ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ރޭ ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އާއިލާ އިން ކުރާ ތުހުމަތުތައް ބެލުމުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ދުލެއް ނުދޭނެ ކަމަށް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ޖަލުގައި ތިން އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ކުއްލިގޮތަކަށް ނިޔާވެފައި ވަނީ ގދ. ވާދޫ، ޖަނަވަރީގެ، މުހައްމަދު އަސްލަމްއެވެ. އޭނާ ނިޔާވީ އުމުރުން 40 އަހަރުގައެވެ.

އަސްލަމް ނިޔާވިކަން ވެސް ކަރެކްޝަންސްއިން އާއިލާއަށް އަންގާފައި ނެތް ކަމަށް ތުހުމަތު ކުރެވެއެވެ. އެ ކަން އާއިލާއަށް އެނގުނީ ހޮސްޕިޓަލްގައި އާއިލާ މީހަކު ހުއްޓަައި އަސްލަމް ހޮސްޕިޓަލަށް ގެންދިޔުމުން ކަމުގައި ތުހުމަތު ކުރެއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ މިއަދުގެ ޖަލްސާއަށް މިކަމާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. މި ކުއްލި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލަން ނިންމީ 24 މެންބަރުންގެ ވޯޓުންނެވެ. ބަލައިނުގަންނަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މި މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޖަލުގައި މީހަކު ނިޔާވި ޚަބަރު ލިބުމާއެކު އެ މައްސަލައަށް މަޖިލީހުގައި އޮންނަ ހިއުމަން ރައިޓްސް ކޮމިޓީން ފާރަލަމުންދާ ކަމަށެވެ. ރޭ އިރާކޮޅުން ފެށިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރަމުންދާ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޓީން އޮޅުން ފިލުވަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރޭގެ 7:50 ގައި އެޗްއާރުސީއެމްއަށް ކަރެކްޝަންސްއިން އެންގި. އެޗްއާރުސީއެމްއިން 8:10 ގައި ހޮސްޕިޓަލަށް ޒިޔާރަތް ކުރި. އަދި ފަހުން ހުޅުމާލެ ޖަލަށް ޒިޔާރަތް ކުރި. ޑިއުޓީ އޮފިސަރުންނާއި އާއިލާއާ ވާހަކަ ދެއްކި. ސީސީޓީވީ ފުޓޭޖްތައް ބެލި. އެޗްއާރުސީއެމްއިން މި ކަންކަން ކުރަމުންދޭތޯ ހިއުމަން ރައިޓްސް ކޮމިޓީއިން ދިޔައީ ބަލަމުން." ހަސަން ލަތީފް ތަފްސީލްކޮށްދެއްވިއެވެ.

ހަސަން ވިދާޅުވީ މި މައްސަލައަކީ ފުލުހުންގެ މުއައްސަސާއިން ވެސް ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ. މި ކަން ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ ތަހުގީގަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ފުލުހުން ހާޒިރުކޮށްގެން ފާރަވެރިވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ތިބީ ދޫދޭގޮތެއް ނޫން." ހަސަން ލަތީފް ވިދާޅުވިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ރޭ ފަތިހުން ފެށިގެން ހިއުމަން ރައިޓްސް ކޮމިޓީން އެޗްއާރުސީއެމްގެ މަސައްކަތުގެ ފަހުގެ މައުލޫމާތުތައް އެއްކުރަމުންދާ ކަމަށެވެ.

ފަހުން އެމްޑީޕީގެ އިސް ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އާއި ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވެސް ވަނީ މި ކަމުގައި މިނިވަން ތަހުގީގެއް ހިނގަމުންދާ ކަން މަޖިލިހުން ބަލާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ކޮން ޕާޓީއެއްގެ ކުއްޖެއްބާ ނިޔާވީ!

    4
    1
  2. ޑިމީހާާ

    އޑޕ ބޮޓްސް، ކޮބާ ކޮންސްޕިރަސީ ތިޔަރީއެއްނެށްތަ ވެރިމީހާ ގުޅުވާފަ...