ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ މިންގަނޑެއް ނެތުމުން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީ، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓެއްގައި ބުނުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްދުދީފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މިކޮމިޓީ އެކުލެވިގެންވާ ގޮތާއި، ކޮމިޓީގެ މަސައްކަތްތައް ބަޔާންކޮށްފައި އޮންނަ އުސޫލެއް ކުރިން އިއުލާން ކޮށްފައި ވާނެ ކަމަށެވެ. ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވިފައިވަނީ 19 ފެބްރުއަރީ 2020 ގައި ކަމަށާއި އެ ތާރީޚަށްފަހު، އެ ކޮމިޓީގެ މަސައްކަތްވަނީ ހުއްޓިފައެވެ. އަދި 15 ސެޕްޓެންބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކޮމިޓީ އުވާލައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ޙައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ ("ނޫމަޑި") އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލައެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެއީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި ނޫމަޑިއާއި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ދެމެދު 20 ޖަނަވަރީ 2011 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ މައްސަލައަކާއި 500 ހައުސިންގ ޔުނިޓާއި ޕޮލިސް އެކަޑަމީއަކާއި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށްޓަކައި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ދެމެދު 30 މެއި 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައްސަލައެވެ.

އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 849 މިލިއަން ރުފިޔާ ދީފައި ވާނެކަން ބަޔާންކޮށް އެނިންމުން ރައީސް އޮފީހުން ވަނީ ދިފާއު ކޮށްފައެވެ. ރައީސް އޮފީހުން މިއަދު ވެސް ވިދާޅުވީ ނޫމަޑިއަށް ބަދަލު ދޭން ޖެހުނީ ނޫމަޑި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރަށް ރާއްޖެއިން ބޭރުގެ ޤާނޫނީ މާހިރުންގެ ފަރާތުން ލިބުނު ލަފަޔަށް ބަލައި، ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމްތައް އެއްބަސްވުންތަކާ އެއްގޮތަށް ފުރިހަމަކޮށްފައި ނުވާތީއާއި މިމައްސަލައާގުޅޭ ގޮތުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރާ ދެކޮޅަށް ނޫމަޑީގެ ހެކިވެރިއަކަށްވެ ހެކިބަސްދީފައިވާތީ ކަމަށެވެ.

މީގެ އިތުރުން، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާގައި ދައުލަތުގެ ވަޒީފާތަކުން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ 19 މައްސަލައެއް ކޯޓުން ބޭރުގައި ޙައްލުކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވިއެވެ.

ރައީސް ސޯލިހް އުފެއްދި ކޮމެޓީން ނިންމައިގެން ބަދަލު ދިނީ ނޫމަޑިއަށް އެކަނި ކަމަށް ރައީސް އޮފީހުން ވިދާޅުވި ނަމަވެސް ކޯޓުތަކުގައި އޮތް އެކި މައްސަލަތަކުގައި އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭންޑް ބަދަލު ކޮށްގެންނާއި އަދި އެހެނިހެން ނިންމުންތަކަށް ފަހު ސަރުކާރުން އެކި ފަރާތްތަކަށް ބަދަލު ދީފައި ވެއެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ވަނީ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޒައިކް

  ޔެސް ރަމގަޅު ވާހަކައެއް.. ދީބާޖާ މައްސަލަ ސުޕުރީމުކޯޓުން ރިވިއުކޮށް ބާތިލްކޮށްލީ، ދެން ހުރި މައްސަލަތަށް ސްޕުރީމުގަ ގޮތެއް އަދި ނުނިމޭ.. އެހެންވީމަ ބަދަލުގަ ފައިސާއެއް އަދި ނުދޭ ނޫމަޑި ނޫން ބަޔަކަށް..

 2. މަސްއޫދު

  ދެންބުނޭ ވެންޓިލޭޓަރުންވެސް ވަށްކަމެއް ނުރޭއޭ! ދޮގުހެދުމުގައިވެސް ހައްދެއްނެތް! އިބޫ! މިހާރު އިބޫ ދައްކާވާހަކަ ގަބޫލުކރާ މަދުބައެއްނޫނީނެތް!

 3. ޒީރޯ ޓޮލަރެންސް

  ކޮބާ އިބްރާއަށްދިން ލާރިގަނޑު .އޭނަ ބުނި ފައިސާ ނުދީފަިއްޔާ ވައްކޮށް ރޮށި ދަމާ އިބްރާހިމް ކާރު ދުއްވަންޖެހޭނީ އޭނަގައިމަތިންނޭ. އެހެންވީމަ ބިރުން ލާރިގަނޑު ދިނީ. އެކަން ކުރުމުގައި އިސްކޮށް ތިބީ ފިނޭންސް މިނިސްޓްރީން އަމީރުއާއި ޝަރުވަޝް. މީލައްކަ ވާހަކަ މިފައިސާ ދިނުން ލަސްވެގެން ޒަރިޔަންދުވެސް އުޅުނު.

 4. ޚިޔާލު 3

  ހައިކޯޓުން ނިންމާ އިސްތިއުނާފުގެ މަރުހަލާގެ މުއްދަތުހަމަވެފައިވާ ވަޒީފާތަކުގެ ބައެއް މައްސަލަތަކަށް ބަދަލު ނުދީ 2 އަހަރު ވެއްޖެ ހަމަހަމަ އުސޫލުން ކަންކަން ނުކުރެވެންޏާ އިންސާފުކަމަކަށް ނުބެލެވޭނެ ނުންތޯ.

 5. ފަނީ

  ދޮގުހަދަނީ ދިމާލައް.، އެވަރުންވެސް ދިވެހިންނައް އޯކޭ.

 6. ޝޮކްތެރަޕީ

  އެމްޑީޕީގެ އެތަކެއް ބަޔަކައް ބަދަލުދީފިން.

 7. އަނަސު

  މީއަޅެ ހާދަހާ ދޮގުހަދާވެރިއެއްދޯ! އިބުރާއަށް ދިނީ ކޮންއެއްޗެއްތޯ! ތިޔަވަރުގެ ބޮޑެތި ދޮގުހެދުން ގައުމެއްގެ ވަލިއްޔުލްއަރުގެ ނަފުސުގައި ހުރެއްޖެނަމަ ގައުމުގެ ހާލަތަކީ ކޮބައިތޯ!

  14
 8. ހާލުހުރިގޮތް

  ކުރީސަރުކާރު ކުރީސަރުކާރު ކުރީސަރުކާރު އެއްބިލިއަން އާއިކައިރިކުރާއަދަދައް އެކިމީހުންނައް ބަދަލުދިނުން އެވެސްހަމަ ޒިންމާއެއްވެސްނެތް ތިންއަހަނރައްކައިރިވަނީ ޖާޑީގެ ފުލެއްނެތް ކުރީސަރުކާރު ކީއްކުރާނީ

  10
 9. ހުސޭނުބޭ

  ބަދަލުދިނީނީވެސް ނޫން! ބަލަދު އަރާ މީހުންނަށް ބަހާ ހުސްކުރީ! ކާނެވަރަކަށް ކެވުނީމާ މިދިޔައަހަރު ތިޔަ ކޮމިޓީ އުވާލީ!

 10. އަހުމަދު

  ބަދަލު ދިނީ ހަމައެކަނި ނޫމަޑިއަށް
  އެހެން މީހުންނަށް ބަަދަލު ދެއްވީ