ވ. ފެލިދޫގެ ނަރުދަމާ ނިޒާމު ބަލަހައްޓަން ސްޓެލްކޯއިން ހަވާލުނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލަން ވޯޓު ދެއްވީ އަށް މެންބަރެކެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ އެއް މެމްބަރަކު އިންނެވިއެވެ. އެހެންވެ މައްސަލަ ބަލައިގަންނަން ފާހެއް ނުވިއެވެ.

ފަޒުލް ހުށަހެޅުއްވި މައްސަލާގައި ލިޔުއްވާފައިވަނީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކުން އެ ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ވެސް ބަލަހައްޓަމުން ގެންދާ ގޮތަށް ސަރުކާރުގެ ސިޔާސަތު އެކަށައަޅާފައިވާ އިރު ފެލިދޫގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ ސްޓެލްކޯއިން އެ ރަށުގެ ނަރުދަމާ ބަހައްޓަން ހަވާލު ވާން ޖެހޭ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެ ކަމުގައި ފިޔަވަޅެއް އަޅާފައި ނުވާތީއާއި ކައުންސިލުން މި ވަގުތަށް ނަރުދަމާގެ ނިޒާމު ބަލަހައްޓަމުން ދިޔަ ނަމަވެސް ކައުންސިލްގެ ނަރުދަމާ ބަލަހައްޓަން ވަސީލަތާއި ފަންނީ މުވައްޒަފުން ނެތިގެން އެ ކަން ކުރަން ދަތިވެގެން އުޅޭ ކަން ވެސް ފަޒުލް ފާހަގަ ކުރައްވާފައިވެއެވެ.

އެނގިފައިވާ ގޮތުގައި ނަރުދަމާގެ ނިޒާމު ބަލަހައްޓަން ސްޓެލްކޯއިން ހަވާލުނުވާން ބުނެފައެއް ނުވެއެވެ. އަދި މިނިސްޓްރީއާއި ސްޓެލްކޯއާއެކު އެ ކަމުގެ އެއްބަސްވުން ސޮއިކުރާ ގޮތަށް ހަމަޖައްސައި އެއްބަސްވުމުގެ ދެލިކޮޕީ ވެސް ވަނީ ތައްޔާރުކޮށްފައެވެ. އެހެންވިޔަސް ދެލިކޮޕީއަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދަން ފޮނުވާފައިވާތީ ސޮއި ކުރަން ލަސްތަކެއް އުޅެނީއެވެ. އެނގިފައިވާ ގޮތުގައި ބަންޑާރަ ނައިބުގެ ލަފާ ލިބުމުން އެއްބަސްވުމުގައި ސޮއިކުރާނެއެވެ.