ޏ. ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު އަންނަ އަހަރު ފެބްރުއަރީ މަހު ނިންމަން އެމްޓީސީސީން އަމާޒު ހިފައިފިއެވެ.

ފުވައްމުލައް ވަށައިގެން އޮންނަ ރިންގްރޯޑާއެކު އެ ސިޓީގެ 31 މަގެއް ރަނގަޅު ފެންވަރަށް ހަދައި ތާރު އަޅަން އެމްޓީސީސީއާ ހަވާލު ކުރީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ކޮވިޑް-19 ގެ ހާލަތު ދިމާވެގެން އެ މަސައްކަތް އޮތީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ.

ރާއްޖެ ޓީވީން ރޭ ގެނެސް ދިން ޕްރޮގްރާމެއްގައި އެމްޓީސީސީގެ ސީީއީއޯ އާދަމް އާޒިމް ވިދާޅުވީ ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫއު މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ސައިޓަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީ ގެ ސީއީސޯ އާދަމް އާޒިމް މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އާޒިމް ވިދާޅުވީ ކުރިން އަމާޒު ހިފީ ޑިސެމްބަރަށް މަގުތައް ނިންމާލުމަށް ކަމަށެވެ.

ނަމަވެސް ކޮވިޑް ހާލަތު ގޯސްވެ ފުރަބަންދާ ހެދި އިންޑިއާ އަދި ޗައިނާ އިން ގެންނަން ބޭނުންވާ ސާމާނުތައް ގެންނަން ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށާޢި ފައިސާގެ ދަތިކަންވެސް ދިމާވިކަން އޭނާ ފާހަގަކުރެއްވިއެވެ.

މަޝްރޫއުތަކުގެ ފައިދާ ރައްޔިތުންނަށް

އެމްޓީސީސީގެ އަމާޒަކީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުން އެ ރަށްރަށުގެ ރައްޔިތުންނަށްވެސް އޭގެ މަންފާ ލިބޭ ގޮތަށް ކުރިއަށް ގެންދިޔުމެވެ. ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުއަށްވެސް އެ ރަށުން 100 އެއްހާ މީހަކު ވަނީ ނަގާފައެވެ. އާޒިމް ވިދާޅުވީ ފުވައްމުލަކުން ވަގުތީ ގޮތުން ވަޒީފާއަށް ނެގި މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ރަނގަޅަށް މަސައްކަތްކުރާ މީހުން ކަމަށެވެ.

"ގަޑިއަށް އައިސް. ކުރަންވާ މަސައްކަތްކޮށް. ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ކުދިންކޮޅެއް އެއީ" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ކުންފުނިން މަޝްރޫއުތައް ހިންގާ ކޮންމެ ރަށަކުންވެސް މަސައްކަތަށް ވަކި އިންސައްތައަކަށް މީހުން އެރަށަކުން ނަގާ ކަމަށެވެ. އޭގެ ތެރެއިން ރަނގަޅަށް މަސައްކަތްކުރާ ކުރާ ފަރާތްތަކަށް ވަޒީފާ ދާއިމީކޮށްދެމުންދެއެވެ. ނަމަވެސް ގިނަ ބަޔަކު ބޭނުންވީ ރަށުގައި ތިބިގެން މަސައްކަތް ކުރަން ކަމަށްވާތީވެ އެ ފުރުސަތު ފަހިކޮށް ނުދެވޭ ކަމަށް ވިދާޅުވިއެވެ. އެމްޓީސީސީގެ މުވައްޒަފުންގެ މުސާރާއަށް ބަދަލުގެނެސް އެތަނުގެ ޓްރެއިނިން ޑިޕާޓްމެންޓް ވަރުގަދަ ކޮށްފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ.