ރާއްޖޭގައި ބޮޑުވަޒީރަކު ހުރުމަކީ ބޭނުންވެ ވަޑައިގަންނަވާ ގޮތް ނޫން ކަމަށާއި އަބަދުވެސް ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށް ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިފަދައިން ވިދާޅުވެފައި މި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، ގާސިމް އަކީ ބޮޑުވަޒީރު ކަމަށް ރަނގަޅު ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ނަޝީދު އެ މޭރުމުން ވާހަކަދެއްކެވީ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައެވެ. އެހެންނަމަވެސް ގާސިމް ވަނީ އެފަދަ ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ރައީސް އަކަށް ހުންނަ ބޭފުޅަކު ޖަވާބުދާރީ ކުރަން އާއްމުންނަށް ފުރުސަތު ލިބެން ވާނެ ކަމަށާއި އެ ފުރުސަތު އޮތީ ރިޔާސީ ނިޒާމުގައި ކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް އާއްމުންގެ ވޯޓަކުން ކަނޑައަޅާފައި އޮތީ އެންމެ ރަނގަޅަށް ކަމަށް ވެސް ގާސިމް ފާހަގަކުރެއްވިއެވެ.
" ރާއްޖޭގައި ބޮޑުވަޒީރަކު ހުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އަޅުގަނޑު އެދެނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުން. ކުރިން ވެސް އަޅުގަނޑު ބަރުލަމާ ނީ ނިޒާމަކަށް ތާއީދެއް ނުކުރަން. ގާސިމް ވިދާޅުވިއެވެ.
ވަޓްސް އެޕް ގްރޫޕެއްގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ބޮޑުވަޒީރު ކަމަށް ގާސިމް ރަނގަޅު ކަމަށް ވިދާޅުވެ ވާހަކަފުޅު ފެއްޓެވީ ނަޝީދުގެ އަރިސް މެންބަރެއް ކަމަށްވާ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) އެވެ. އެގޮތުން ދޮންބިލަތް ވަނީ ބޮޑުވަޒީރުކަން ކުރެއްވުމަށް ގާސިމަކީ ގާބިލް ބޭފުޅެއް ކަމަށެވެ. މި ރާއްޖެއަށް ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ، އަދުލުވެރިކަންމަތީގައި ރައްޔިތުންނަށް އެ މަނިކުފާނުގެ ބޮޑުވަޒީރުކަމުގެ އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމުގައި ވިދާޅުވެފައެވެ..
އެހެންނަމަވެސް ނަމަވެސް ބަރުލަމާނީ ނިޒާމް ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ ގާސިމަށް ބޮޑުވަޒީރުކަން ދިނުމާއި ދެކޮޅު ހައްދަވާފައެވެ. ބޮންޑޭ ވިދާޅުވީ ގާސިމަށް ބޮޑުވަޒީރުކަން ދެއްވަން އޭނާއަށް ތާއިދު ނުކުރެއްވޭނެ ކަމަށެވެ.
މި ވާހަކަތަކަށް ރައްދުދެއްވާ ކުރިން ގާސިމް ވިދާޅުވީ، ބޮޑު ވަޒީރުކަން ކީއްކުރަން ޕިއޯނުކަން އެމަނިކުފާނަށް ދޭން ވެސް އެމްޑީޕީން އެއްބަސްނުވާނެ ކަމަށެވެ. އެވަރު ދިނަސް ވަރަށް ރަނގަޅު ބަޔަކަށް ވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސމްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، ރައީސް ނަޝީދު ވިދާޅުވީ، މިހާތަނަށް ވެސް ގާސިމް ބޭނުންވެލެއްވި ގޮތްތައް އެމްޑީޕީން ހަދާފައިވާނެ ކަމަށެވެ. "ގާސިމް ތިހެން ނުބުނުއްވާ. މިހާތަނަށް ވެސް ގާސިމް ބޭނުންވެލެއްވެވި ގޮތް ހަދާފައި ވާނީ އެމްޑީޕީން." ނަޝީދު ވިދާޅުވިއެވެ.
ގާސިމް ބޮޑުވަޒީރަކަށް ގެންނަން ނަޝީދު ތާއިދު ކުރައްވާ ވާހަކަދެއްކެވިއިރު ބަރުލަމާނީ ނިޒާމާއި ދެކޮޅަށް އެންމެ ފާޅުގައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ އެއްބޭފުޅަކީ ގާސިމެވެ.
އަންނި ކޮބާ ހީވޭ ކަމެއް ހެން؟؟؟
އަޅުގަނޑަކީ މިނިވަން މުސްތަޤިއްލު މީހެއް. އެއްވެސް ކުލަޔަކަށް ވަޟަަޢީ ޕާޓީއަކަށް އީމާންވާ މީހެއް ނޫން. އެކަމަކު މަނިއްޕުޅު ކަހަލަ ދެއުޅިއެއް ނުވާ ބޭފުޅުން ޢިލްމެއް ނެތި ބަސް ބުނުއްވުމަކީ އަޅުގަނޑުވެސް އެދޭ ގޮތެއ ނޫންކަމަށް ދަންނަވަން.
ތިހެން ކިޔާފައިވެސް އެނާޖަހާ ޗިޕެއްގެ ދަށުވެގެން ބޮޑުވަޒީރުގެ ގޮނޑި ނުފެނިއްޖެއިޔާމު ވަރަށް ރަނގަޅު!