދިއްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވީ އެ ފަދަ ކަންކަން ތަކުރާރު ނުވާނެ ފަދައިން އޮފީހުގެ ސެކިއުރިޓީ ކަންކަން އިންތިޒާމު ކުރުމަށާއި ބޮޑެތި އަދަދުދަކުން ފައިސާ ގެއްލިފައިވާތީ ކުރިއަށް އޮތް ތަނުގައި ފައިސާގެ ކަންކަން މިއަށްވުރެ ހަރުދަނާ އުސޫލަކުން ބަލަހައްޓަން އާރްޑީސީއަށް އެންގުމަށެވެ.

ކޮމިޓީގެ ނައިބް މުގައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ ވައްކަމުގެ އެލާޓް ލިބުމުން އެއަށްވުރެ އަވަހަށް އެކަމުގައި އަމަލުކުރަން ޖެހޭނެ ހަމަޖެހިފައިވާން ޖެހޭނެ ކަމަށެވެ.

"އެފަދަ ދިމާވެއްޖެއްޔާ އެކަން ބެލޭނެ މެކޭނިޒަމެއް ގާއިމްކުރެވި އަވަސް އެކަންކަމަށް އެޓެންޑު ކުރެވޭނެ ގޮތަށް ހަމަޖެހިފައިވާން ޖެހޭ" ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ތިން ފަހަރު މަތިން ވައްކަން ކުރިއިރުވެސް އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް އަޅާފައިވަނީ އެންމެ ފަހު ފަހަރު ކަމަށްވާއިރު އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ދެވަނަ ފަހަރު އެކަންވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" އޭނާ ވިދާޅުވިއެވެ.

ހުސައިން ހުށަހެޅުއްވީ ތަނުގެ އެސެމެންޓެއް ހެދުމަށް ފަހު ވަގަކަށް ވަދެވެނޭ ހުރިހާ ފުރުސަތުތައް ބަންދުކުރުމަށް ލަފާ ދިނުމުގެ އިތުރުން އަވަހަށް އެލާޓް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ލަފާ ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތ

    މޫކޭ މަގާމުން ވަކިކުރޭ މީހުންނާއި ޕާރޓީ ތަކުގެ ބޮލުގައި ވަގު ބަދުނާމު އެޅުވީތީ ދައުވާކުރަންޖެހޭ މޫކޭ އާއި ދެކޮޅަށް

    2
    2
  2. ނައިކް

    ލަފާދޭނެ ކަމެއް ނެތް އެމީހުން އަމިއްލަޔަށް ތިކަން ކޮށްފި..8 ސެކިއުރިޓީ ގާޑުން ކޮންމެ ޑިއުޓީއަކަށް ލައިގެން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާގޮތަށް

    1
    1
  3. ހުސޭނުބޭ

    ލަފާދޭންވީ އަވަސް އަވަހަށް ތިޖޫރީ ފަޅަން! ބޮޑުން އަޑީގައި ތިބެގެން ހިންގާ ވައްކަން ހުއްޓުވޭނެ ގޮތެއް ނޯންނާނެ!