މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ހިމެނޭ އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން މީޑިއާތަކަށް ފޮނުއްވި މެސެޖްގައިވާ ގޮތުން، ދައުވާ އުފުލީ ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްއާއި، މ. ކުދެހިގެ އިޝްހާގުގެ މައްޗަށެވެ.

ފަހުމީ އަލީގެ މައްޗަށް އުފުލީ ނިރުބަވެރި އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ. ނާޒިމްގެ މައްޗަށް އުފުލީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އިޝްހާގުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، އަދި ނިރުބަވެރި އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، އިސްހާގަކީ ހަމަލާ ރޭވުމުގައި އިސް ދައުރެއް އަދާ ކުރި އެކަކެވެ. ހަމަލާ ދޭން ރިމޯޓް ބޭނުން ކުރި އަހުމަދު އަދުހަމް ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނީ އިސްހާގެވެ. އަދި ފަހުމީ އަކީ ވެސް އެ ކަމުގައި އެކި ދައުރު އަދާ ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 10 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. މި މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައިވެއެވެ.

އެއީ މިއަދު ދައުވާ އުފުލި ތިން މީހުންގެ އިތުރުން ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުގެ މައްޗަށެވެ. ފުރަތަމަ ދައުވާ އުފުލި ހަތަރު މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

މިހާތަނަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައި ނުވަނީ މި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހެއްގެ މައްޗަށެވެ. އެއީ ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކު، އަދި ހަމަލާގެ އެންމެ އިސް ރޭވުންތެރިޔާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

މީގެ އިތުރުން ދައުވާ ކުރަން ފޮނުވާފައިވާ ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހްގެ މައްޗަށް އަދި ދައުވާ ނުކުރަން ޕީޖީން ނިންމިއެވެ. އެހެންވިޔަސް ކުރިއަށް އޮތް ތަނުގައި އެކަށޭނަ ހެކި ހަމަވެއްޖެނަމަ ދައުވާ އުފުލާނެ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބަޔަކައް ނުހައްގުން ދެވޭ އަނިޔާއެއް. މުރުތައްދު ލާދީނީ ޝަމީމް ހީކުރީ ކަންނޭގެ ތާ އަބަދު އެ މަގާމްގައި ހުރެވޭނެ ކަމައް