ޕްރޮސެކިއުޓާ ޖެނެރެލް (ޕީޖީ) ހުސައިން ޝަމީމްއަށް އަމާޒުވާ ޒާތީ ތުހުމަތުތަކުން ބަރީއަވުމަށް، ޕީޖީ އޮފީސް ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލްއަކީ ޝަރުއީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޖަސްޓިސް މިނިސްޓަރުކަމުގެ އިތުރުން ފަނޑިޔާރުކަންވެސް ކުރައްވާފައެވެ.

ޖަމީލް މިފަދައިން ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގިނަ ތުހުމަތުތަކެއް ޕީޖީ ޝަމީމްއަށް ކޮށްފައި ވަނިކޮށެވެ.

އެގޮތުން ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުންގެ ތެރޭގައި ޝަމީމް ހިމެނޭ ކަމަށާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ސައްހަ ލިސްޓު ފެށެނީ ޝަމީމްއާއި ހަމައިން ކަމަށް އަލީ ވަހީދު ތުހުމަތު ކުރައްވައެވެ.

ރެހެންދި ފްލެޓަކީ ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭޒްތެރިޔާ އަހުމަދު އަދީބު ދިރިއުޅުއްވި ފްލެޓެވެ.

ޝަމީމްއަށް އަމާޒުވި މި ތުހުމަތުތަކާއި ގުޅިގެން އޭނާ "ވަގުތު" އަށް ވިދާޅުވީ އެ ބާވަތުގެ ކަންކަމާ މެދު އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.

ޕީޖީގެ ބަދަލުގައި މި ތުހުމަތަށް ޖަވާބުދާރީވީ އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިޔާ އޮފިޝަލް އަހްްމަދު ޝަފީއުއެވެ. ނޫސްވެރިންނާއި އެކު ހަދާފައިވާ ވައިބާ ގްރޫޕްގައި މި ތުހުމަތާއި ގުޅިގެން ސުވާލުކުރެއްވުމުން ޝަފީއު ވަނީ ޕީޖީއަށް އަމާޒުވި މި ތުހުމަތު ދޮގުކުރައްވައިފައެވެ. އަދި ދައުވާ ރައްދުވާ ފަރާތްތައް ކުރާ ތުހުމަތުތަކަށް ޕީޖީއޮފީހުން ރަސްމީކޮށް ކޮމެންޓް ކޮށް ނޫޅޭކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވަރަށް ބޮޑަށް ޕީޖީ ޝަމީމްއަށް ފާޑު ވިދާޅުވެފައެވެ.

އެ ޓްވީޓްގައި އޭނާ ވިދާޅުވީ އަމާޒުވާ ޒާތީ ތުހުމަތުތަކާއި ގުޅިގެން އަމިއްލަ މަސްލަހަތާއި، ރަސްމީ މަސައްކަތް މަސްހުނި ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކުން ބަރީއަވުމަށް ޕީޖީ އޮފީސް ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

"ގާނޫނީ ދާއިރާއަށް ޕީޖީ އިޙްތިރާމް ނުކުރައްވާ. އަމިއްލަ މަސްލަހަތާއި ޕްރޮސެކިއުޝަން މަސްހުނި ކުރަން ގާނޫނު ހުއްދަނުކުރޭ. ޕީޖީ އޮފީސް ބޭނުންކުރައްވައި ދިފާއު ނެންގެވުމަކީ މަގާމްގެ ނަހަމަ ބޭނުންކުރުން. ބޮޑެތި ތުހުމަތުތަކުގެ އަޑުގަދަވެ އިތުބާރު ގެއްލިއްޖެ." ޖަމީލް ކުރެއްވި ޓްވީޓްގައި ވެއެވެ.

މި ޓްވީޓް އިތުރަށް ތަފްސީލުކޮށްދެއްވަމުން ޖަމީލް "ވަގުތު" އަށް ވިދާޅުވީ ޝަމީމް ގާނޫނާ ހިލާފުވެއްޖެ ކަމަށެވެ. އަދި މަގާމުގެ ނުފޫޒާއި، ބާރުވެރިކަން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޕީޖީކަމުގެ މަގާމާއި ހަވާލުވުމުގެ ދިމާވި ކަމަކާއި ގުޅިގެން އަމާޒުވި ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ގޮތުން ޕީޖީ އޮފީސް ބޭނުން ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫންކަމަށެވެ. އެއީ އަމިއްލަ މަސްލަހަތު އެކުލެވޭ، ޒާތީ މައްސަލައަކަށް ވުމުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

"އަމާޒުވާ ތުހުމަތުތަކުން ބަރީއަވުމަށް ޕީޖީ އޮފީސް ނިވާފަތްގަނޑަކަށް ނުހެދޭނެ. އެއީ އެ ކަމެއް ދިމާވެފައި ވަނީ ޕީޖީކަމުގެ މަގާމާއި ޝަމީމް ހަވާލުވުމުގެ ކުރިން. އެއީ ޝަމީމްގެ އަމިއްލަ މަސްލަހަތު އެކުލެވޭ ޒާތީ ކަމެއް. މަގާމުގެ ބާރުވެރިކަން ނަހަމަ ގޮތުގައި ހިފާފައި އެ އޮތީ. ގާނޫނީ ކުށެއް އެއީ." ޖަމީލް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ހިޔާނާތުގެ ލިސްޓުގައި 281 މީހެއްގެ ނަން އޮތްއިރު، މީގައި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބޭފުޅުންގެ ނަން ވެސް ހިމެނެއެވެ. ކުރީގެ ފަނޑިޔާރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އޭރުގެ އިސްވެރިންނާއި، މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުން ހިމެނެއެވެ.

މީގެ ތެރެއިން މިހާރު ދައުލަތުގެ ވަޒީފާތަކުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި ވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކާއި އައްޔަން ކޮށްފައިވާ މަގާމުތަކުގެ އިތުރުން އިންތިހާބީ މަގާމުތައް ހިމެނެއެވެ.

ލިސްޓުގައި ނަން އޮތް ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކިކުރަން ސަރުކާރަށް ހުށަހަޅަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ހިޔާނާތުގެ ލިސްޓުގައި ނަން އޮވެ، އޭސީސީން ޕީޖީއަށް، ދައުވާކޮށްދިނުމަށް ފޮނުވާފައިވާތީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވަނީ މަގާމުން ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީހަމީދު.

    ވަރައްވެސް އޮއްޓަރުހުރި ދިޔައެއް ސަމީމައް ތިޔަބޯންދެއްވީ ޖަމީލު އަދީބައް ދައުވާނުކޮއް ރީތިކޮން ގޭގަބަހައްޓާފަ އެހެރީ ހަމަސީދާ ޕީޖީސަމީމު އެގޮތް ބޭނުންވެގެން ރެހެންދިފުލެޓުގަ ވެފަވާ އެއްބަސްވުމާ އެއްގޮތައް އަދީބައް ހަދިޔާއެއް ދިނުމުގެ ބޭނުމުގަ މަގާމުގެ ކުރިން ހިނގާފަ ހުރި ޖަރީމާޔައް ނިވާފަތަކައް މަގާމު ބޭނުން އެކުރަނީ ޕީޖީގެ މައުސޫމު ކަމާމެދު ރައްޔިތުން ސުވާލު ކުރަނީ މިހެންވެ