ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް ގދ. ތިނަދޫ އަސާގެ، ސަމާއު އަބްދުލް ނަޖީބް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ސަމާއު އައްޔަން ކުރަން ރުހުން ދޭން ފާސްކުރީ 42 މެންބަރުންގެ ވޯޓުންނެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެޗްއާރުސީއެމްގެ މެންބަރަކު މަގާމުން ހުސްވީ ކުރިން އެ ކޮމިޝަންގެ މެންބަރަކަށް ހުންނެވި ނައިވީން އަބްދުﷲގެ ދައުރު ހަމަވެ އެ މަގާމު ހުސްވުމުންނެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އަައްޔަން ކުރަން 14 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ޖުލައި މަހު ފޮނުއްވިއެވެ. އެކަމަކު އެ ބޭފުޅުން އިންޓަވިއުކޮށް ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމީ ސަމާއުގެ ނަން އެކަނި ތަޅުމަށް ފޮނުވުމަށެވެ.

އެޗްއާރުސީއެމް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގައި ތިއްބެވީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މުއުމިނާ ވަޙީދާއި، ޑރ. އަޙްމަދު އަދުހަމް އަބްދުﷲގެ އިތުރުން މަރިޔަމް މުނާއެވެ. މީގެ ތެރެއިން ރައީސްއާއި ނައިބު ރައީސްއަކު އަދި އިންތިޚާބެއް ނުކުރެއެވެ.