މިއަދު އއ. އުކުޅަހުގައި ފެށުނު އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމަށް އެޖެންޑާކޮށްފައިވީ ނަމަވެސް ކޮންގުރެސްގައި އެމަނިކުފާނު ވާހަކަފުޅު ނުދައްކަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ކޮންގްރެސްއަށް އެމްޑީޕީގެ އަހަރީ ރިޕޯޓް ހުށަހެޅުއްވުމަށްފަހު ވާހަކަދައްކަވަމުންނެވެ. ހަސަން ވިދާޅުވީ ކޮންގްރެސްގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް އެޖެންޑާގައި ހިމަނާފައިނުވާ ކަމަށެވެ.

ނަމަވެސް ކޮންގްރެސްގެ ރަސްމީ ބައި ނިމުމުން ނަޝީދު ވާހަކަދައްކަވާނެއެވެ. ބެލެވޭ ގޮތުގައި އެއީ ގައިދީއަކު ބައިވެރިކޮށްގެން ބާއްވާ ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގްނަނާނެތީ އެޅި ފިޔަވަޅެކެވެ.

ވޭތުވެދިޔަ މުއްދަތުގައި ޕާޓީން ކޮށްފައިވާ މުހިއްމު ކަންތައްތަކުގެ މައުލޫމާތު އިއްވަމުން ހަސަން ވިދާޅުވީ ފާއިތުވީ އަހަރުތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

"މިދިޔަ އަހަރުގެ ކައުންސިލް އިންތިހާބުގައި 314 ގޮނޑި ކާމިޔާބުކޮށް ސަރުކާރުގެ މައްޗަށް ވަނީ ކުރި ހޯދާފައި. ޑިމޮކްރަސީގެ މައްޗަށް އެމްޑީޕީގެ ފަރިތަކަން ވަނީ ދައްކާފައި. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ވަކި ބޭފުޅަކަށް ދެންދެން ކުރީގައި އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު " ހަސަން ފާހަގަ ކުރިއެވެ.

މީގެ އިތުރުން ޕާޓީތަކާ އެކު ގުޅިގެން ކުރަމުންދާ މަސައްކަތުގައި މި އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެއްބަސްވުމަށް އާދެވިފައިވާކަން ހަސަން ފާހަގަ ކުރެއްވިއެވެ.

އެޖެންޑާ ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފާސްކޮށްފިއިވާއިރު ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވުމުގެ ހައްގު ލިބިގެން ވަނީ 1122 މެމްބަރުންނަށެވެ. ހާޒިރުވެވަޑައިގެން ތިއްބެވީ 812 މެމްބަރުން.

ރިޕޯޓް އިއްވަމުން ހަސަން ފާހަގަ ކުރެއްވި މުހިއްމު ކަންކަން ތަކުގެ ތެެރޭގައި އެމްޑީޕީގެ އާންމު މެމްބަރުންގެ އަދަދަކީ 52867 މެމްބަރުން ކަމަށާއި ޕާޓީގެ ގޮފިތަކުގެ އަދަދަކީ 640 އަދި އެމްޑީޕީގެ ކައުންސިލަރުންގެ އަދަދަކީ 382 އަދި ގައުމީ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 114 މެމްބަރުން ކަމަށެވެ.

މީގެ އިތުރުން އެންމެ ބާރު ގަދަ ގުނަވަން ކޮންގްރެސްގެ މެމްބަރުންގެ އަދަދު 1000 ވުރެ ގިނަ ކަން ހަސަން ލަތީފު ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު