މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަމްރީނު ކުރަން ތުރުކީން އެހީ ވެދޭނެ ކަމަށް އެ ގައުމުގެ ގުންގްރެން ޑިސްޓްރިކްޓްގެ މޭޔަރު ބުންޔާމީން ޑެމިރު ވިދާޅުވެއްޖެއެވެ.

މޭޔަރު ބުންޔާމީން މިފަދައިން ވިދާޅުވެފައިވަނީ މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ތުރުކީވިލާތަށް ކުރައްވާ ކައުންސިލްގެ ރަސްމީ ދަތުރުފުޅުގައި ގުންގޮރެން ޑިސްޓްރިކްޓް ގެ ކައުންސިލް އިދާރާގައި ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ބައްދަލުވުމުގައި ދެފަރާތުން ހިންގާ ޕްރޮޖެކްޓްތަކާބެހޭ މައުލޫމާތު ބަދަލުކޮށް މި ޕްރޮގްރާމްގައި ހުރި ކަންތައްތަކުގެތެރެއިން އިސްލާހްކުރަންޖެހޭ ކަންކަމާއި، ދެފަރާތުން ތަޖުރިބާ ހިއްސާކުރެވޭނެކަންކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި ދިޔަ ހުކުރުދުވަހުރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާވަޑައިގަންނަވަމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރ ވިދާޅުވީ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ އެކި ސިޓީތަކުގެ ކައުންސިލްތަކާއި ބައްދަލުކުރައްވާނެކަމަށެވެ. އަދި އެ ކައުންސިލްތަކާއެކު ސިސްޓަރ ސިޓީ ހެއްދެވުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. މީގެ އިތުރުން މާލޭ ސިޓީގެ ތަރައްޤީއަށް ތުރުކީވިލާތުގެ ކަމާބެހޭ ބައެއްފަރާތްތަކުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާބެހޭގޮތުން މަޝްވަރާކުރައްވައި އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަން ހާމަކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ރާއްޖޭގެ ކައުންސިލްތަކާއެކު ގުޅުންބަދަހިކުރުމުގެ ބައްދަލުވުންތައްވެސް ބާއްވަން ފަށާފައެވެ. އެގޮތުން މާލެ އަތޮޅު ކައުންސިލާ އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮންގޯ

    ތިޔަ ޑިސްޓްރިކްޓްގެ ޒަމާންވެސް ތިދިޔައީ

  2. އަބުދު

    ކައުންސިލް ތަކާ ހުރެ މިގައުމު ވާނުވާގެ ތެރެއައް ވެއްޓުމަކީ ވަރައް ގާތްކަމެއް . ކައުންސިލްތައް އުވާލާ.