އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހަވާލުވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހަންދެން ކުރިއަށްދާނީ މިހާރު ކުރިއަށްދާ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅިއެވެ. އެއަށް ފަހު ރިޔާސަތާ ހަވާލުވެވަޑައިގެން ޝާހިދު ތަގުރީގު ކުރައްވާނެއެވެ.

އަންނަ ދައުރުގެ އާއްމު މަޖިލިހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގެންފައި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. ޖުން މަހު، އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ސިއްރު ވޯޓުގައި އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުކޮށްފައިވަނީ 143 ގައުމުގެ ވޯޓާއެކުގައެވެ. މި އިންތިހާބުގައި ރަސޫލްއަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

މިއީ ދިވެއްސަކަށް އދ. ގައި މިހާ މަތީ މަގާމެއް ފުރުއްވަން ލިބުނު ފުރަތަމަ ފަހަރެވެ.

ރާއްޖެ އަށް އދ. ގެ އާއްމު މަޖިލިހުގެ ރައީސް ކަން ލިބުނު އިރު، ރާއްޖެ އިން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފައެވެ. ޝާހިދު ވިދާޅުވި ކުރިން ގޮތުގައި އދ. ގެ އާއްމު މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމުގެ ސަބަބުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑި ރާއްޖެ އަށް ހޯދުމަކީ މިހާރު ފަސޭހަ ކަމަކަށް ވާނެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ދުނިޔޭގައި އެންމެ ބާރު ހިނގާނެ އެއް ލީޑަރަށް ވާނެއެވެ. މީގެކުރިން ނަމަ އާންމު މަޖިލީހަށް މައްސައެއް ގެންނަން ބޭނުން ނަމަ ރައީސަކަށް ހުންނަވާ ބޭފުޅަކާ މަޝްވަރާކޮށްގެން މައްސަލަ އެޖެންޑާ ކުރާ ތަން ފެނެއެވެ. އަދި ބައެއް މައްސަލަތައް އެޖެންޑާގެ ކުރިއަށް ގެންގޮސްގެން ކުރާ ފަހަރު ވެސް އާދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ނިސްބަތްވާ ގައުމަށް ވެސް ފައިދާކުރެއެވެ. އިގްތިސާދީ ކުރިއެރުމާއި ތަރައްގީގެ އެތައް ފުރުސަތެއްގެ ދޮރު ހުޅުވިގެންދެއެވެ.

ޝާހިދު ކުރައްވާ މަސައްކަތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.