ފެން ހިންދާ ނިޒާމު ނެތުމުގެ ސަބަބުން އައްޑޫސިޓީގެ ހޮސްޕިޓަލް ކައިރީގައި ހިންގާ ބައެއް ވިޔަފާރިތައް ބަނގުރޫޓޫވާން ހިސާބަށް ގޮސްފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފިއެވެ.

އައްޑޫ ސިޓީއަކީ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ސިޓީއެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެތައް އަހަރުވަންދެން އައްޑޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ މީހަކު ބުނީ، އައްޑޫގައި އަމިއްލަ ވިޔަފާރިއެއް ފަށައިގަތީ ފަސް ވަރަަކަށް "މިލިއަން" ރުފިޔާ ހަރަދު ކޮށްގެން ކަމަށެވެ.

އެހެން ނަމަވެސް ވިޔަފާރި ކިތަންމެ ރަނގަޅުވީ ނަމަވެސް، ބައެއް ކަހަލަ ދަތިތައް ހުރުމުގެ ސަބަބުން ވިޔަފާރިއަށް ގޮންޖެހުންތަކެއް ލިބެމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެގޮތުން އޭނާ ބުނީ، ނަރުދަމާ ނުވަތަ ފެން ހިނދޭނެ ނިޒާމެއް ނެތުމުގެ ސަބަބުން ވަރަށް ބޮޑެތި ހަރަދުތަކެއް އަމިއްލަ ޖިބުންދާ ކަމަށެވެ.

"ނަރުދަމާގެ ނިޒާމެއް ނެތުމުގެ ސަބަބުން އެތަނުގައި ތިބި ވިޔާފާރިތައް ބަނގުރޫޓުވެގެން. ތަން ހުއްޓާލަން ޖެހި. ތަނުގައި ތިބި 20-30 މުވައްޒަފުން ބޭކަރުވުމަކީ އެއީ ސަރުކާރަށް ދަތި ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން"

އައްޑޫ ހޮސްޕިޓަލް ސަރަހައްދަށް ބަލާއިރު، ހޮސްޕިޓަލުގައި ވަނީ ނަރުދަމާގެ ނިޒާމު ގާއިމު ކޮށްފައެވެ. އެހެން ނަމަވެސް އެސަރަހައްދުގައި ގެތައް އަޅައި ދިރިއުޅުން ބަދަލު ކުރަމުން އަންނަ މީހުންނަށް ނަރުދަމާ ނެތް މައްސަލަ އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"އަބަދު ވެސް މީޑިއާތަކުން ދައްކަމުން އަންނަނީ އައްޑޫ މިވެނި އެއެނި ކަމެއް ކުރަނީ. އެގޮތަށް ބުނާއިރު ވެސް އަޅުގަނޑު ހަމަ ހައިރާންވޭ، ލަދުވެސް ގަނޭ ރައްޔިތުންނަށް އެފަދަ ބޮޑު ގެއްލުންތަކެއް ވަމުންދާއިރު، ސަރުކާރަކުން ނަރުދަމާ ނިޒާމަކީ ބޮޑު ކަމަކަށް ނުހަދާތީ"

އޭނާ ބުނީ، ހޮސްޕިޓަލް ސަރަހައްދުގައި ގެސްޓް ހައުސްތައް ހުރިއިރު، އެތަންތަން ހަދާފައި ހުންނަނީ ރާއްޖޭގެ އެހެން ރަށްތަކުން ބޭސްފަރުވާއަށް އަންނަ މީހުންނަށް ލުއިތަކެއް ހޯދައި ދިނުމަށް ކަމަށާއި އެހެން ނަމަވެސް އެތަންތަނުގެ ފާހަނާތައް ބޭނުން ނުކުރެވިގެން އެފަރާތްތަކުން ހޮސްޕިޓަލާއި ދުރުން ތަންތަން ހޯދާ ކަމަށެވެ.

"ކޮޓަރިތަކުގެ ފާހަނާތައް ބޭނުން ކޮށްފިއްޔާ މަގުތަކަށް ފެންގަނޑު މިދަނީ. މަގުތަކުގައި ފެންބޮޑުވަނީ. ކިހާ ހަޑިއެއްވާނެ އެގޮތަށް ވުމުން. އެމީހުން ވެސް ބޭނުމެއް ނުވޭ އެގޮތަށް ވުމުން އެތަން ބޭނުން ކުރާކަށް"

އޭނާ ބުނީ، އޭނާ ކުރަމުން އަންނަ ވިޔާފާރީގައި އުޅޭ މުވައްޒަފުން އެސަރަހައްދުގައި ދިރިއުޅެމުން އަންނަ ކަމަށާއި އެފަރާތްތަކުން ވެސް ފާހަނާ މައްސަލައިގައި ޝަކުވާ ކޮށްފައިވާ ކަމަށެވެ.

"އެކަމެއް ހައްލު ކުރަން އަމިއްލައަށް ވަޅުތައް ވެސް ބެހެއްޓިން. ހަތަރު ފަސް ވަރަކަށް ވަޅު ބެހެއްޓިން. ދެން އެވަޅުތައް ވެސް ފުރެނީ އެ ސަރަހައްދަކީ އެއީ މަޑުކޮށް އޮންނަ ސަރަހައްދަކަށްވާތީ ފެން ނުހިނދިގެން."

އޭނާ ބުނީ، އެގޮތަށް ވަޅުތައް ފުރިގެން ރަށުގައި ގެންގުޅޭ ޖަންކްޝަން ހިއްކާ ވެހިކަލް ގެނެސްގެން ދުވާލެއްގެ މައްޗަށް 4000 އަމިއްލާ ޖީބުން ހަރަދުވާ ކަމަށެވެ. އެގޮތަށް އެކަން ކުރަމުން އައި ނަމަވެސް މިހާރު އެކަން ނުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، ރަށުގައި އެފަދަ މައްސަލަތަކެއް ހުރިއިރު، މިވަގުތު ބޭނުން ކުރަމުން އަންނަނީ ޖަންކްޝަން ހިއްކާ އެންމެ ވެހިކަލެއް ކަމަށާއި އެ ވެހިކަލް ވެސް ކައިރީގައި އޮންނަ ފުވައްމުލައް ސިޓީއަށް މަހަކު އެއްލައްކަ ރުފިޔާގެ މަގުން ކުއްޔަށް ދީފައިވާ ކަމަށެވެ.

ނަރުދަމާގެ މައްސަލައިގައި އައްޑޫސިޓީ ކައުންސިލަށް މިދިޔަ ދައުރުގެ އިތުރުން މި ދައުރުގައި ވެސް ގޮސް އިހުސާސްތައް ހިއްސާ ކުރިކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެއީ ފެނަކާއާއި ބެހޭ ކަމެއް ކަމަށް ބުނެ ކައުންސިލުން އެކަމާއި އަޅާ ނުލާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އައްޑޫ މޭޔަރު އެ އުޅެނީ އައްޑޫގައި ހިނގާ ތަރައްޤީގެ މަޝްރޫޢުތައް ގުނާ ޢަދަދުވެސްނުކުރެވިގެން! މޭޔަރު ކައިރީގައި އަހާބަލަ ފެންހިންދާ މަސްރޫޢު ކުރިޔަށްދޭތޯ! މަށަށް އެނގޭ ކަމަކީ ކުރިޔަށްދާ މަސްރޫޢުތައް ކިޔައިދޭން އޭނާއަށް ނޭގޭކަން!

    2
    2
  2. ނަރުދަމާ

    އައްޑޫ ހުޅުދޫ މީދޫ މީހުން ޔާމީނުގެ ވެރިކަމުގަ ނަރުފަމާޔާ ބޯފެންވެސް އަޅުވައިފި ގުޅިފައިވާ 4 ރަށުމީހުން ބޭނުންވީ އެމްޑީޕީ ވެރިކަމުގަ ނަރުދަމާޔާ ބޯފެން އަޅުވަން މިއޮތީ އެވެރިކަން ދެން އަޅުވާ