ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ޑިޖިޓަލް އިގްތިސާދެއް ގާއިމް ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ގޮވް ޑޮޓް އެމްވީ މެސެޖް" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިގްތިސާދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށްޓަކައި، ޑިޖިޓަލް އިގްތިސާދަކާ ދިމާލަށް ގައުމު ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ޑިޖިޓަލް ކުރެއްވުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލްވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އަދި ޚިދުމަތްތައް ޑިޖިޓަލްވެގެން އަންނަ އިރު، ސަރުކާރު އޮފީސްތަކަށް އާންމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރުވެގެން ދިއުމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ތަނަވަސްވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންގެ ވަށައިގެން މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލްވަމުން. ދިރިއުޅުމުގެ އަސާސީ ހުރިހާ ޚިދުމަތެއްހެން މިހާރު އެ އަންނަނީ، ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން. ފައިސާގެ މުއާމަލާތްތަކާއި، ގައުމުތަކަށް އެތެރެވެ ބޭރުވުމާއި، ދަރިންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ޚިދުމަތްތައް ވެސް އެއަންނަނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަވަމުން" ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލް ދުނިޔެއާއި އެއް ހަމަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޑިޖިޓަލް އައިޑެންޓިޓީ ތަޢާރަފްކުރުމުން، ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެ ކަމުގެ ސަބަބުން ދިމާވެދާނެ ގާނޫނީ ގޮންޖެހުންތަކަށް ދުރާލާ ތައްޔާރުވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިއަދު ތައާރަފް ކުރި "ގޮވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތާއި އެކު ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އާއްމުން ބޭނުންވާ ޚިދުމަތަށް އެދެވުމާއި، ޝަކުވާ ހުށަހެޅުމަށް މަގުފަހިވެގެން ދާނެއެވެ. .

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޝޯޓުބުރި

  އެއީ ދެ ލާރި އެއްލާރިއަށް ބަދަލުވާ ނިޒާމެއްތޯއެވެ.

 2. ދިސްވޭ

  ރާއްޖެ އަށް 8 ލައްކަ ފަތުރު ވެރިން އައި ނަމަވެސް އެއިން ފައިދާ އެއް ނުކުރެއޭ އާންމު ނިކަމެތި ރައްޔިތުންނަށް އެއިން ކުރާ ފައިދާ އެއް ކުރަނީ ލަންކާ އިންޑިއާ އަދި އޮސްޓްރޭލިޔާ އަދި ތައިލެންޑް މީހުންނަށޭ މިރާއްޖޭގައި ހުރި ރިސޯރޓްސް ތައް ބިނާ ކުރީ ދިވެހިންނަށް ވަޒީފާ ދޭން އެކަމަކު ރިސޯރޓްސް ތަކުގައި އުޅެނީ ބޭރު މީހުން ހއ. މަނަފަރުގައި ޑައިރެކްޓަރުގެ މަގާމަށް އިއުލާން ކުރުމުން އެކަމަށް ކުރިމަތިލިއޭ ދިވެހި އެތައް ކޮލިޓީ ބަޔަކު އެކަކުވެސް ޝޯރޓް ލިސްޓް ވެސް ނުކޮށް އެމެން ވަޒީފާ ދިނީ ލަންކާ މީހަކަށޭ އެމީހަކީ އެއީ ތަނެއް ދޮރެއް ދަންނަ މީހެއް ނޫނޭ ފޭކް ސެރޓިފިކެޓްސް ތަކޭ ހިފައިގެން އަންނަނީ އެކަމަކު ސަަރުކާރުން ދޯ ވާރކް ވިސާ ދެނީ އެމެންނަށް ޓޫރިޒަމް މިނިސްޓަރު ޖެހޭނެއޭ އިސްތިއުފާ ދޭން މިކަމުގައި ޓޫރިޒަމް މިނިސްޓަރަށް ރިސޯރޓްސް ތަކުން ވަޒީފާ ހޯދަން ވެގެން އެދި ވަޒީފާ ނުލިބިފައިވާ ފަރާތް ތަކާއި ބައްދަލު ކޮށް އެމެންނަށް ވަޒީފާ ލިބޭނެ ގޮތެއް ވޭތޯ ވެސް ނެތޭ އެއްވެސް މަސައްކަތެއް ކޮށްފައި،...

 3. ހުސޭނުބޭ

  މިހާރުވެސް ހަމަ ޑިޖިޓަލްކޮށް! ފެންނަނީ ޢަދަދުތަކެއް! އަތަށް ލިބޭ އެއްޗެއް ހަރާމް! ކަލޭ ފުއްދާނަމޭ ބުނި ވަޢުދުތައްވެސް ހަމަ ޑިޖިޓަލްކޮށް!

 4. ދިސްވޭ

  އެމްއޭސީއެލްގެ އެމްޑީއެއްގެ މުސާރަ މަހަކު 65 ހާސް ޑޮލަރު ރީތި ރަށް ރިސޯރޓްގެ ޖީއެމްގެ މުސާރަ މަހަކު 30 ހާސް ޑޮލަރު އިތާފުށި ރިސޯރޓް ޖީއެމްގެ މުސާރަ މަހަކު 45 ހާސް ޔޫއެސް ޑޮލަރު ޕަޓީނާ މޯލްޑިވްސްގެ ޖީއެމް މުސާރަ މަހަކު 35 ހާސް ޔޫއެސް ޑޮލަރު ދެން ރިޓްޒް ކާރލްޓަން ޖީއެމް މުސާރަ މަހަކު 50 ހާސް ޔޫއެސް ޑޮލަރު ދެން ފުލްމޫން ޝެރެޓަން ޖީއެމްގެ މުސާރަ މަހަކު 35 ހާސް ޔޫއެސް ޑޮލަރު ދެން ކްރޮސް ރޯޑް ޖީއެމްގެ މުސާރަ މަހަކު 35 ހާސް ޔޫއެސްޑޮލަރު މުޅިން ބޭރުމީހުންނޭ ދިވެއްސަކު އެޕްލައި ކުރިނަމަވެސް ޝޯރޓް ލިސްޓް ވެސް ނުކުރާނެއޭ މިހުރިހާ ބޭރު މީހުންނަށް މިފައިސާ މިދެނީ އެއީ ސީދާ މަޓީގެ އެގްޒެކްޓިވް ބޯރޑް އަޑީގައި އޮވެގެންނޭ އެމެން އެބަޖެހޭ ބަދަލު ކުރަން ނުވަތަ މަޓީ އުވާލަން އެބަޖެހޭ ކޮންމެވެސް އެއް ގޮތެއް ހަދައިގެން މެނުވީ ދިވެހި އިގްތިސާދު މިހާރު އަޅުވެތި ކޮށްފައިވާ އިސްތިއުމާރީ އަޅުވެތި ކަމުން ސަލާމަތް ނުވާނެއޭ...

 5. ދޯދި

  ޑިޖިޓަލް އިގްތިސާދެއް ކިޔަން އެގުނު ބާ؟؟

 6. ޙަދިސައިބު

  ޢަމާޒަކީ އިންޑިޔާއަށް ގައުމުގެ އިގުތިސާދު ވިއްކާލުން

 7. ޣ

  ދިވެހިން ބޮޑަކައްލާފަ ތިބޭ ރިޒޯޓުތަކުގައި އަނެއްކޮޅުން ދިވެހިންގެ ބޮޑަކައްހުންނަ މީހާއުޅެނީ ދަށުގަތިބޭ ދިވެހި މުއައްޒަފުންގެ ބޮލައް ފައިންއަރަން ހެޔޮއެއްވެސް ގޮތެއް އެބައޮތްތަ.

 8. ވަހީދުބެ

  ޑިޖިޓަލް އިގްތިޞޯދު އަންނާތީދޯ ގައުމު ދަރާވިކި އެހެންބައެއްގެ އަޅުވެތިކަމަށް ތިޔަގެންދަނީ.

  2
  1
 9. ހަސަދު

  އަމާޡު ވަރަށް ރަނގަޅޫ އެހެނަސް ކަން ނުވާތީ ދެރައީ. ރާއްޖެ އެތަށް އަހަރެއް ފަހަތަށް ދުއްވާލައިފި. ދިވެހި ރާއްޖޭގައި އެޑުރެސް ކުރަން ކުރަން ޖެހޭ ބޮޑެތި މައްސަލަ ތައް އެބަހުރި. އެއްވެސް ކަމެއް ނުވޭ.

 10. Anonymous

  ކަލެޭ ޑިޖިޓަލް ކިޔަންދަސްކުރީކިހިނެއް އިބުރަާ

 11. އިސްޢާފް ސަލީމް

  ހުސް އަމާޒް< މިނޫންއެއްޗެއް ކިޔަން ނޭގޭ މީހެއްތަމީ؟

 12. ޑިޖިޓަލް ކުންފުނި

  ވެރިކަމަށް އައުމަށް ނޫ އިގްތިޞާދެއްގެ ވާހަކަ ދައްކައި ފޮނިކެނޑިއެވެ. ނޫ އިގްތިޞާދު މިހާރު ޑިޖިޓަލް އިގްތިޞާދަކަށް ބަދަލުކޮއްލަނީތޯއެވެ.

 13. ރަޒީނާ

  ދުވާލަކު ދެ ދަޅަޔައް އައު އަމާޒެއް ހަދާއިރު ކިހާ މިންވަރަކައްތޯ މަސައްކަތެއްކުރެވެނީ އަމަލީގޮތުން.؟

 14. މަސްއޫދު

  އަހަރެމެނަށް ތިބުނާ ކާޑޭއް ލިބުމުގެ ކުރިން އަޅުވެތިކަމުން ސަލާމަތްވާން ބޭނުން! އިބުރާހިމާ ! ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ކޮންމެފަދަ ގުރުބާނީއެއްދީގެންވެސް މިނިވަންކަން ހިމާޔަތްކުރޭ! އަމިއްލަ ފައިދާއަށް ގައުމު ހަލާކުކޮށް ބުދުދީނުގެ(އެވެސް މިސަރަހައްދުގައިއޮތް) އެންމެ ނުލަފަ ގައުމުގެ އަޅުވެތިކަމަށް ގައުމު ދުއްވާތިލަނީ މިގައުމަށް ހިތުގައި އެއްވެސް ހަމްދަރުދީއެއް ނެތީމައި! ގާނޫނު އަސާށީއާ ޚިލާފަށް ހިންގާ ކޮންމެ އަމަލެއްގެ ހިސާބު ކުޅަދުން ކިލޯއަށްބެލެވޭނެ! މިކަމުގައި އިބުރާހިމް ކުއްވެރިވާނަމަ ހަމަ ދާންޖެހޭނީ ބުރަ މަސއްކަތާއެކު އެއްކަލަ ޖަލަށް!