ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގައި ތިބި މީހުންގެ ޕާފޯމަންސް އެޕްރައިިޒަލް އަށް ރިއާޔަތްކޮށް، މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީގެ ލަފައާ އެކު ސިވިލް ސާވިސް ކޮމިޝަނުން ނިންމުމުން އެނިންމުން ބަދަލުކުރުމަށް ގޮވާލައި އައިޖީއެމްއެޗްގެ ސިއްހީ ހިދުމަތްތެރިން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ސިއްހީ ހިދުމަތްތެރިން ސޮއި ކުރަމުން ގެންދާ ޕެޓިޝަންގައި ބުނެފައި ވަނީ އިޤްތިސާދީ ތަދުމަޑުކަމުން ސަލާމަތްވުމަށްޓަކައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުން، ދިވެހި ސިވިލް ސާވިސަސްގެ ފަންނީ ވަޒީފާގެ އޮނިގަނޑުތަކުގައި ތިބި މުވައްޒަފުންނަށް ހިދުމަތުގެ މުއްދަތަށާއި މަސައްކަތުގެ ފެންވަރަށް (ޕަރފޯމަންސް އެޕްރައިސަލްއަށް) ރިޢާޔަތްކޮށް ދެވޭ ގްރޭޑުގެ ކުރިއެރުން މަޑުޖެއްސެވުމަށް ނިންމަވާފައިވާތީ، މި ނިންމެވުމަކީ ބޭއިންސާފުން ނިންމަވާފައިވާ ނިންމެވުމެއް ކަމުގައި ޑޮކްޓަރުން، ނަރުހުން، ލެބޯޓްރީޓެކްނީޝަނުންނާއި އެހެނިހެން އެލައިޑް ހެލްތް ސްޓާފުން ގަބޫލުކުރާކަމަށެވެ.

ކޮވިޑްގެ ރާޅުތަކުން އަރައިގަތުމަށް ވަރުބަލިކަމާއި އެކުވެސް، އެންމެ ކުރީ ސަފުގައި، ފަސްޖެހުމެއްނެތި ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަ އެއްބަޔަކީ ސިއްޙީ ދާއިރާގެ މުވައްޒަފުންކަމުގައި މުޅި ދުނިޔެ އަދި ހުދު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިޔާވެސް ގަބޫލުފުޅުކުރައްވާކަން ފާހަގަކޮށް ޕެޓިޝަންގައި ބުނެފައި ވަނީ ކަންމިހެން އޮތްއިރު ދިވެހިރާއްޖެ ފަދަ ޒަމާނީ ވަސީލަތްތަކާއި ފަންނީ މުވައްޒަފުން މަދު ގައުމެއްގައި، އެންމެހާ ރައްޔިތުންނަށް ލިބިދޭންޖެހޭ ސިއްހީ ހިދުމަތްތައް އަދި ޚާއްސަކޮން ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ހުއްޓުމެއްނެތި އަދިއަދާ ޖެހެންދެންވެސް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންނަށް އިތުރު ހިތްވަރެއް ނުވަތަ ކުރިއެރުމެއްގެ ބަދަލުގައި، މިފަދަ ހަރުކަށި ނިންމުމެއް ނިންމެވުމަކީ މިވަގުތު މިދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ މުވައްޒަފުންނަށް ދެވޭނެ އަދަބެއް ކަމަށެވެ.

އައިޖީއެމްއެޗް އަކީ އެންމެ ބޮޑު ހޮސްޕިޓަލަށްވެފައި، ސިވިލް ސަރވިސްގެ ދަށުން ދެވޭ މުސާރައަކީ ކުރެވޭ މަސައްކަތާއި އަޅާކިޔޭ ވަރުގެ މުސާރައެއް ނޫން ކަމުގައި ގަބޫލުކުރާ އެތައް މުވައްޒަފުންނެއް މިހާރުވެސް އަމިއްލަ ކުންފުނިތަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި މިފަދަ ނިންމެވުމެއް ނިންމެވުމަކީ މިކަމަށް ކޮށައިދެވޭނެ މަގެއް ކަމުގައި ދެކޭކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"މިފަދައިން މުވައްޒަފުން ވަކިވެގެންދާނަމަ، މިހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކަށް ބޮޑެތި ހީނަރުކަމެއް އައިސް ބައެއް ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ ދުރު ކަމެއްކަމުގައި ނުފެނެއެވެ. އަދި ދިވެހި ރާއްޖޭގެ ސިވިލް ސާރވިސް ގަވައިދުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ވަކި މުއްދަތަކަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ގްރޭޑްގެ އަދި މަގާމުގެ ކުރިއެރުން ލިބުމަކީ އެ މުވައްޒަފެއްގެ ހައްގެކެވެ. ވީމާ، ސިއްޙީ މުއްޒަފުންނަށް އޮނިގަނޑުގެ ތެރެއިން ލިބެންޖެހޭ، ހިދުމަތުގެ މުއްދަތަށާއި މަސައްކަތުގެ ފެންވަރަށް (ޕަރފޯމަންސް އެޕްރައިސަލްއަށް) ރިޢާޔަތްކޮށް ދެވޭ ގްރޭޑުގެ ކުރިއެރުން މަޑުޖެއްސެވުމަށް ނިންމެވުމަކީ މިދާއިރާގެ މުވައްޒަފުންގެ ހައްގަކަށް އަރައިގަތުން ކަމުގައި ދެކެމެވެ." ޕެޓިޝަންގައި ބުނެފައި ވެއެވެ.

ސިވިލްސާރވިސް ކޮމިޝަނުން މިކަމުގައި މުވައްޒަފުންނަށްޓަކައި ވަކާލާތު ކުރައްވަން ތެދުވެ ވަޑައިންނުގަންނަވާކަން ފާހަގަކޮށް މިކަމާ ހިތާމަ ކުރާކަމަށް ވެސް ޕެޓިޝަންގައި ބުނެފައި ވެއެވެ. އެހެންކަމުން، ސިއްޙީ ދާއިރާގެ މުއްޒަފުންގެ އޮނިގަނޑުގެ ތެރެއިން ހިދުމަތުގެ މުއްދަތަށާއި މަސައްކަތުގެ ފެންވަރަށް (ޕަރފޯމަންސް އެޕްރައިސަލްއަށް) ރިޢާޔަތްކޮށް ދެވޭ ގްރޭޑުގެ ކުރިއެރުން މަޑު ޖެއްސެވުމަށް ނިންމެވި ނިންމެވުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެނިންމެވުން ވަގުތުން ވަގުތައް އަނބުރާގެންދެވުމަށް ޕެޓިޝަންގައި ގޮވާލާފައި ވެއެވެ.

މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލި މައްސަލާގައި ހެލްތު މިނިސްޓްރީ އާއި ސީއެސްސީ އާއި ނޭޝަނަލް ޕޭ ކޮމިޝަނާ އެކު މަޝްވަރާ ކުރިޔަސް އެއްވެސް ކުރިއެރުމެއް ލިބިފައި ނެތް ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރ

    ސީ އެސް ސީ އަކީ ދުވަހަކު ވެސް މުވައްޒަފެއްގެ ހައްގު ހިމާޔަތް ކުރި ތަނެއް ނޫން މުޅިން ސިޔާސީ މީހުން މަގާމު ދިފާއު ކުރަނީ... ވަރަށް ކަޑަ ތަނެއް މުވައްޒަފެއްގެ އަގު ވެސް ވަޒަން ނުކުރާނެ މިނިސްޓަރ ވިދާޅުވީމާ މީހުން ވަޒީފާއިން ވެސް ވަކި ކުރާނެ

  2. ޙާލަތު

    ތިޔައީ ސިވިލް ސަރވިސް ކޮމިޝަނެއްނޫން އެއީ ސިޔާސީ ސަރވިސް ކޮމިޝަން

  3. އަޑޭ މިލްޒާ

    ޑރ ޝާން ގެ އަމިއްލަ އެދުމެއްގައި ކުރާކަމެއް ތީ. އަިޖީއެމްއެޗްގެ ގިނަ ސްޓާފުންގެ އޮނިގަޑެއް ނުވެސް ނެތް

  4. ކޮވިޑް

    ތިކަހަލަ ކަމަކާ ޕޮލިހުން ވެސް އެބަ ވިސްނާ ހެން ހީވޭ. އެކަހަލަގެ އަޑެއް ގަލޮޅު ޕޮލިސް ފާރުން އަޑު އިވުން ކަހަލަ؟ އެބައެއްގެ ހައްޤު ހޯދަން މަސައްކަތް ކުރާނީ އެބަޔަކު . އެކަން މޯލްޑިވިއަންގެ ޕައިލެޓުން ސާބިތު ކޮށް ދިނީ. ޕޮލިސް ، ސިއްހީ ދާއިރާގެ މުއަޒަފުން ހިތްވަރާ އެކު ނުކުމޭ . ރޮއިފަ ނޫސް ބަޔާން ނެރުނަސް އަޑު ނީވޭ ނުފެންނަ ޖާލިހް ސަރުކާރެއް މި އޮތީ.

  5. ހަޑިމިލޭރު

    70.0000ރުފިޔާގެ މުސާރަ ކުޑަވެެގެން ޕައިލެޓުން ބޮޑާހާކާލާއިރަށް މުސާރަ ބޮޑުކޮށްދޭން ރައީސްމީހާއެއްބަސްވެއްޖެ. އަސާސީމުސާރާ ޑޮކްޓަރުން ފިޔަވައި ސިއްހީދާއިރާގެ އެހެން ގިންތީގެ އަސާސީ މުސާރަ ނާރާނެ 5000ރުފިޔާއަށްވެސް. ޚާއްސާކޮށްނަރުހުން ޗުއްޓީއެއްނެތި ކެޑިނޭޅި މަސައްކަތްކުރޭ. ރިސްކުއެލަވަންސް ވެސް ނުލިބޭ.