އާޖެންޓީނާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ޑޮކްޓަރ އޫގޯ ހާވިއެރް ގޯބީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އާޖެންޓީނާގެ އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.

އަދި މި ބައްދަލުވުމުގައި ރައީސް ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

އާޖެންޓީނާގެ ސަފީރު ވަނީ ރާއްޖެއާއި އާޖެންޓީނާއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އަބަދުވެސް ރާއްޖެއަށް އާޖެންޓީނާއިން އެއްބާރުލުން ދެއްވާނެކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އިސް ދައުރެއް އަދާކުރާތަން ދެކިވަޑައިގަތުމަށް ބޭނުންފުޅުވާކަން އާޖެންޓީނާ ސަފީރު ފާހަގަކުރެއްވިއެވެ.

maldives - argentina

އިތުރަށް ގޯބީ ވިދާޅުވީ އާޖެންޓީނާއަކީ ރާއްޖޭގެ އެކުވެރިއެއްކަމަށާއި، އަބަދުވެސް ދެޤައުމުގެ ގުޅުން ބަދަހިކުރެެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އަދި ސަފީރު ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާ ގުޅޭގޮތުން، ޚާއްޞަކޮށް ކަނޑުފަޅު ހިމާޔަތްކުރުމާއި ގުޅިގެން ރާއްޖެ މިސާލަކަށް ބަލައި މަސައްކަތް ކުރެެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ފަތުރުވެރިކަމާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅޭގޮތުން އަދި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ރައީސް ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި އާޖެންޓީނާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާއި އާޖެންޓީނާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.